ސޮޯމާލިޔާގެ ރައީސާއި ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ ދަޢުރު އިތުރުކުރުމަށް ނިންމުމުން އެމެރިކާއިން ހިތްހަމަނުޖެހިއްޖެއެވެ.
ސޯމާލިޔާގެ ރައީސް މުޙައްމަދު ޢަބްދުﷲ މުޙައްމަދުގެ ހަތަރު އަހަރުގެ ރިޔާސީ ދަޢުރު ހަމަވީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައެވެ. އޭނާގެ ދަޢުރު އިތުރު ދެ އަހަރަށް އިތުރުކުރުމަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިން ވޯޓުދިނީ އޭޕުރިލް މަހުގެ 12ވަނަ ދުވަހުއެވެ.
އެ ނިންމުމާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެން ވިދާޅުވީ ރައީސާއި ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ ދަޢުރުގެ މުއްދަތު އިތުރުކުރުމަށް ސޯމާލިޔާއިން ނިންމާފައިވާ ނިންމުމާމެދު ހިތާމަކުރައްވާކަމަށެވެ. މަޖިލީހުން ފާސްކޮށްފައިވާ ބިލު ތަންފީޒުކުރުމުން މިހާރުވެސް ގިނަ ހަމަނުޖެހުންތަކެއް އުފެދިފައިވާ ސޯމާލިޔާގެ ޞުލްޙައާއި ސަލާމަތަށް އިތުރަށް ހުރަސް އެޅޭނެކަމަށް ބުލިންކެން ނެރުއްވި ބަޔާނެއްގައި ބުނެފައިވެއެވެ.
ސޯމާލިޔާގެ ނިންމުމުގެ ސަބަބުން އެމެރިކާއާއި އެ ޤައުމާ ދެމެދު އޮންނަ ޚާރިޖީ ގުޅުން އަލުން މުރާޖަޢާކުރަން ޖެހޭނެކަމަށް ބުލިންކެން ވިދާޅުވިއެވެ. ސޯމާލިޔާގެ ޞުލްޙައާއި ސަލާމަތަށް އަސަރުކުރާފަދަ ނިންމުމެއް ނިންމުމުން އެމެރިކާގެ ފަރާތުން އެ ޤައުމަށް ދޭ އެހީތެރިކަމަށް އަސަރުކުރުން އެކަށީގެންވާކަމަށްވެސް ބުލިންކެން ވިދާޅުވިއެވެ. އަދި އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި ވިޒާ ދޫނުކޮށް ހިފެހެއްޓުންފަދަ ފިޔަވަޅުތަކެއް އަޅަން ޖެހިދާނެކަމުގެ އިންޒާރުވެސް ބުލިންކެން ދެއްވިއެވެ.
ސޯމާލިޔާއަށް ކުރިމަތިވެފައިވާ ސިޔާސީ ހަމަނުޖެހުމުގެ ސަބަބުން އެ ޤައުމުގައި އޮތް ބައިބައިވުންވަނީ އިތުރުވެފައެވެ. އޭގެ ސަބަބުން ފާއިތުވި 12 އަހަރު ދުވަހުގެ ތެރޭގައި ހަނގުރާމަވެރި ޖަމާޢަތްތަކާ ދެކޮޅަށް އެ ޤައުމުން ކުރަމުންދާ ހަނގުރާމައަށް ދެމުންދާ ސަމާލުކަންވަނީ ކުޑަވެފައެވެ.
އެފުރިކަން ޔޫނިއަނާއި ވިލާތުގެ އިއްތިޙާދާއި އދއާއި އިންޓަގޮވަމެންޓަލް އޮތޯރިޓީ އޮން ޑިވެލޮޕުމަންޓުންވަނީ ސޯމާލިޔާގެ ރައީސްގެ ދަޢުުރު ދިގުކުރުމަށް ނިންމާފައިވާ ނިންމުމަށް ތާޢީދު ނުކުރާކަމަށް ބުނެފައެވެ.