ކުޅިވަރު

ބ. ތުޅާދޫ އައުޓްޑޯ ޖިމްގެ މަސައްކަތް ނިމިއްޖެ


ބ. ތުޅާދޫ އައުޓްޑޯ ޖިމް ހަދާ ނިމިއްޖެއެވެ. ޕީ.އެސް.އެމް އަށް މައުލޫމާތު ދެމުން ޔޫތް މިނިސްޓްރީން ވިދާޅުވީ، ބ.ތުޅާދޫ އައުޓުޑޯ ޖިމް މަޝްރޫޢަކީ ޑަބްލިއު.އެޗް.އޯއާ، ހެލްތް މިނިސްޓްރީއާ، ޔޫތް މިނިސްޓްރީ ގުޅިގެން ހިންގި ޕްރެޖެކްޓެއްކަމަށެވެ.

ޔޫތު މިނިސްޓްރީން ވިދާޅުވީ ޑަބްލިއުއެޗްއޯއިން ހެލްތް މިނިސްޓްރީއަށް ފަސް އައުޓްޑޯ ޖިމް ސެޓު ހަދިޔާކުރި ކަމަށާ، ހެލްތް މިނިސްޓްރީން މި ޖިމް ސެޓުތައް ޔޫތް މިނިސްޓްރީއާ ހަވާލުކުރުމުން، ޕްރެޖްކްޓްތައް ކުރިޔަށް ގެންދިޔައީ ހެލްމިނިސްޓްރީއާ ގުޅިގެން ޔޫތް މިނިސްޓްރީން ކަމަށެވެ. ޑަބްލިއުއެޗްއޯއިން ހަދިޔާކުރި ފަސް ޖިސް ސެޓް މިހާރު ވަނީ ފަސް ރަށެއްގެ ކައުންސިލާ ހަވާލުކޮށްފަ ކަމަށް ވެސް ޔޫތް މިނިސްޓްރީން ހާމަކުރެއެވެ. މީގެއިން ކޮންމެ ސެޓެއްގައި 8 ކަސްރަތުކުރާ މެޝިން ހުރިކަމަށާ، މި ޖިމް ސެޓްތައް ހަވާލުކުރީ، ބ.ތުޅާދޫގެ އިތުރުން ހދ.ފިއްލަދޫ، ށ.މިލަންދޫ، ތ.ތިމަރަފުށި އަދި އއ.ރަސްދޫގެ ކައުންސިލާކަމަށެވެ. އިތުރަށް މައުލޫމާތު ދެމުން މިނިސްޓްރީން ހާމަކުރީ، ބ.ތުޅާދޫގެ އައުޓޯ ޖިމް ސެޓުގެ ބުޑުއެޅުމަށާ، އިތުރު މަސައްކަތްތަށް ކުރުމަށް ބ.އަތޮޅު ކައުންސިލާ ފަންސާސްހާސް ރުފިޔާ ޔޫތް މިނިސްޓްރީން ހަވާލުކުރި ކަމަށާ، ޖިމް ސެތް ރޭވުމަށް މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅެއް ވެސް ތުޅާދޫއަށް ފޮނުވިކަމަށާ އަދި އިކިއުޕްމަންޓަތައް ރަށަށް ފޮނުވުމަށް ދައްކަން ޖެހުނު ބޯޓް ނާލުވެސް ދެއްކީ މިނިސްޓްރީންކަމަށެވެ. އެގޮތުން، މި ޕްރޮޖެކްޓަށް ޔޫތް މިނިސްޓްރީން ގާތްގަޑަކަށް އަށްޑިހަ ހާސް ރުފިޔާ ޚަރަދު ވިކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މިނިސްޓްރީ އޮފް ޔޫތު ސްޕޯތްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓުން އިތުރަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހދ.ފިއްލަދޫ، ށ. މިލަންދޫގެ ޖިމްތައް ވެސް ނިމިފައި ވާކަމަށާ، އއ.ރަސްދޫ އަދި ތ.ތިމަރަފުށީގެ ޖިމްގެ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށެވެ.