ޚަބަރު

މިނިސްޓަރ ޝާހިދު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފި


ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އިންޑިއާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ.އެސް ޖައިޝަންކަރްއާ ބައްދަލުކުރައްވާ، ބައިލެޓްރަލް އަދި މަލްޓިލޭޓަރަލް ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. މިނިސްޓަރގެ މި ދަތުރުފުޅުގެ ރަސްމީ ބައްދަލުވުންތައް ކުރިއަށްދާނީ ބުރާސްފަތި އަދި ހުކުރު ދުވަހުއެވެ.

އިންޑިއާއިން އަންނަނީ ރާއްޖެއަށް އެކި ގޮތްތަކުން އެހީތެރިކަން ފޯރުކޮދެމުންނެވެ. އެގޮތުން ކޯވިޑް19ގެ ޙަލަތާ ގުޅިގެން ބޭހާ ވެކްސިން ފޯރުކޮށްދިނުމާ، އަދި ރާއްޖޭގައި ގިނަ މަޝްރޫޢޫތަކެއް ކުރިއަށްގެންދިއުމުގައި އެހީތެރިކަން ދިނުމާ ގުޅޭ އެއްބަސްވުންތަކުގައިވެސް ދެ ޤައުމުގެ ދެމެދުގައިވަނީ ސޮއިކޮށްފައެވެ.

ނިމުނު ފެބްރުއަރީމަހު އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ.އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައިވެސް ވަނީ 7 ދާއިރާއަކުން އެހީތެރިކަން ދިނުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މީގެތެރޭގައި އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމާ، މާލޭ ސަރަޙައްދުގައި 2000 ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ލޯނު އެހީގެ އެއްބަސްވުން ހިމެނެއެވެ. އަދި މި ދަތުރުފުޅުގައި 2 ލައްކަ ޑޯޒްގެ ކޮވިޝީލްޑް ވެކްސިންވެސް ހަދިޔާކޮށްފައިވެއެވެ.