ކުޅިވަރު

ސިޓީއަށް ލީގު ކާމިޔާބުކޮށް ނުދެވިއްޖެނަމަ އޭނާ ނާކާމިޔާބު: ގާޑިއޯލާ


ޔުއޭފާ ޗެމްޕިއަންސް ލީގު މެންޗެސްޓަރ ސިޓީއަށް ކާމިޔާބުކޮށް ނުދެވިއްޖެނަމަ އޭނާ ވާނީ ސިޓީއަށް ނާކާމިޔާބު ކޯޗަކަށް ކަމަށް ޕެޕް ގާޑިއޯލާ ބުނެފިއެވެ. ޕެޕް މިހެން ބުނެފައިވަނީ މިމުބާރާތުގެ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގްގައި މިރޭ ބޮރޫޝިއާ ޑޯޓްމުންޑާއި ދެކޮޅަށް ކުޅޭ މެޗްގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.

މިރޭގެ މެޗަށް ނިކުންނައިރު ސިޓީއިންވަނީ އަމިއްލަ ދަނޑުގައި މިދިޔަ ހަފްތާގައި ކުޅުނު ފުރަތަމަ ލެގް 2 ލަނޑު އެއްލަނޑުން ކާމިޔާބުކޮށްފައެވެ. ސިޓީގެ ކޯޗުކަމާއި ގާޑިއޯލާ ހަވާލުވިފަހުން މިހާތަނަށް މިމުބާރާތުގެ ސެމީފައިނަލަށް ދަތުރު ކުރެވިފައެއް ނުވެއެވެ. އަދި ކޮންމެ ފަހަރަކުވެސް މިވަނީ ކުއާޓަރ ފައިނަލާއި ހިސާބުން މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ. ގާޑިއޯލާ ބުނީ މިރޭގެ ނަތީޖާ ނިކުންނަ ގޮތަކުން ސިޓީ ސެމީއަށް ނުގޮސް ކަޓައިފިކަމަށް ވާނަމަ އޭނާ ވާނީ ނާކާމިޔާބު ކޯޗަކަށް ކަމަށާއި ހަމައެއާއެކު މިރޭގެ މެޗް ކާމިޔާބުކޮށްފި ކަމަށްވާ ނަމަ ޕެޕް ވަރުގެ މީހެއް ނުހުންނާނެ ކަމަށެވެ.

މިރޭގެ މެޗަށް ކުރިމަތިލާއިރު ޑޯޓްމުންޑްއިން ފުރަތަމަ މެޗްގައި ޖެހި ލަނޑާއެކު މިރޭ އެއްލަނޑު ސުންލަނޑުން މެޗް ކާމިޔާބުކޮށްފި ނަމަ ސެމީފައިނަލަށް ދަތުރު ކުރާނީ ޑޯޓްމުންޑްއެވެ. ޕެޕް ހާމަކުރިގޮތުގައި މިރޭ ގެ މެޗްގައި އޭނާގެ ކުޅުންތެރިންނަށް ބޮޑަށް ވިސްނަދޭނީ އެޓީމްގެ ކުޅުން ކުޅުމަށް ކަމަށާއި ލިބިފައިވި ލީޑު ދިފާއު ކޮށް ޑިފެންސަށް އިސްކަން ދީގެން ކުޅެން އުޅެފިނަމަ މެޗް އަތުން ބީވެގެން ދިއުން އޮންނާނީ ކައިރީގަ ކަމަށާއި އެހެން ކަމުން އެކަން އޭނާގެ ކުޅުންތެރިންނަށް ވިސްނޭނެކަމަށެވެ. މިމެޗަށް ކުރިމަތިލާއިރު ޑޯޓްމުންޑްގެ ޖޭޑަން ސަންޗޯއަށް ވަނީ އަނިޔާވެފައެވެ. އަދި ކެޕްޓަން މާކޯ ރޮއިސް އާއި މެޓްސް ހުމެލްސްގެ ފިޓްނަސް ހުރިގޮތެއް މުޅިން ޔަގީނެއް ނުވެއެވެ.

ސިޓީއަށް ބަލާލާއިރު ސަރޖިއޯ އަގުއެރޯ އާއި އެމެރިކް ލަޕޯޓަށްވަނީ އަނިޔާވެފައެވެ.

މިމުބާރާތުގައި މިރޭ ރެއާލް މެޑްރިޑާއި ދެކޮޅަށް ނިކުންނައިރު ލިވަޕޫލްގެ ކުޅުންތެރިން އެކުޅުންތެރިންނަށް ކުޅެވޭ އެންމެ ރަނގަޅަކަށް ކުޅުން ވަރަށް މުހިންމު ކަމުގައި ލިވަޕޫލްގެ ކޯޗު ޔަރގަން ކްލޮޕްވަނީ ބުނެފައެވެ. މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް 3 ލަނޑު އެއްލަނޑުން ރެއާލް ކާމިޔާބުކޮށްފައިވުމުން ސެމީފައިނަލްގެ ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑީ ރެއާލް އަށެވެ. ނަމަވެސް މީގެކުރިން ލިވަޕޫލްއިން ވަނީ މިއައްވުރެ ތަފާތު ބޮޑެތި ނަތީޖާތައް އެޓީމާއި އެއްކޮޅަށް އަނބުރާލާފައެވެ. ކްލޮޕް ބުނީ 3 ލަނޑު އެއްލަނޑުން ފަހަތުގައި އުޅޭއިރު ބޮޑަށް ހީކުރެވެނީ މުބާރާތުން ކަޓާފައިވާ ކަމަށާއި ނަމަވެސް މިވަގުތުތަކުގައި ހިވަރު އެލުވާނުލާ ރަނގަޅަށް ޑިފެންޑް ކޮށް ފުރުސަތު ތަނަވަސް ކުރުން ވަރަށް މުހިންމު ކަމަށެވެ.

މިރޭގެ މެޗަށް ނިކުންނައިރު ލިވަޕޫލްގެ ދުވަސްވީ އަނިޔާތައް ފިޔަވައި އަނިޔާގެ އިތުރު މައްސަލަތަކެއް ނެތެވެ. ރެއާލްގެ އެޑެން ހަޒާޑްއަށް މިމެޗްގައިވެސް އަނިޔާގެ ސަބަބުން ނުކުޅެވޭނެއެވެ. އަދި ޑިފެންސްގައި މުހިންމު ދައުރެއް އަދާކުރަމުންދާ ރަފައެލް ވެރާން އާއި ސާޖިއޯ ރާމޯސް ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. މިރޭ ކުޅޭ ދެމެޗްވެސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު ބާރަޖަހާއިރުއެވެ.