ޚަބަރު

ރަމަޟާންމަހު މިސްކިތްތައް ކައިރީ ޓްރެފިކް ބެލެހެއްޓުމަށް ޚާއްސަ ޕްލޭނެއް


މިސްކިތްތައް ކައިރީ ކުރިން ޕާކުކުރުން މަނާ ތަންތަން ރަމަޟާންމަހުގެ ނަމާދު ގަޑިތަކާއި ދިމާކޮށް ޕާކުރުމަށް ހުޅުވާލާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް މިގޮތަށް ބަލާނީ ނަމާދުކޮށް ނިމިގެން 15 މިނިޓަށް ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެވަގުތަށްފަހު ވީއެންމެ އަވަހަކަށް ވެހިކަލްތައް މަނާކޮށްފައިވާ ތަންތަނުން ނެގުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.

ކޮންމެ އަހަރެއްގެ ރަމަޟާންމަހަކުވެސް މާލޭގެ ޓްރެފިކް ބެލެހެއްޓުމަށް ޚާއްސަ އޮޕަރޭޝަންތަކެއް ފުލުހުން އަންނަނީ ހިންގަވަމުންނެވެ. އެގޮތުން ޢާއްމުކޮށް ބާރު ބޮޑުވާ ސަރަޙައްދުތަކުގައި ފުލުހުން ޙަރަކާތްތެރިވުމާއި ނަމާދު ގަޑިތަކަށް މިސްކިތައް ދާމީހުންނަށް ލުއިފަސޭހަކޮށްދިނުމަށްވެސް ބައެއް ބަދަލު ޓްރެފިކަށް ގެންނަވައެވެ. ޕީއެސްނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރެފިކް ޑިޕާޓްމަންޓްގެ އޮޕަރޭޝަންސް ޔުނިޓްގެ ޑެޕިއުޓީ ހެޑް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޠަލްޙަތު އަޙްމަދު ވިދާޅުވީ ރަމަޟާންމަހުގެ ތެރޭގައި ޢާއްމުކޮށް ބާރު ބޮޑުވަނީ ލޯކަލް މާރުކޭޓް ސަރަޙައްދާއި ނަމާދު ގަޑިތަކާ ދިމާކޮށް މިސްކިތްތައް ކައިރީގައާއި ހަވީރު ފިންޏަށް ދުއްވަން ނުކުންނަ ގަޑިތަކުގައި ބޮޑެތި މަގުތައް ކަމަށެވެ.

ސަބް އިންސްޕެކްޓަރ ޠަލްޙަތު ވިދާޅުވީ މިސްކިތްތައް ހުންނަ ސަރަޙައްދުތަކުގައި ނަމާދުކުރަން ފެށުމުގެ 15 މިނިޓުކުރިން 4 ފުރޮޅުލީ ވެހިކަލްތައް އެސަރަޙައްދުތަކަށް ވަނުން މަނާވާނެކަމަށެވެ. އަދި މިސްކިތް ކައިރީގައި ދިރިއުޅޭ ފަރާތްތަކުން ފައިމަގުގައި މިސްކިތައް ދިއުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ. މިގޮތަށް އިލްތިމާސް ކުރައްވަނީ ޕާކުކުރުމަށް ތަނެއް ނުލިބި ގިނަވަގުތުތަކެއް ހޭދަކުރަން ޖެހޭތީ ކަމަށްވެސް ފުލުހުން ފާހަގަކުރައްވައެވެ.

ސަބް އިންސްޕެކްޓަރ ޠަލްޙަތު ވިދާޅުވީ ރަމަޟާންމަހުގެ ހަވީރުގެ ގަޑިއަކީ ޢާއްމުން ރޯދަކުރުކުރުމަށް ފިނިބުރު ޖަހަންދާ ވަގުތެއްކަމުން އެގަޑީގައިވެސް ފުލުހުން މާލޭގެ 15 ސަރަޙައްދެއްގައި ޙަރަކާތްތެރިވަމުން އަންނާނެކަމަށެވެ. އަދި މިގަޑީގައި ރޯދައަށް ތިބޭ ކުޑަކުދިން ގޮވައިގެން ސައިކަލްގައި ދަތުރުކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ. އެގޮތުން ނުކައި އެތައް އިރަކު ތިބުމަށްފަހު ދުއްވާ އުޅަނދުތަކަށް އެރުމުން ބޯއެނބުރުމާއި ހޮޑުލުން ފަދަ ކަންކަން ދިމާވާ ކަމަށާއި މިކަންކަމަށް ބެލެނިވެރިން ސަމާލުވުމަށް ފުލުހުންވަނީ އެދިވަޑައިގެންފައެވެ.

އަދި ފިނިބުރުޖެހުމަށް ނިކުމެއުޅޭއިރު ބޮޑުތަކުރުފާނު މަގާއި ބްރިޖުމަތީގައާއި ހައިވޭގައިވެސް އެމީހަކު ހުރި ލޭނެއްގައި ދަތުރުކުރުމަށާއި ލޭން ބަދަލު ނުކުރުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ. ލޭން ބަދަލުކުރުމުގެ ސަބަބުން މަގު ބްލޮކްވުމާއި ނުރައްކާތެރި އެކްސިޑެންޓުތައް ހިންގުމަށް މަގުފަހިވާތީ އެކަން އެގޮތަށް ނުކުރުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ. ފުލުހުން ވިދާޅުވީ މިއަހަރުގެ ރަމަޟާންމަހު މަގުތައް ބަންދުނުކުރުމަށް ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް ޓްރެފިކް ފްލޯއަށް ބެލުމަށްފަހު ބައެއް ސަރަޙައްދުތަކުގެ ޓްރެފިކަށް ބަދަލުގެނައުމަކީ އެކަށީގެންވާކަމެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.