ޚަބަރު

ވަގަށް ނަގާފައިވާ ސައިކަލަކާއިއެކު މީހަކު ހައްޔަރުކޮށްފި


ވަގަށްނަގާފައިވާކަމަށް ބެލެވޭ ސައިކަލަކާއެކު 26 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި މާފަންނު ޕޮލިސް ސްޓޭޝަނުގެ ފުލުހުން މިމީހާ ދުއްވާފައިދިޔަ ސައިކަލް ހުއްޓުވައި ބަލައިފާސްކޮށް ރޭ 01:45 ހާއިރު މަޖީދީމަގު އެލްމޯބައިލް ކައިރިންކަމަށް ފުލުހުން ބުނެއެވެ.

މިސައިކަލް ހުއްޓުވައި ބަލައިފާސްކުރިއިރު ސައިކަލުގެ ނަމްބަރު ބޯޑާއި ސައިކަލުގެ އަހަރީ ފީ ސްޓިކާގެ ޖަހާފައިވާ ރަޖިސްްޓްރީ ނަމްބަރު ދިމާނުވާކަން ފާހަގަކުރެވިފައިވާކަމަށާއި، އަދި މި ސައިކަލަކީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވަގަށް ނަގާފައިވާ ސައިކަލެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. 

މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއްކަމަށްވެސް ފުލުުހުން ބުނެއެވެ. 

މިމައްސަލަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަހުޤީޤު ކުރަމުންކަމަށް ފުލުުހުން ބުނެއެވެ.