ކުޅިވަރު

ޑެވިސް ކަޕްގެ މެޗްތައް ޓިއުރިން އާއި އިންސްބްރުކްގައިވެސް ކުޅޭނެ


މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޑޭވިސް ކަޕް ޓެނިސް މުބާރާތުގެ މެޗްތަށް ކުރިން ސްޕެއިންގެ ވެރިރަށް މެޑްރިޑްގައި އެކަނި ބާއްވަން ނިންމި ކަމުގައި ވީ ނަމަވެސް މިހާރު އިތުރު ދެ ސިޓީއެއް ކަމަށްވާ އިޓަލީވިލާތުގެ ޓިއުރިން އާއި އޮސްޓްރިއާގެ އިންސްބްރުކްގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. މިދިޔަ އަހަރުގެ މުބާރާތް ވަނީ ކޮރޯނާ ވައިރަހުގެ ސަބަބުންމިއަހަރަށް ފަސްކޮށްފައެވެ.

މިމުބާރާތުގައި ވާދަ ކުރާ 18 ޓީމް ވަނީ ހަ ގްރޫޕަކަށް ބަހާލައިފައެވެ. ބައިނަލްއަޤްވާމީ ޓެނިސް ފެޑެރޭޝަނުން މިގޮތަށް ހަމަޖެއްސުމާއެކު މިހާރު ކޮންމެ ސިޓީއެއްގައި ދެ ގްރޫޕެއްގެ މެޗްތަށް ކުޅެވޭނެއެވެ. މިގޮތުން މިހާރު ހަމަޖެހިފައިވާގޮތުން ގްރޫޕް އޭގައި ހިމެނޭ ސްޕެއިން އާއި ރަޝިޔާ އަދި އެކުއެޑޯގެ މެޗްތަކާއި ގްރޫޕް ބީގައި ހިމެނޭ ކެނެޑާ އާއި ކަޒަކިސްތާން އަދި ސްވިޑްންގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މެޑްރިޑްގައެވެ. އަދި ގްރޫޕް ސީގައި ހިމެނޭ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޗެކް ރިޕަބްލިކްގެ މެޗްތަކާއި ގްރޫޕް އެފްގައި ހިމެނޭ އޮސްޓްރިއާ އާއި ސަބިއާ އަދި ޖަރުމަނުވިލާތުގެ މެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނީ އިންސްބްރުކްގައެވެ. ހަމައެއާއެކު ގްރޫޕް ޑީގައި ހިމެނޭ އޮސްޓްރޭލިއާ، ކްރޮއޭޝިއާ އަދި ހަންގޭރީގެ މެޗްތަކާއި ގްރޫޕް އީ ގައި ހިމެނޭ އެމެރިކާ އާއި އިޓަލީވިލާތް އަދި ކޮލަމްބިއާގެ މެޗްތަށް ކުޅޭނީ ޓިއުރިންގައެވެ.
މިހާރު ހަމަޖެހިގައިވާގޮތުން ޓިއުރިން އާއި އިންގްސްބްރުކްގައި ގްރޫޕް ސްޓޭޖް މެޗްތަކުގެ އިތުރުން ކްއާޓަރ ފައިނަލްގެ އެއްމެޗް ކުޅެވޭނެއެވެ. އަދި ބާކީ އޮތް ކްއާޓަރ ފައިންލަގެ ދެމެޗް މެޑްރިޑްގައި ކުޅުމަށް ހަމަޖެހިފައިވާއިރު ސެމީފައިނަލްގެ ދެމެޗާއި ފައިނަލް މެޗްވެސް ކުޅޭނީ މެޑްރިޑްގައެވެ. މިމުބާރާތް ބޭއްވުމަށް ގްލާސްގޯއިންވެސް ކުރިމަތިލިއެވެ. ނަމަވެސް ބައިނަލްއަޤްވާމީ ޓެނިސް ފެޑޭރޭޝަނުން ހާމަކުރިގޮތުގައި އެފަރާތުން ބޮޑަށ ވިސްނީ މެޑްރިޑާއި ވީހާވެސް ބޮޑަށް ގުޅިފައިވާ އަދި މޫސުމާއި އެއްޗެހިވެސް ވީހާވެސް މެޑްރިޑާއި އެއްގޮތް ދެސިޓީއެއް ކަނޑައެޅުމަށެވެ. އެއީ ޓީމްތަކުގައި ވާދަކުރާ ކުޅުތެރިންނަށް ދިމާވާ އުނދަގޫ ތަކާއި މޫސުމަށް ހޭނުމުގައި ދިމާވާ މައްސަލަތަށް ވީހާވެސް ކުޑަކުރުމަށެވެ.

މިފަހަރުގެ މުބާރާތް ވަނީ އާންމުކޮށް ކުޅޭ 7 ދުވަހުގެ ބަދަލުގައި 11 ދުވަހަށް ބަހާލައިގެން ބާއްވާގޮތަށް ހަމަޖައްސާފައެވެ. އަދި ގިނަ ސިޓީ ތަކެއްގައި ބާއްވާގޮތަށް މިގެނައި ބަދަލަކީ މުސްތަޤްބަލްގައި މިމުބާރާތް ބޭއްވުމަށް ގަސްދުކުރާގޮތް ކަމަށް ޓެނިސް ފެޑޭރޭޝަނުން ހާމަކުރެއެވެ. އަދި 2022 ވަނަ އަހަރުން ފެށިގެން މިމުބާރާތުގައި ވާދަކުރާ ޓީމްތަކުގެ އަދަދު 18 އިން 16 އަށް ތިރިކުރުމަށް ނިންމާފައިވާކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.