ޚަބަރު

ރައީސްގެ ވިސްނުންފުޅު: މާލޭގެ ހުސް ބިންތަކުގައި ހައުސިންގޔުނިޓް ހެދުން


މާލޭގައި އިތުރު ހައުސިންގ މަޝްރޫޢުތައް ހިންގުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ނޫސްވެރިންނާ ޙިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވިދާޅުވީ މާލެއިން މީގެ ޒަމާންތަކެއް ކުރިން ދޫކޮށްފައިވާ ފްލެޓްތަކަކީ މިހާރު މީހުން އުޅެން އެންމެ އެކަށީގެންވާ ތަންތަން ނޫންކަމަށެވެ. މިތަންތަނުގެ ޙާލަތު ދެނެގަތުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީއާ ގުޅިގެން ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ވިސްނުންހުރީ މިތަންތަން އަލުން ޢިމާރާތްކުރުމަށްކަމަށާ، އެކަން ކުރެވެން އޮތްގޮތަކީ ކޮބައިތޯ ބެލުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. މާލޭގައި މިހާރުހުރި ބައެއް ހުސް ބިންތަކުގައިވެސް ހައުސިންގ މަޝްރޫޢު ހިންގުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ރައީސް ވިދާޅުވިއެވެ.

"ސިނާމާލެ ފްލެޓް، އެމްއެންއެސްއެލް ފްލެޓްތައް ހުރީ މީހުންނަށް ނޫޅެވޭވަރަށް ހަލާކުވެފަ. އެތަންތަން ތަޅާލާފައި އަލުން ރަނގަޅު ފްލެޓް އެޅުމުގެ ވިސްނުން އެބަހުރި. އަދި މާލެ ސްޓޭޑިއަމްއާ ޖެހިގެން ހުރި އެސްޓީއޯ ލޭބަރ ކުއާޓަރާ އެހެން ހުސްބިންތައް އެބަހުރު ބޯހިޔާވަހިކަމަށް ބަދަލުކުރެވިދާނެ. އެކަންކަން ސަރުކާރުންދަނީ ބަލަމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިކަމުގެ ޕްލޭނެއް ހަދައި އަވަހަށް ފްލެޓްތައް އެޅޭނެގޮތެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށެވެ. 2008ވަނަ އަހަރުގެ ފަހުން މާލޭގައި އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ސަރުކާރުން ހިންގާފައެއް ނުވެއެވެ. އޭގެ ފަހުން އައި ސަރުކާރުތަކުގައި އަލަށް ތަރައްޤީކުރާ ހައުސިންގ ޔުނިޓްތައް އަމާޒުކުރަމުންދިޔައީ ހުޅުމާލެއާއި އަދި ގުޅިފަޅަށެވެ.

ސަރުކާރުން މިއަހަރަށް އަމާޒުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 5000ހައުސިންގ ޔުނިޓް ހެދުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެތެރޭގައި ހިމެނޭ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. މީގެއިތުރަށް ގުޅީފަޅުން 1،200 ގޯތި ދޫކުރުމަށްވެސް ސަރުކާރުން ނިންމަވާފައިވެއެވެ.