ޚަބަރު

ވެލާނާ އެއަރޕޯޓަށް 55 އަހަރު ފުރުން ފާހަގަކޮށްފި


ވެލާނާ އެއަރޕޯޓަށް ފަންސާސް ފަސް އަހަރު ފުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފާހަގަ ކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް 55 އަހަރު ފުރުމާއި ގުޅިގެން ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. އަދި ދުވަހާއި ގުޅޭ ކޭކެއް ވެސް ވަނީ ފަޅާފައެވެ. މިރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާއި، އެމްއޭސީއެލްގެ އެމްޑީ އަދި ސީއީއޯ ގޯޑަން އެންޑްރޫ ސްޓުއާޓް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ، އެއަރޕޯޓުގެ އޮޕަރޭޝަން ކޯވިޑް-19އިގެ ތެރޭގައިވެސް ކުރިއަށް ދިޔުމަކީ ފަޚުރުވެރިވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި މިދިޔަ ދުވަސްތަކުގެ ތެރޭގައި، އެއަރޕޯޓުގެ ޚިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ ގޯޑަން ވިދާޅުވީ، އެއަރޕޯޓުގެ މުވައްޒަފުންގެ ހިތްވަރާއި ބުރަ މަސައްކަތުން ދުނިޔޭގެ އެންމެ ރައްކާތެރި އެއް އެއަރޕޯޓަށް ވެލާނާ އެއަރޕޯޓު ވެގެން ދިޔަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއަރޕޯޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް މިއަހަރު ތެރޭގައި މުޅިން އާ އެޕްރަން، ފިއުލް ފާމް، ވީއަޕީ އަދި ސީއައިޕީ ޓާމިނަލުގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓާމިނަލުގެ މަސައްކަތް ނިމިގެން ދާނެ ކަމަށެވެ. އަދި މިއާއި އެކު ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވެލާނާ އެއަރޕޯޓަށް 55 އަހަރު ވެގެން ދިޔައިރު، ޤައުމުގެ މައި ދޮރާށި ގޮތުގައި ޚިދުމަތް ދޭން ފަށާފައިވަނީ 12 އެޕްރީލް 1966 ވަނަ އަހަރު ހުޅުލޭ އެއާޕޯޓުގެ ގޮތުގައެވެ. އޭގެ ފަހުން 1972 ވަނަ އަހަރު މާލޭ އިންޓަނޭޝަނަލް އެއަރޕޯޓަށް ބަދަލުވެ އެތަން ހިނގުމަށް 1994 ވަނަ އަހަރު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ނަމުގައ ކުންފުންޏެއް އުފެއްދިއެވެ.

ކޯވިޑް-19 އާއި ރާއްޖޭގެ ބޯޑަރު ބަނދު ކުރެވިގެން ދިޔަ އިރު ވެލާނާ އެއަރޕޯޓަށް ވެސް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ބޯޑަރު އަލުން ހުޅުވި ފަތުރުވެރިކަން ރަނގަޅު ވަމުން ދިއުމާއެކު އެއަރޕޯޓުން ރާއްޖެއަށް ފަތުރުވެރިން ގެނައުމާއި ރައްކާތެރި ގޮތެއްގައި ފަތުރުވެރިން މެނޭޖް ކުރުމުގައި ބޮޑު ދައުރެއް އަދާކުރެއެވެ.