ޚަބަރު

ޑްރަގް ރިހެބް ސެންޓަރުތައް ހިންގުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށް


ޑްރަގް ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒުތައް ޤާއިމުކޮށް ޚިދުމަތްދިނުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލައިފިއެވެ.

މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމަށް، ފަރުވާދޭ މަރުކަޒުތައް ޤާއިމުކޮށް ޚިދުމަތް ދިނުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށް ފަހިކޮށްދެނީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެދަށުންނެވެ. ނެޝަނަލް ޑްރަގް އެޖެންސީން ވިދާޅުވީ މުޅިން އަލަށް ހުޅުވާލި މި ފުރުޞަތަކީ މި ޤާނޫނުގައި ފަހިކޮށްދޭ އުސޫލުގެދަށުން ހުޅުވާލި ފުރުޞަތެއްކަމަށެވެ.

އެންޑީއޭއިންވަނީ ރާއްޖޭގެ ރަށެއްގައި މުޅިން އަލަށް ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތައް ތަރައްޤީކުރަން ބޭނުންވާ މީހުން، އެ ބަޔަކު އިޚްތިޔާރުކުރާ ރަށެއްގައި ސެންޓަރު އެޅުމުގެ ފުރުޞަތުވެސް ހުޅުވާލާފައެވެ. އަދި ސަރުކާރުން މިހާރު ރާއްޖޭގެ ފަސް ސަރަޙައްދުގައި ހިންގަމުން އަންނަ ސެންޓަރުތައްވެސް، އަމިއްލަ ފަރާތްތަކުން ހިންގަން ދޫކުރުމަށްވަނީ ފުރުޞަތު ހުޅުވާލާފައެވެ.

ރާއްޖޭގެ ފަސް ސަރަޙައްދުގައި ހިންގަމުން އަންނަ ސެންޓަރުތަކަކީ:


* ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ (ކ.ހިންމަފުށި)
* ހާފްވޭ ހައުސް (ހުޅުމާލެ)
* ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރ (ޏ.ފުވައްމުލައް)
* ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ (ސ.ހިތަދޫ)
* ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ (ގދ.ތިނަދޫ)
* ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ (ހދ.ހަނިމާދޫ)

މި މަސައްކަތާ ގުޅޭ މަޢޫލޫމާތު ދިނުން މިމަހުގެ 25ވަނަ ދުވަހު 11:00 ޖަހާއިރު އެންޑީއޭގެ މައި އޮފީހުގަ ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު 24 ޖޫންގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ޕްރޮޕޯސަލް ހުށައަޅަންޖެހޭނީވެސް މާލޭގައި ހުންނަ އެންޑީއޭގެ މައި އޮފީހަށެވެ.

މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތް ފުޅާކުރުމަށް ސަރުކާރުންދަނީ މަސައްކަތްތައް ކުރަމުންނެވެ. އޭގެތެރޭގައި މިކަމާ ގުޅޭ ބޭސްފަރުވާގެ ނިޒާމު ރަނގަޅުކުރުމާއި އިތުރު ސެންޓަރުތައް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ.