ޚަބަރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 7100 ހައުސިން ޔުނިޓް އަޅަނީ


ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަތްހާސް އެއްސަތޭކަ ހައުސިން ޔުނިޓް އިމާރާތްކުރުމަށް ތަފާތު އެކި ޕްރޮޕޯސަލްތައް ލިބިފައިވާ ކަމަށާއި، ޕްރޮޕޯސަލްތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިކޮނޮމިކް ކައުންސިލަށް ހުށަހަޅައި އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހައުސިން މިނިސްޓަރ މިހެން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 1500 ހައުސިން ޔުނިޓް ހެދުމުގެ މަޝްރޫއު ބަޔަކާއި ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ އެކަމަށް އެދި އެކި ކުންފުނިތަކުން ހައުސިން މިނިސްޓްރީއަށް ޕްރޮޕޯސަލްތައް ހުށައަޅަމުން ގެންދާ ކަމަށެވެ. އަދި އެ ޕްރޮޕޯސަލްތައް ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލަށް ހުށަހަޅައި އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަންނަ އަހަރު ތެރޭގައި އިމާރާތްކުރުމަށް އެކި ފަރާތްތަކާއި ހަވާލުކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. "ހުޅުމާލެ އަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ތަރައްގީ ކުރަމުންދާ ތަނެއް. އެއީ ހަމައެކަނި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޮތް ތަނެއް ނޫން. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ހައުސިން ޔުނިޓްތަކަށް ބަދަލުވުމުގެ ފުރުސަތު އަތޮޅުތެރޭގެ ރައްޔިތުންނަށްވެސް ލިބިގެންދާނެ." މުއިއްޒު ވިދާޅުވިއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 1500 ހައުސިން ޔުނިޓް ހެދުމަށް އިއްޔެ ވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަނާއި ހަވާލުކޮށްފައެވެ. މި މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށާ، ދެހާސް އަށާރަވަނަ އަހަރު ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.