ކުރިއަށް އޮތް ފަސްއަހަރަށް އިންތިޚާބުވި މާލެ ސިޓީ ކައުންސިލްގެ އެންމެބޮޑު އަމާޒަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުން ކަމުގައި މާލެ ސިޓީ ކައުންސިލްގެ އިންތިޚާބީ މޭޔަރު ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"މިއީ މަގޭރާއްޖެއަށް އަލިވިލުމުގެ އުފާ ފާޅުކުރުން" ނަމުގައި މިރޭ ބޭއްވި އިވެންޓުގައި ވާހަކަ ދައްކަވަމުން ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުއިއްޒު ވިދާޅުވީ މިއިންތިޚާބުގައި ރައްޔިތުން ދެއްވި ވޯޓަކީ މާލޭގެ ހާލަތު ބަދަލު ކުރުމަށް ރައްޔިތުން ދެއްވި ވޯޓެއްކަމަށެވެ. އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު މާލޭގެ ރައްޔިތުންގެ އަޑު އެހުމުން އެންމެބޮޑަށް ސާފުވެގެންދިޔައީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.
އެހެންކަމުން ސިޓީ ކައުންސިލްގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރައްވާނީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލުކޮށްދެއްވުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަން ކުރުމަށްޓަކައި ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކަށް ހުށަހަޅަންޖެހޭ ކަންކަން ހުށަހަޅައި، ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރައްވަމުންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ގޭގެއަށް ޒިޔާރަތް ކުރުމުން ފެނިގެންދިޔައީ ރައްޔިތުން ވަރަށް ހާލުގައި ދިރިއުޅޭތަން. އެންމެބޮޑު ޝަކުވައަކީ ބޯހިޔާވަހިކަމުގެ ޝަކުވާތައް. އަޅުގަނޑުމެން މިކަން ހައްލުކޮށް ދިނުމަށް ސަރުކާރުގެ ވުޒާރާތަކަށް ހުށަހަޅަންޖެހޭ ކަންކަން ހުށަހަޅައިގެން މިކަން ހައްލުކޮށްދޭނަން. އަޅުގަނޑުމެން މަސައްކަތް ކޮށްދޭނީ ވަރަށް ތެދުވެރިކަމާއި އަމާނާތްތެރި ކަމާއިއެކު." ޑރ.މުއިއްޒު ވިދާޅުވިއެވެ.
މިއިވެންޓުގައި ވާހަކަ ދައްކަވަމުން ހުޅުމާލޭގެ ފުރަތަމަ ކައުންސިލަރުގެ މަޤާމަށް އިންތިޚާބުވި ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ ހުޅުމާލޭގެ ރައްޔިތުންނާއި މާލޭގެ ރައްޔިތުންގެ އެންމެބޮޑު މައްސަލަތައް އެންމެ ފުރަތަމަ ދުވަހުގެ ޖަލްސާއަށް ހުށަހަޅައިގެން ކަންކަން ހައްލުކޮށް ދިނުމުގެ މަސައްކަތް ފަށާނެކަމަށެވެ. ރައްޔިތުން ހަވާލުކުރި އަމާނާތް އަދާ ކުރުމުުގައި ސާބިތުވެ ތިބޭނެކަމަށް ޝުޖާ ވަނީ ވިދާޅުވެފައެވެ.
މި އިވެންޓުގައި ޕީޕީއެމް ޕީއެންސީ އިސްސަފުގެ ގިނަ ބޭފުޅުން ވަނީ ވާހަކަ ދައްކަވާފައެވެ. އަދި މާލެ ސިޓީގެ އެކި ގޮޑިތަކަށް އިންތިޚާބުވި ކައުންސިލަރުންވެސް ވަނީ މިބައްދަލުވުމުގައި ވާހަކަ ދައްކާފައެވެ.