ޚަބަރު

ބޯޓު އަޑިއަށް ދިޔަ ސަރަހައްދުގައި ތެލުގެ އަސަރެއް ނެތް: އީޕީއޭ


އެނބޫދޫ ފިނޮޅު ކައިރީ އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ އަޑިއަށް ދިޔަ ހާދިސާއާއި ގުޅިގެން މިހާތަނަށް ބެލި ބެލުމުން ތެލުގެ އަސަރެއް ނެތްކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއިން ވިދާޅުވެއްޖެއެވެ.

ބްރޯ ފިއުލް ޕްރައިވެޓް ލިމިޓެޑްގެ "ސީ ސްޓަރ" ނަމަކަށް ކިޔާ މި ބޯޓު، ކ.އެނބޫދޫ ފިނޮޅުކައިރީގައި އޮއްވާ އަލިފާން ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއަށް ރިޕޯޓްކޮށްފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ.

މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީޕީއޭގެ ޑިރެކްޓަރ އިބްރާހިމް ނައީމް ވިދާޅުވީ ބޯޓުގައި 60 ހާސް ލީޓަރުގެ ޑީސަލްހުރިކަމަށާއި، 60 ހާސް ލީޓަރުގެ ޑީސަލްއަކީ ކަންބޮޑުވާންޖެހޭ އަދަދެއް ނޫންނަމަވެސް އެކަމުގެ ސަބަބަބުން ރާއްޖޭގެ ތިމާވެއްޓަކީ ނާޒުކު ތިމާވެއްޓަކަށް ވުމާއެކު ކަނޑަށް ތެޔޮ އެޅޭތޯ ބެލުމުގެ މަސައްކަތް ވަރަށް ގާތުން ބަލަމުން އަންނަކަމަށެވެ. ނަޢީމް ވިދާޅުވީ ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަމުން ފަރުކައިރިއަށް ނުވަތަ ފަރުމައްޗަށް ތެޔޮ އެޅިއްޖެ ނަމަ އޭގެ އަސަރު ކުރާނެކަމަށެވެ. އަދި އެ ސަރަހައްދުގެ ކަންކަން ބަލަމުން އަންނަ ކަމަށާއި ވަކި ފިޔަވަޅެއް އަޅަން ޖެހިއްޖެ ހާލަތެއްގައި އެ ފިޔަވަޅެއް އަޅާނެކަމަށެވެ.
.

މި ބައްދަލުވުމުގައި ވާހަކަދައްވަމުން އެމްއެންޑީއެފްގެ ކޮމަޑާންޓް ކޯސްޓްގާޑް ކާނަލް މުޙައްމަދު ޞަލީމް ވިދާޅުވީ ތެޔޮ ބޯޓު އަޑިއަށް ދިޔަ ހާދިސާގައި ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން މިހާރުވެސް މޮނިޓަރ ކުރަމުން އަންނަކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ފާހަގަވެފައި ނުވާކަމަށެވެ. ކާނަލް ސަލީމް ވިދާޅުވީ މިހާރު ކަންބޮޑުވާންޖެހޭ ކަމެއް ނެތްނަމަވެސް ނުރައްކާތެރި ހާލަތެއް ދިމާވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ ބޯޓު އަޑިއަށް ދިޔަ ސަރަހައްދަކީ އާއްމުކޮށް ދަތުރުކުރާ ސަރަހައްދެއްކަމަށާއި އެ ސަރަޙައްދުގައި ކަމެއް ހިނގާނަމަ އެފަދަ މަޢުލޫމާތު ލިބެމުންދާނެކަމަށާއި ރާއްޖޭގެ އެތެރެވަރިއަށް އެކަމުގެ އަސަރު ކުރާނަމަ އެކަން ހައްލުކުރުމަށް ތައްޔާރަށް އޮތްކަމަށެވެ.

ފިއުލް ބޯޓުގައި އަލިފާން ރޯވެ އަޑިއަށް ދިޔަ ހާދިސާގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ދެނެގަތުމަށް ސަރުކާރުންވަނީ ކަމާ ގުޅުންހުރި ފަރާތްތަކާއެކު ވަރަށް ގާތުން ބަލާ މޮނިޓަރ ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ އަޑިއަށް ދިޔަ މިހާދިސާ ހިނގާފައިވަނީ ކ.އެނބޫދޫފިނޮޅުގެ 1.52 ނޯޓިކަލް މޭލު އިރު ދެކުނުން، އަތޮޅުން ބޭރުންނެވެ. އެމްއެންޑީއެފްއިން ވިދާޅުވީ ބޯޓް އަޑިއަށް ގޮސްފައިވަނީ 1000 މީޓަރާއި 1400 މީޓަރާއި ދެމެދުގެ ފުންމިނަކަށް ކަމަށެވެ. އަދި ބޯޓުގައި 60 ހާސް ލީޓަރުގެ ޑީސަލް ހުރިކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. ނަމަވެސް މިހާތަނަށް ތެޔޮ ލީކުވުމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.