ޚަބަރު

" އަލަށްފަށާ ތެޔޮ މަޝްރޫއަކީ އެންމެބޮޑު ފައިދާވާނެ މަޝްރޫއު "


ސައުދީ އަރަބިއްޔާއިން ވިއްކާ ސާފުނުކުރާ ތެޔޮ ސިންގަޕޫރުގައި ސާފުކުރުމަށްފަހު ރާއްޖެ ގެނައުމުގެ މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ފައިދާއެއް ކުރާނެ މަޝްރޫއު ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިއީ ދިވެހިރާއްޖެއިން ހަކަތައަށް ކުރާ ހޭދަ މަދުކޮށް، އާންމު ދިރިއުޅުމުގެ އަގުތައް ތިރިވެ، ވިޔަފާރިތައް ކުރިއަރާނެ މަޝްރޫއެއް ކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ. ޕީ.އެސް.އެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި މި މަޝްރޫއާއި ބެހޭ އެންމެ ފަހުގެ ތަފްސީލްތައް ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޖުގެ މަތިވެރި އަޅުކަން އަދާކުޅައުމަށް ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި ސައުދީ އަރަބިއްޔާގެ ސާފުނުކުރާ ތެޔޮ ސިންގަޕޫރުގައި ސާފުކުރުމަށްފަހު ރާއްޖެ ގެނައުމުގެ މަޝްރޫއާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ސައުދީ ސަރުކާރުން މި މަޝްރޫއު ބަލައިގެންފައިވާ ކަމަށެވެ. "ވަރަށް އީޖާބީ ގޮތެއްގައި ސައުދީ ސަރުކާރުން މި ކަންތައް ބަލައިގެންކަން ފާހަގަކޮށްލަން. އެހެން ގައުމަތަކަށް މިފަދަ ކަންކަމުގައި އެއްބާރުލުން ނުދޭ މިންވަރަށް ރާއްޖެއަށް އެހީތެރިވާނެ ކަމުގެ ޔަގީންކަން ސައުދީ ސަރުކާރުން ދީފައިވޭ." މިނިސްޓަރ ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖެއަށް އެތެރެވާ ކޮންމެ ޑޮލަރެއްގެ ސާޅީސް އިންސައްތައަކީ ހަކަތައަށް ކުރެވޭ ޚަރަދެއް ކަމަށާއި، މި މަޝްރޫއުގެ ސަބަބުން ހަކަތައަށް ކުރާ ޚަރަދު ކުޑަވެ، ދިރިއުޅުމުގެ ޚަރަދުތައްވެސް ކުޑަވެގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ. "ދިރިއުޅުމުގެ ޚަރަދުތައް ވަރަށް ބޮޑުތަން ކުޑަވާނެ. އާންމު ދިރިއުޅުމުގައި ބޭނުންކުރާ ފިޔާ ވިޔަސް، ލޮނުމެދުވިޔަސް އަގުތައް ދަށްވެެގެންދާނެ. " ސައީދު ވިދާޅުވިއެވެ. މި މަޝްރޫއުގެ ތެރެއިން އުފައްދާ ތެޔޮ ރާއްޖޭގައި ބޭނުން ކުރުމުގެ އިތުރުން ވިޔަފާރި އުސޫލުން ތެޔޮ ވިއްކުމަކީ ރާއްޖޭގެ އިގްތިސާދަށް ފަހިކަން ލިބޭނެ ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށްވެސް ކުރިއެރުން ލިބޭނެ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށާއި، ކައިރި މުސްތަގްބަލެއްގައި މަޝްރޫއުގެ ފައިދާތައް ރާއްޖެއަށް ފެންނަށް ފަށާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.