ޚަބަރު

ކޯވިޑް-19 ދިފާޢު: ޖުމްލަ 15،249 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފި


ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު 15،249އިން މައްޗަށް އަރައިފިއެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް އިތުރު 163 މީހަކު މިއަދު ޖަހާފައިވާކަމަށެވެ. ކޯވިޑް-19 ރައްކާތެރިވުމަށް ވެކްސިން ޖެހުން މިއަދު ކުރިއަށްގެންގޮސްފައިވަނީ އަތޮޅުތަކުގައި އެކަންޏެވެ. މާލޭ ސަރަޙައްދުގައި މިއަދު ވެކްސިން ޖަހާފައެއްނުވެއެވެ.

އެޗް.ޕީ.އޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އަތޮޅުތަކުން 163 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވެއެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 15،249އަށް އަރާފައެވެ.

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭން ފަށާފައިވަނީ މިމަހުގެ 3ވަނަ ދުވަހުއެވެ. ދެވަނަ ޑޯޒް ދޭން ފަށާފައިވަނީ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުން 4 ވަނަ ދުވަހާ ދެމެދު ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށްކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން އާއްމުކޮށް ހުޅުވާލައިގެން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފެށިނަމަވެސް އެޗް.ޕީ.އޭއިން މީގެ ކުރިން ވަނީ ޚާއްސަ ހާލަތްތަކުގައި ތިބި މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދީފައެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރު އަތޮޅުތަކުން ވަނީ 664 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދުވަނީ 268،459 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންއާއި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 9 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް 2 މޯބައިލް ޓީމް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އޮތޮޅުތަކުން 237 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހާދެމުންނެވެ.

މާލޭގައި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދެމުން އަންނަނީ ސޯޝަލް ސެންޓަރާއި، ވިލިމާލެ ޒުވާނުންގެ މަރުކަޒު، ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރ، އާރޓް ގެލަރީ އަދި ސެނަހިޔާގައެވެ. މީގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓާލާއި ރައްޔިތުންގެ މަޖިލިސް އިދާރާއިންވެސް ފުރަތަމަ ޑޯޒް ދަނީ ދެމުންނެވެ. ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އާ ހަމައަށެވެ. ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00 އިން މެންދުރު 2:00 އާ ހަމައަށެވެ.