ރިޕޯޓް

އާ ރަންވޭ ހެދުމުގެ މަސައްކަތް ފެށުމަށް އެމް.އޭ.ސީ.އެލް ތައްޔާރު


އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ރަންވޭ ހެދުމުގެ މަސައްކަތް ކުރުމަށް ވާންޖެހޭ ތައްޔާރީގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑުން ހާމަކޮށްފިއެވެ.ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ އާ ރަންވޭގެ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށެވެ. މިގޮތުން އެއަރޕޯޓްގައި އާރަންވޭ ހެދުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް މިހާރު ވަނީ އެއްކޮށް ނިންމާފައެވެ. އަދި ރަންވޭ ހެދުމަށް ބޭނުންވާ ފައިސާ ޗައިނާގެ އެގްޒިމް ބޭންކު މެދުވެރިކޮށް ލިބިފައިވާކަމަށް މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވިއެވެ."އެގްޒިމް ބޭންކުގެ ލޯނު މިމަހުގެ ތެރޭގައި ހަމަޖެހިގެންދާނެ، އެޕްރޮސެސްވެސް ނިމި އެބޭންކުން ބޭނުންވާގޮތަށް އެސެސްމެންޓް ހަދާ ރިވިއުކޮށް ނިމިފައޮތީ. ލޯން ފައިސާ ލިބޭއިރަށް ހަމަ ރަންވޭގެ މަސައްކަތް ފަށަންވީ." އާދިލް ވިދާޅުވިއެވެ.އާ ރަންވޭ ހެދުމަށް ހަމަޖެހިފައިވަނީ މިހާރު އޮތް ރަންވޭއިން އިރަށެވެ. މިމަސައްކަތް ނިމި ރަންވޭ ބޭނުންކުރަން ފެށުމުން މިހާރު އޮތް ރަންވޭ ބޭނުންކުރެވެމުންދާނީ ޓެކްސީވޭއެއްގޮތުގައެވެ. އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ އާރަންވޭގެ ސަބަބުން ވަރަށް ގިނަ ގޮތް ގޮތުން އެއަރޕޯޓުގެ އޮޕަރޭޝަނަށް ފަހި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ.މިހާރު އެއަރޕޯޓްގައި ޓެކްސީވޭއެއް ނެތުމުން ރަންވޭ މަތީގައި ބޯޓު ގިނަވަގުތު ބާއްވަންޖެހޭކަން އާދިލް ފާހަގަކުރެއްވިއެވެ. ދުވަހުގެ ޕީކް ވަގުތުތަކުގައި ރަންވޭގައި ޖާގަ ނެތުމުން ފްލައިޓްތައް މަތީގައި މަޑުކުރުވަންޖެހޭ ފަހަރު މިހާރު އަންނަކަމަށާއި، އެހެންނަމަވެސް އާ ރަންވޭގެ މަސައްކަތް ނިމި، މިހާރު އޮތް ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރެވެން ފެށުމުން މިކަމަށް ޙައްލެއް އަންނާނެ ކަމަށް އާދިލް ވިދާޅުވިއެވެ. އެހެންކަމުން ޕީކް ވަގުތުތަކުގައިވެސް އެއްވެސް ދަތިކަމެއްނެތި އޮޕަރޭޝަންތައް ކުރިއަށްގެންދެވޭނެކަމަށް ވިދާޅުވިއެވެ.އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ހެދުމަށް ތައްޔާރުވަމުންދާ ރަންވޭއަކީ ކޯޑް އެފް ގެ ރަންވޭއެކެވެ. އެއީ ދުނިޔޭގައި މިހާތަނަށް ބޭނުން ކުރެވެމުންދާ އެންމެ ބޮޑު އެއަރކްރާފްޓް އޭ 380 މަތިންދާ ބޯޓް ޖެއްސޭ ވަރުގެ ރަންވޭއެކެވެ.އަހަރަކު 7.5 މިލިއަން މީހުންނަށް ޚިދުމަތް ފޯރުކޮށްދެވޭ ވަރަށް އެއަރޕޯޓް ތަރައްޤީ ކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، އާ ރަންވޭއެއް ހެދުމަކީ މިމަސައްކަތައް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އާދިލް ވިދާޅުވިއެވެ.ރާއްޖެއަށް ފަތުރުވެރިން އަންނަ މައި ދޮރާށި، އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވަނީ ބައިތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައިގައި ހިމެނެނީ ރަންވޭ، އޭޕްރަން އަދި ފިއުލް ފާރމް ހެދުމެވެ. ދެވަނަ ބައިގައި ހިމެނެނީ އާ ޓަރމިނަލް ތަރައްޤީކުރުމެވެ. މިހުރިހައި ކަމަކަށް ބޭނުންވާ ފައިސާ ސަރުކާރުންވަނީ ޗައިނާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ހަމަޖައްސާފައެވެ. އެއަރޕޯޓް ތަރައްޤީގެ މާސްޓަރޕްލޭންގެ ހުރިހާ ބައިތައް ނިމިގެންދާއިރު މިއެއަރޕޯޓަކީ ދެކުނު އޭޝިއާގެ އެންމެ މަތީ ފެންވަރުގައި ބަލައިގަންނާނެ އެއް އެއަރޕޯޓަށްވުން އެއީ ސަރުކާރުގެ އަމާޒެވެ.  އެއަރޕޯޓް ތަރައްޤީގެ މާސްޓަރޕްލޭން ކުރިއަށްއޮތް 3 އަހަރުގެ ތެރޭގައި ނިންމުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު ސަރުކާރުން މިހާރު ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްކަމަކީ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއެވެ.