ޚަބަރު

މަސްތުވާތަކެއްޗާއިއެކު ދެ މީހަކު ހައްޔަރުކޮށްފި


ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ. 

މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާކަމަށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ  ރޭ އެގާރަޖަހާ އެހާކަންހާއިރު މާލޭގެ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިންކަމަށް ފުލުހުން ބުނެއެވެ. 

މި އޮޕަރޭޝަނުގައި އެދެމީހުން އެވަގުތު ތިބި ކޮޓަރި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 66 ރަބަރު ޕެކެޓާއި ބްލެޓް ސައިޒުގެ އެއް ޕެކެޓް ފެނިފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. 

 މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން3 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުުހުން ބުނެއެވެ. 

މި މައްސަލަ ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙްޤީގު ކުރަމުންނެވެ.