ޚަބަރު

އަންހެނުން ބާރުވެރިކުރުވުމުގައި ރާއްޖެ ތާރީޚުގެ ތެރެއަށް


ސިޔާސީ މައިދާނުގައްޔާއި ކަންކަން ނިންމާ ހިސާބު ނުވަތަ "ޑިޒިޝަން މޭކިން ލެވެލް" ގައި އަންހެނުންގެ އަދަދު މަދުވި ކަމުގައި ވިޔަސް، ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތައް ހެދިފައި ހުރި ގޮތުން، އަންހެނަކަށް ވީތީ ސިޔާސީ މަގާމުތަކަށް ވާދަކުރުމުގެ ހައްގުން މަހްރޫމްކުރެވިފައެއް ނޯވެއެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމާއި ލޯކަލް ކައުންސިލްތަކުގެ މެންބަރުންކަމަށް ކުރިމަތިލުމުގައި ވެސް އަންހެނުންނަށް އެއްވެސް ހުރަހެއް ނެތެވެ. ނަމަވެސް މިހާތަނަށް އިންތިޚާބީ މަގާމުތަކަށް އަންހެނުން އައުމަށް ކޮށަން ޖެހޭ މަގުގައި ހުރި ހުރަސްތައް ވަރަށްވެސް ގިނައެވެ.

މުޖްތަމައުގައި އަންހެނުންނާއި ފިރެނުންގެ ތަފާތު ކުރުންތަކުގެ ވާހަކައަކީ އަބަދުވެސް ދެކެވެމުންއަންނަ ވާހަކައެކެވެ. އަންހެނުންނަކީ ވަކި ކަމެއް ނުކުރެވޭ ނުވަތަ ވަކި މަސައްކަތެއްކޮށްގެން ނުވާނެ ބަޔެއްކަމަށް ޤަބޫލު ކުރެވުނު ދުވަސްތަކެއް ރާއްޖެ ދެކުނުނަމަވެސް މިއަދު ރާއްޖޭގައި ފިރިހެނުންނާއި އެއްހަމައެއްގައި ހުރިހައި ދާއިރާއެއްގައިވެސް އަންހެނުން އަންނަނީ ފައިތިލަ ސާބިތުކުރަމުންނެވެ.

އެގޮތުން ދިވެހިރާއްޖޭގެ އިޤްތިސާދީ އިޖްތިމާއި އަދި ސިޔާސީ މައިދާނުގައިވެސް އަންހެނުންނަކީ މުހިންމު ދައުރެއް އަދާކުރާ ބައެއްކަން ސަރުކާރުގެ މި ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ ފެނިގެން ގޮސްފައެވެ. މި ކުރު މުއްދަތުގެ ތެރޭގައި ޤައުމު ހިންގުމުގެ ހުންގާނުގައި އަންހެނުންގެ ދައުރު އެހާމެ ބޮޑުވެ ފުޅާވެއްޖެއެވެ. އާއިލާބެލުމުގެ ޒިންމާގެ އިތުރުން ކުރިޔަށް އޮތް ޖީލްތައް ބިނާކުރުމާއި، އިޤްތިސާދު ބިނާކުރުމަށްޓަކައި ސިޔާސީ އަދި ޕްރައިވެޓް ސެކްޓަރގައިވެސް އަންހެނުންނަށް ފުރުޞަތު ލިބި، އެމީހުން އަދާކުރަމުންދަނީ ވަރަށްވެސް މުހިންމު ދައުރެކެވެ.

އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ނުލިބޭނަމަ ތަރައްޤީގެ ހަރުފަތުގައި ދިވެހިރާއްޖެ ކުރިއެރުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވާނެއެވެ. ރާއްޖޭގައި އަންހެނަކަށްވީތީ މަސައްކަތް ނުކުރެވޭ ވަކި ދާއިރާއެއް މިހާރަކު ނެތެވެ. އެގޮތުން ސަރުކާރުންވެސް އަންނަނީ އަންހެނުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ސަރުކާރުގެ އެކި ދާއިރާތަކުގެ އިސްސަފުގައި ފިރިހެނުންނާއި އެއްހަމައެއްގައި ބައިވެރިވުމުގެ ފުރުސަތު އަންހެނުންނަށް އަންނަނީ ފަހިކޮށްދެމުންނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލީހް ވެރިކަމަށް ވަޑައިގެން، އަންހެނުންނަށް ފަހި ގިނަ ފުރުޞަތުތަކެއް ހުޅުވާލަދީ އަންހެނުން ބާރުވެރިކުރުމަށް މި ފާއިތުވި 2 އަހަރު ތެރޭ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަންހެނުންނަށް ހަމަހަމަ ފުރުސަތެއް އޮންނަން ޖެހޭތޯ އުފައްދާ ސުވާލަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ވަނީ ޖަވާބެއް ދެއްވާފައެވެ. އެގޮތުން އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ފުރަތަމަފަހަރަށްވެސް ރެކޯޑް ޢަދަދަކަށް ކެބިނެޓަށް އަންހެނުން އައްޔަންކުރެއްވިއެވެ.

މިސަރުކާރުގެ ކެބިނެޓުގައި މިވަގުތު ތިއްބެވި 18 ވަޒީރުންގެ ތެރެއިން 6 ވަޒީރުންނަކީ އަންހެނުންނެވެ. މިއީ ސަރުކާރެއްގައި މިހާ ގިނަ ޢަދަދަކަށް އަންހެން ވަޒީރުން ހިމެނުނު ފުރަތަމަ ފަހަރުވެސްމެއެވެ. އޭގެތެރެއިންވެސް ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދިފާޢީ ވަޒީރުކަންވެސް ކުރައްވަމުން އަންނަނަނީ އަންހެނެކެވެ. ސިފައިންގެ ލަފާދޭ މަޖިލީހަށް އަންހެން ދެ އޮފިސަރަކު މިއަހަރު ވަނީ އައްޔަން ކުރައްވާފައެވެ. ދިވެހި ސިފައިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލެފްޓެނެންޓް ކާނަލްގެ މަޤާމަށް 3 އަންހެން ސިފައިން ވަނީ ރޭންކުކޮށްފައެވެ. މީގެ އިތުރުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަޤާމަށް ފުރަތަމަ ފަހަރަށް 3 އަންހެން ފުލުހުން ވަނީ އައްޔަންކޮށްފައެވެ. މިއީ ވެސް ރާއްޖޭގައި ތާރީޚީ ބަދަލެކެވެ.

ދައުލަތުގެ ތިން ބާރުގެ ތެރެއިން، ދައުލަތުގެ އެންމެ މަތީ ކޯޓުކަމަށްވާ ސުޕްރީމް ކޯޓަށް ވަނީ ފުރަތަމަ ފަހަރަށް އަންހެން ދެ ފަނޑިޔާރުން އައްޔަންކުރައްވާފައެވެ. މިއީވެސް ރާއްޖޭގައި އަންހެނުންނަށް ހުރި ފުރުޞަތުތަކަށް ސަރުކާރުން އިސްކަންދެއްވާކަން ހާމަކޮށްދޭކަމެކެވެ. މިނިވަން މުއައްސަސާތަކުގެ ވެރިންގެ މަޤާމްތަކުގައި އަންހެނުންނަށް ސަރުކާރުން ފުރުޞަތު ދީފައިވާލެއް އިތުރުކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ސަރުކާރުން އައްޔަންކުރެއްވި ފަސް މެންބަރުންގެ ތެރެއިން ތިން މެންބަރުންނަކީ އަންހެނުންނެވެ. އަދި އެ ކޮމިޝަންގެ ރައީސްއާއި ނާއިބު ރައީސްއަކީވެސް އަންހެނުންނެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އެޗްއާރުސީއެމްއަށް މިހާތަނަށް އައްޔަންކުރެއްވި 4 މެންބަރުންގެ ތެރެއިން 3 މެންބަރުންނަކީވެސް އަންހެނުންނެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއީސީ) އަށާއި "ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން" އަށް ވެސް އަންހެން ދެ ބޭފުޅަކު އައްޔަން ކުރެއްވި އިރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މަގު ދައްކަން ވެސް އައްޔަންކުރެއްވީ އަންހެން ބޭފުޅަކެވެ.


އެހެންކަމުން އަންހެނުން ބާރުވެރިކޮށް އަންހެނުންނަށް ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތް ވަރަށް ރަނގަޅަށް ސާފެވެ. ޤައުމުގެ އެންމެ އިސް ސަފުގައި އަންހެނުންބާރުވެރިކުރައްވާ އެ ފުރުޞަތު ފަހިކޮށްދެއްވުމަށްފަހު އެމަނިކުފާނު ވަނީ ޤައުމުގެ ހުރިހާ ދާއިރާއެއްގައިވެސް އަންހެނުންގެ ދައުރު ފުޅަކުރުމަށް ޤާނޫނުތަކަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ.

އެގޮތުން މި ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހަކީވެސް އަންހެނުން ބާރުވެރިކުރުވުމުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ. އެގޮތުން ކައުންސިލްތަކުން އަންހެނުންނަށް ޚާއްޞަކޮށްގެން %33 ޤާނޫނުން ވަނީ ކަނޑައަޅާފައެވެ. އަދި ފުރަތަމަ ފަހަރަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުކުރެވޭ އަންހެނުންނަށް މުސާރައާއި ޒިންމާތައް ވަނީ ޤާނޫގައި ބަޔާންކުރެވި ކަނޑައެޅިފައެވެ. މިއީ އަންހެނުންނަށް ޤައުމު ހިންގުމުގައި މުހިންމު ދައުރެއް އަދާކުރުމަށް ލިބުނު ބޮޑު ފުރުސަތެކެވެ.
އެ ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި، މަތީ ތައުލީމު ހާސިލްކުރާ އަންހެނުންގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރުމާއި އަންހެނުންގެ ސިއްހީ ހާލަތު ރަނގަޅު ކުރަން މަސައްކަތް ކުރުން ހިމެނެއެވެ. މީގެ ކުރިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުން ތިބެނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ބައެއެއްގެ ގޮތުގައެވެ.

ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުން ކަމަށްވާއިރު، ސިޔާސަތު ކަނޑައެޅުމުގައި އަންހެނުންގެ ބައިވެރިވުން ކުޑަ ނަމަ، ނުވަތަ ދެ ޖިންސުގެ ފިކުރާ ހިޔާލު ހަމަހަމަކޮށް ގެނެސްނުދެވޭ ނަމަ ހަގީގީ މާނައިގައި ލޯކަލް ގަވަރނަންސް ޑިމޮކްރަސީއެއް ނުހިންގޭނެ ކަމަށް އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ބައެއް ޖަމްޢިއްޔާތަކުން ދެކެއެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިޞްލާހު ވެގން ގޮސްފައިވަނީ ކަންކަން ނިންމާ ލެވެލްގައި މަސައްކަތްކުރަން ބޭނުންވެފައިތިބި އެތައް އަންހެނުންނަކަށް ލިބިގެންދިޔަ އުންމީދަކަށެވެ. އަންހެނުންގެ ފެންވަރު ދައްކާލުމުން، އެމީހުންގެ ގާބިލް ކަމާމެދު ޝައްކުކޮށް، ސުވާލު އުފައްދާނެ ފުރުސަތެއް ދެން ނުލިބޭނެ އެވެ. އަދި އިސް މަގާމުތަކަށް އަންހެނުން އިންތިހާބު ނުކުރަން ދައްކާނެ ހުއްޖަތެއް ވެސް ދެން ނޯންނާނެއެވެ.

ސަރުކާރުން އަންހެނުން ބާރުވެރިކުރުވުމަށް އިސް މަޤާމުތަކަށް އަންހެނުން ކުރިމަތިލުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މިވަނީ ފުރުސަތު ފަހިކޮށްދީފައެވެ. ދެން އޮތީ އަޅުގަނޑުމެން އެންމެންގެ ފަރުދީ ޒިންމާއެވެ. މުޖުތަމައުގައި އަންހެން ކަނބަލުންނަކީ ކެރޭ، މަސައްކަތް ކުރެވޭ ބައެއްކަން ބަލައިގަތުމެވެ.