ޚަބަރު

"ސޭފަރ އިންޓަރނެޓް ޑޭ" ކުރެހުމުގެ މުބާރާތުން ވަނަވަނައަށް ދިޔަ ފަރާތްތައް ހޮވައިފި


ދުނިޔޭގެ "ސޭފަރ އިންޓަރނެޓް ޑޭ" އާއި ގުޅިގެން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީން ބޭއްވި ކުރެހުމުގެ މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމް ދީފިއެވެ.

މިއަހަރުގެ ފެބްރުއަރީމަހުގެ 7 ވަނަ ދުވަހު ފާހަގަކުރި "ސޭފަރ އިންޓަރނެޓް ޑޭ"އާ ގުޅުވައިގެން ބޭއްވި މި މުބާރާތް ކުރިއަށްގެންދެވުނީ 3 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. މިގޮތުން 7 އަހަރުން ދަށުގެ އުމުރު ފުރައިން 1 ވަނައަށް ގޮސްފައިވަނީ އައިލީ ބިންތް އަލީ ޝާކިރު، ގދ. ކަނޑުހުޅުދޫއެވެ. 2 ވަނައަށް ގޮސްފައިވަނީ އައްޝަމް އަލީ ރަޝީދު، ލ. ހިތަދޫ ހުށަހެޅި ކުރެހުމެވެ. އަދި 3 ވަނައަށް ދިޔައީ ބަތޫލް ބިންތި ހަސަން ސަނީޒް، ކ.ގުރައިދޫ ހުށަހެޅި ކުރެހުމެވެ.

7 އަހަރާއި 11 އަހަރާއި ދެމެދުގެ އުމުރު ފުރައިން 1 ވަނައަށް ގޮސްފައިވަނީ އައިޝަތު ޔޫލީ އަޒްހަން، ލ. ފޮނަދޫ އެވެ. 2 ވަނައަށް ގޮސްފައިވަނީ ފާތިމަތު ލާރާ ފާރިޝް ހުށަހެޅި ކުރެހުމެވެ އަދި 3 ވަނައަށް ދިޔައީ ލައާލީ ޝަފްނީޒް މޫސާ، ކ.މާލެ ހުށަހެޅި ކުރެހުމެވެ.

12 އަހަރާއި 16 ދެމެދުގެ އުމުރު ފުރައިން 1 ވަނައަށް ގޮސްފައިވަނީ އާމިނަތު ފައިހާ ފަޒީލް، ކ. މާލެ އެވެ. 2 ވަނައަށް ގޮސްފައިވަނީ އަމަލް އަހުމަދު ޝިފާއު، ސ.ހިތަދޫ ހުށަހެޅި ކުރެހުމެވެ އަދި 3 ވަނައަށް ދިޔައީ އައިޝަތު ލައިޝާ ޝިހާމް، ސ.މީދޫ ހުށަހެޅި ކުރެހުމެވެ.

ކުރެހުމުގެ މުބާރާތުން ވަނަތަކަށް ދިޔަ ފަރާތްތަކުގެ އިތުރުން، ސޭފަރ އިންޓަރނެޓް ޑޭ އާއި ގުޅިގެން ރައްކާތެރި ގޮތެއްގައި އިންޓަނެޓް ބޭނުން ކުރުމަށް ސްކޫލްތަކުގައި އިސްނަގައި ޕްރޮމޯޓްކުރުމަށް މާލޭގެ ބައެއް ސްކޫލްތަކުން ބައިވެރިވި "ސޭފާ އިންޓަނެޓް އެމްބެސެޑަރުންނަށް" ސެޓްފިކެޓާއި ބެޖް ފޯރުކޮށްދީފައިވެއެވެ. މިގޮތުން ކަނޑައެޅުނު އެމްބެސެޑަރުންނަކީ:

1.ޔޫސުފް ނުހައިކް ނަސީމް ކަލާފާނު ސްކޫލް
2.އައިޝަތު އީޝާ ޝަފީއު އިމާދުއްދީން ސްކޫލް
3.އައިޝަތު މަލާކު މުހައްމަދު އަމީނިއްޔާ ސްކޫލް
4.އަބްދުލް މަތީން މުހައްމަދު އަރަބިއްޔާ
5.މުހައްމަދު ޝައިހާން އަލީ ރެހެންދި ސްކޫލް
6.މޫސާ މާޒް ތާޖުއްދީން ސްކޫލް
7.މުޙައްމަދު ފިރާސް ޢާޒީ ސްކޫލް
8.އިބްރާހިމް އާޔަން އިމްތިޔާޒް އިސްކަންދަރު ސްކޫލް
9.ޢާއިޝަތު ނައުރީން ނަބީލް ޖަމާލުއްދީން ސްކޫލް
10.ޢަލީ ޝަނާން ޝަރޫޒް ދަރުމަވަންތަ ސްކޫލް
11.މަރިޔަމް އިނާން އިބްރާހިމް ރަޝީދު ސީ.އެޗް.އެސް.އީ
12.ހިސާން ރަޝީދު ހުސައިން މަޖީދިއްޔާ ސްކޫލް

މި ހަފްލާގެ ޝަރަފްވެރި މެހެމާން، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، އޮނޮރަބްލް ޑ.ރ. އިބްރާހިމް ހަސަން ދެއްކެވި ވާހަކަފުޅުގައި ކޮމިއުނިކޭޝަން މިނިސްޓްރީން މި ނެންގެވި އިސްނެގުމުގެ މުހިންމުކަން ވަނީ ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ކުއްޖަކުވެސް މިކަމަށް އަހުލުވެރިވުމަށް ވަނީ އެދިލައްވާފައެވެ. ޚާއްސަކޮށް ކޯވިޑް-19 ގެ ސަބަބުން އިންޓަނެޓް ގެ މުހިންމުކަން ބޮޑުވެ، އިންޓަނެޓަށް ބަރޯސާވެ މަސައްކަތާއި ކިޔެވުމުގެ ކަންކަން ކުރިއަށްދާއިރު އިންޓަނެޓުން ކުރެވޭ ހަނގާކުރުމާއި އެހެނިހެން ނުރަންގަޅު އަމަލުތަކުން ރައްކާތެރިވުމަށް އިލްތިމާސް ކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީ، އަލީ ސާލިހް ދެއްކެވި ވާހަކަފުޅުގައި މި ރަސްމިއްޔާތަކީ ނިމުމެއް ނޫންކަމަށާއި ކުރިއަށް އޮތީ ރައްކާތެރި ގޮތެއްގައި އިންޓަނެޓް ބޭނުން ކުރުމާއި ގުޅޭގޮތުން އިތުރު ހަރަކާތްތައް ހިންގުން ކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި މި މަސައްކަތް ކާމިޔާބު ކޮށްދެއްވުމަށް ޓެލެކޮމް ކުންފުނިތަކުން ފޯރުކޮށްދިން އެހީއާއި ދެއްވި އެއްބާރުލުމަށާއި، މިނިސްޓްރީގެ މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަގަ ކުރެއްވިއެވެ.