ވިޔަފާރި

ފަރެސްމާތޮޑާގައި ބީއެމްއެލްގެ އޭޓީއެމް ޙިދުމަތް އަލުން ދޭން ފަށައިފި


ގދ. ފަރެސްމާތޮޑާގައި ބެންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޙިދުމަތް އަލުން ދޭން ފަށައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ވިދާޅުވީ ހުރިހާ ސަރަހައްދަަކަށް ބޭންކިންގ ޙިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ގދ. ފަރެސްމާތޮޑާގައި ސެލްފް ސާވިސް އޭޓީއެމްގެ ޙިދުމަތް އަލުން ދޭން ފަށާފައިވާކަމަށެވެ. އެގޮތުން މިހާރު ފައިސާ ނެގުމުގެ އިތުރުން، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތްވެސް 24 ގަޑިއިރު ލިބޭނެކަމަށް ބީއެމްއެލުން ބުނެއެވެ.

ފަރެސްމާތޮޑާގައި އޭޓީއެމްގެ ޙިދުމަތްދޭން ފަށާފައިވަނީ 2017ވަނަ އަހަރުއެވެ. އެހެން ނަމަވެސް މީގެ ގާތްގަނޑަކަށް 4 މަސް ކުރިން އޭޓީއެމް ފަޅާލުމާއި ގުޅިގެން އެރަށަށް ދެމުން އައި އޭޓީއެމް ޙިދުމަތްވަނީ މެދުކެނޑިފައެވެ.

މިދިޔަ އަހަރު ބީއެމްއެލްއިން ވަނީ 9 ރަށެއްގައި އަލަށް ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރ ހުޅުވައި އިތުރު 5 ރަށެއްގައި ބެެހެއްޓިފައި ހުރި އޭޓީއެމް ސެލްފް ސަރވިސް ބޭންކިންގ ހިދުމަތްތައް ލިބޭނެހެން ބަދަލު ގެނެސްފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 67 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 129 އޭޓީއެމް، 200އަށް ވުރެގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ބީއެމްއެލްއިން ބުނެއެވެ.