ވިޔަފާރި

އޭ.އައި.އައި.ބީގައި ބައިވެރިވުމަކީ އެޅުއްވި މުހިއްމު ފިޔަވަޅެއް


 ޗައިނާ އިސްވެ އޮވެ އުފައްދާފައިވާ އޭޝިއަން
އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކުގެ މެމްބަރަކަށް ރާއްޖެ ވުމަކީ
އުމްރާނީ ތަރައްގީ ރާއްޖެއަށް ގެނައުމަށް ރައީސް އަބްދުﷲ ޔާމީން އެޅުއްވި ވަރަށް
މުހިއްމު ފިޔަވަޅެއްކަމަށް ރައްޔިތުންގެ މަޖުލީހުގެ މެމްބަރުން ވިދާޅުވެއްޖެެެއެވެ.

އޭ.އައި.އައި.ބީގެ
މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން ޢަމަލްކުރާނެ އުސޫލުތައް ކަނޑައެޅުމަށް
ހުށައަޅާފައިވާ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުގެ
މެމްބަރަކަށް ދިވެހިރާއްޖެ ވުމާއި ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ
މެމްބަރުންވަނީ ތާއީދުކޮށް ވާހަކަދައްކަވާފައެވެ.

މިބިލްވަނީ މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި
މެމްބަރުންގެ އިއްތިފާގުން ބަލައިގެންފައެެވެ. 

އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް
ބޭންކަކީ ގައުމުތަކުގެ ތަރައްގީއަށް ފައިނޭންސްކުރުމަށް ޗައިނާއިން އިސްވެ އޮވެ އުފައްދާފައިވާ
ބޭންކެކެވެ. ރާއްޖެއަކީ އެ ބޭންކުގެ ފައުންޑިންގ މެމްބަރެކެވެ. އޭ އައި އައި ބޭންކުގެ
މެމްބަރަކަށް ޜާއްޖެ ވުމާއިއެކު ރާއްޖެއިން އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ މި
ބިލް މަޖިލީހަށް ހުށައެޅުއްވީ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލްއެވެ.  އޭ އައި
އައި ބީގެ މެމްބަރު ގައުމުތަކުގެ ލިސްޓްގައި ޜާއްޖެ ސޮއިކޮށްފައިވަނީ ތޭވީސް
ވަނައަށެވެ.

ބޭންކު މެމްބަރެއްގެ ގޮތުގައިރާއްޖެއިން ސޮއިކޮށްފައިވަނީ 29 ޖޫން 2015
ގައި. މި ބިލްގެ ގައި ބުނެފައިވަނީ، އޭއައިއައިބީގެ މެމްބަރެއްގެ ހައިސިއްޔަތުން
ރާއްޖޭގެ ފަރާތުން ސޮއިކުރަންޖެހޭ އެއްބަސްވުންތަކާއި، އެހެނިހެން ލިޔުންތަކުގައި
ސޮއިކުރުމުގެ އިތުރުން އެބޭންކަށް ފޮނުވަންޖެހޭ 
ރަސްމީ ލިޔުންތައް ފޮނުވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާގެ ލިޔުމަކުން
އެލިޔުމުގައި ކަނޑައެޅިފައިވާ މީހަކަށް ދިނުމުގެ އިޚްތިޔާރު
ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާކަމަށެވެ. 

މި ބިލްގައިވާގޮތުން ބޭންކާއިގުޅޭ ފައިސާ އަދި ލިޔެކިއުންތައް ބަލަހައްޓާނީ
މަރުކަޒީ ބެންކު އެމްއެމްއޭއިންނެވެ. މިބޭންކުގައި ރާއްޖެ ތަމްސީލްކުރާ
ގަވަރނަރުންނާއި އޯލްޓަނޭޓިވް ވަވަރުނަރުން އައްޔަންކޮށް ކަނޑައަޅާނީވެސް
ރައީސުލްޖުމްހޫރިއްޔާކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން މި ބޭންކުގެ މުޢާމަލާތްތައް
ޜާއްޖޭގައި ނެގޭ އެންމެހާ ޓެކްސްތަކުން އިސްތިސްނާ ވެގެންވާނެކަމަށްވެސް
ބުނެފައިވެއެވެ.

މިބިލަށް މެމްބަރުންވަނީ ތާއީދުކޮށްފައެވެ. މެމްބަރުން ވިދާޅުވީ އޭއައިއައިބީގެ
މެމްބަރަކަށް ވުމަކީ ޜާއްޖެ ފަޚްރުވެރިވާނެ ކަމެއްކަމަށެވެ. އެގޮތުން ރާއްޖޭގެ
ތަރައްގީއަށް މާލީ އެހީތެރިކަން ހޯދުމަށް ފަސޭހަ ވެގެންދާނެކަމަށް ވިދާޅުވިއެވެ.  މިއީ ރާއްޖޭގެ އިސްނެގުމުގެ މަތިން ތަރައްގީގެ
މުހިންމު ބޮޑެތި ބަދަލުތަކެއް އަންނާނެކަމެކަމަށް މެމްބަރުން ވިދާޅުވިއެވެ. 


ސަރުކާރުން ވިދާޅުވެފައިވަނީ އޭއައިއައިބީގެ މެމްބަރކަށް ރާއްޖެ ވުމަކީ ބޭރުގެ
އެހެނިހެން ގައުމުތަކާއި އެއް ހަމައަކަށް ރާއްޖެއައުމަށް ލިބުނު ފުރުސަތެކަމަށެވެ. އެންމެ
ފުރަތަމަ އިސްކަމެއް ދެއްވާނީ ރާއްޖޭގެ ކަރަންޓުގެ ވިއުގަ ހަރުދަނާކުރުމަށްކަމަށް
ސަރުކާރުން ވަނީ ހާމަކޮށްފައެވެ.