ޚަބަރު

ކަރަންޓީން ނުވެ ވޯޓުުލާން ދެވޭނެ ގޮތް ހަދައިފި


ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމަށް، ކަރަންޓިން ނުވެ ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ދެވޭނެގޮތަށް އެޗްޕީއޭއީން ލުއި ދީފިއެވެ.

އަންނަ ހޮނިިހިރު ދުވަހު އޮންނަ އިންތިޚާބާ ދިމާކޮށް އެޗްޕީއޭއިން ޢާންމުކުރި އުސޫލުގައި ވަނީ މިމަހުގެ 11 ވަނަ ދުވަހާއި ހަމައަށް ކަރަންޓީން ނުވެ ކޮންމެ ރަށަކަށްވެސް ދެވޭނެކަމަށް ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްތައްވެސް ހިމެނެއެވެ.

އެޗްޕީއޭއިން ޢާންމުކުރި އުސޫލުގައި ބުނެފައިވަނީ ވޯޓުލުމަށްޓަކައި ރަށްރަށަށް ދަތުރުކުރުމުގައްޔާއި، ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ގެސްޓުހައުސް ހުންނަ ރަށްރަށުންނާއި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރުމުގައި ކަނޑައެޅިފައިވާ ކަރަންޓީނު ކުރުމުގެ ފިޔަވަޅުތަކަށް މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް، އުވާލާފައިވާކަމަށެވެ. އެގޮތުން  ވޯޓުލުމަށްޓަކައި، އެ މީހަކު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ރަށަށް 10 ދުވަހުގެ މުއްދަތުގެ ކަރަންޓީނާ ނުލައި ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާކަމަށް އެޗްޕީއޭގެ އުސޫލުގައިވެއެވެ.

ކަރަންޓީނާ ނުލައި ރަށްތަކަށް ދަތުރުކުރިނަމަވެސް ބައެއް ފިޔަވަޅުތަކުގައި ދެމި ތިބުމަށްވެސް އުސޫލުގައި ވަނީ ލާޒިމްކޮށްފައެވެ. އޭގެ ތެރޭގައި:

1 .ވޯޓުލާ ސަރަޙައްދު ފިޔަވައި ރަށުގެ އާންމު އެހެން ތަންތަނަށް (ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ހިމެނޭގޮތަށް) ނުދިޔުން.
2 .ހުރުމާއި ކެއުމުގެ އިންތިޒާމު، އެހެން މީހުންނާ ވަކިން ހަމަޖެހިފައި ހުރުން.
3 .މީހުންނާ ބައްދަލު ނުކުރުމާއި، ގޭގެއަށް ޒިޔާރަތް ނުކުރުން.
4 .ވޯޓުލުމަށްފަހު، ގިނަވެގެން 48( ސާޅީސް އަށެއް( ގަޑިއިރުގެ ތޭރޭގައި އެ މީހަކު އައި ރަށަކަށް އެނބުރި ދިޔުން.
5 .ރަށުގައި ކަރަންޓީނު ވެފައިވާ ނުވަތަ އެކަހެރިވެފައިވާ ފަރާތްތައް ވޯޓުލުމަށް ކަ ނޑައަޅާ ވަގުތުގައި ނުވަތަ އިލެކްޝަންސް ކޮމިޝަނުން ކަ ނޑައަޅާ އެހެން ވަގުތެއްގައި ވޯޓުލުން.
6 .ދަތުރު ފެށުމުގެ ކުރިން، ވޯޓުލާ ރަށުގެ ކަމާބެހޭ އިދާރާތަކަށް، ދަތުރު ކުރާ ތާރީޚާއި، ރަށުގައި މަޑުކުރާނެ މުއްދަތާއި، ރަށުގައި ހުންނާނެ ތަން އެންގުން.

މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން، މިއުސޫލުގެ ދަށުން ދަތުރުކުރެވޭނީ، ވޯޓުލުމަށްޓަކައި ދަތުރުކުރާ ފަރާތްތައް އެކަންޏެވެ. އަދި އެ ފަރާތްތަކުން، ކޮވިޑް-19އިން ރައްކައުތެރިވުމަށް އަޅައިފައިވާ ހުރިހާ ފިޔަވަޅުތަކަށް ޢަމަލުކުރަންވާނެކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ. ނަމަވެސް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅުއްވާ ޚާއްޞަ ހާލަތްތަކުގައި، އެކަމަނާ އަންގަވާ ގޮތެއްގެ މަތިން ޢަމަލުކުރެވިގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

ކަރަންޓީން ނުވެ ރަށްތަކަށް ދެވޭނެ ގޮތް ހެދިނަމަވެސް ކޮންމެހެން އަމަލުކުރަންޖެހޭނެކަމަށް ކަނޑައަޅާފައިވާ ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، ހުރިހާ އިދާރާތަކަށާއި ފަރާތްތަކަށް އަންގާކަމަށްވެސް އެޗްޕީއޭގެ އައު އުސޫލުގައިވެއެވެ. އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.