ޚަބަރު

ވަޒީފާގެ ބާޒާރަށް އަހަރަކު 1200 މީހުން ތަމްރީން ކުރަމުންދާނަން - ހަޔަރ އެޑިއުކޭޝަން


ސަރުކާރުން މަސައްކަތްކުރަމުންދަނީ އަހަރަކު 1200 ވަޒީފާއަށް މީހުން ތަމްރީނުކުރުމަށް ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ ކޯވިޑާއެކު ގިނަ ވަޒީފާތަކެއް ހުސްވެފައިވާތީ އެވަޒީފާތަކަށް ދިވެހިން ހޯދާ ތަމްރީންކޮށް ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

"ސްކިލްސް ފޯ އަ ރިޒިލިއަންޓް ވޯރކްފޯސް" ޕްރޮގްރާމްގެ ދަށުން ޓެކްނިކަލް އަދި ވޮކޭޝަނަލް ކޯސްތައް ހިންގުމަށް ތިން ފަރާތަކާ ރަސްމީކޮށް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން ވިދާޅުވީ ޤައުމު ބިނާކުރުމަށް ބޭނުންވާ މީހުން ނުވަތަ ޤާބިލް ވޯކްފޯސްއެއް ބިނާކުރުމަކީ ހަމައެކަނި ސަރުކާރަށް ކުރެވޭނެކަމެއްނޫންކަމަށެވެ. އެކަން އެންމެ ކާމިޔާބުކަމާއެކު ކުރިއަށްގެންދިޔުމަށް ތަޢުލީމީ ދާއިރާގައި ޙަރަކާތްތެރިވާ އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް ބޭނުންވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އަމިއްލަ ފަރާތްތަކާއި ވޯލްޑް ބެންކްގެ އެހީތެރިކަމާއެކު އަހަރަކު 1200 މީހުން މިހާރު ހުރި ވަޒީފާތަކަށް ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކުރުމަކީ ސަރުކާރުން އިސްކަމެއްދެއްވާކަމެއްކަން ފާހަގަކުރައްވާ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރަމުންދިޔަ އެތައް ބިދޭސީންތަކެއް ވަޒީފާދޫކޮށް ގޮސްފައިވާކަމަށެވެ. އެހެންކަމުން ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވާ އެދާއިރާއިން ދިވެހިން ބިނާކުރުމަކީ މިހާރު އޮތް އެންމެ ބޮޑު މަސައްކަތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ސްކިލްސް ފޯ އަ ރިޒިލިއަންޓް ވޯރކްފޯސް" ޕްރޮގްރާމްގެ ދަށުން މީހުން ބިނާކުރުމަށް ހަޔަރ އެޑިއުކޭޝަނުން ޙަވާލުކޮށްފައިވަނީ ޓެކްނިކަލް ވޮކޭޝަނަލް ޓްރެއިނިންގ އިންސްޓިޓުޓް (ޓިވެޓް)އާއި ވިލާ ކޮލެޖާއި މާލޭ ފިޓްނެސް ކްލަބާއެވެ. އެގޮތުން 7 ދާއިރާއަކުން 1200 ޒުވާނުން އަހަރެއްގެ ތެރޭގައި ތަމްރީނުކުރުމަށްވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ހިމެނެނީ ފަތުރުވެރިކަމުގެ ދާއިރާއިން 600 މީހުންނާއި އައިސީޓީ ދާއިރާއިން 200 މީހުންނާއި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ކޮންސްޓްރަކްޝަން ދާއިރާއިން 400 މީހުންނެވެ. މީގެތެރެއިން 33 އިންސައްތައަކީ އަންހެނުންނަށް ހެދުމަކީވެސް މިނިސްޓްރީގެ އަމާޒެކެވެ.

"ސްކިލްސް ފޯ އަ ރިޒިލިއަންޓް ވޯރކްފޯސް" ޕްރޮގްރާމްއަކީ 2019 ވަނަ އަހަރު ސަރުކާރުން ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ޙާލަތު ދެނެގަތުމަށް ހަޔަރ އެޑިއުކޭޝަނުން ކުރި އެނެލިސިސްއަކަށް ރިޢާޔަތްކުރެވިގެން ފަރުމާކޮށް ވޯލްޑް ބެންކްގެ އެހީގައި ޓޫރިޒަމް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.