ޚަބަރު

ބޮޑެތި ބޯޓު ފަހަރަށް ކައިރި ކުރެވޭގޮތަށް ކުޅުދުއްފުށީ ޕޯޓް ތަރައްގީކުރަނީ


މަގަތު ފާލަމެއް ހަދައި ބޮޑެތި ބޯޓްފަހަރު ކައިރިކުރެވޭގޮތަށް ކުޅުދުއްފުށީ ޕޯރޓް ތަރައްގީކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑު، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީގައި ހުންނަވައިގެން މީޑިއާއަށް މައުލޫމާތުދެއްވަމުން ޝާހިދު ވިދާޅުވީ، އުތުރާއި ދެކުނުގައި އިންޓަނޭޝަނަލް ޕޯޓް ތަރައްގީކުރުމަކީ ސަރުކާރުގެ ވަރަށް މުހިއްމު ވައުދެއް ކަމަށާއި އެވައުދުގެ ތެރެއިން ކުޅުދުއްފުށި ބަނދަރު ތަރައްގީކުރުމަށް މާސްޓާ ޕްލޭނެއް ހަދައި އެއަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ،

ޝާހިދު ވިދާޅުވީ ކުޅުދުއްފުށި ޕޯޓް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ކަމަށެވެ. އެގޮތުން ބަނދަރު ތަރައްގީކުރުމަށް ހަދަންޖެހޭ ޑީޓެއިލް ސާރވޭ އާއި ޑިޒައިން އަދި އީއައިއޭ ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ކޭޕީއެލް ތަރައްގީކުރާއިރު މަގަތު ފާލަމަކާއި ވެއާރ ހައުސް އާއި އޮފީސް އިމާރާތަކާއި ވޯކްޝޮޕެއް ހެދިގެންދާނެކަމަށާއި އެ މަސައްކަތަށް އެ ސަރަހައްދުން ބިން ހިއްކާނެކަމަށެވެ.

"
"ކޭޕީއެލަށް މިހާރު ކައިރިކުރެވެނީ 3 މީޓަރު ހަތަރު މީޓަރުގެ ކުރާފްޓް. މިހާރު ހަދައި ޕްރޮޖެކްޓް ޕްލޭންކޮށްފަ އިންގޮތުން މަގަތު ފާލަމަށް ބޯޓް އެލޯންގް ސައިޑްކުރެވޭނެ. އޭރުން ހަމަ ސީދާ ބޯޓުން އެއްގަމަށް މުދާ ބޭލޭނެ. އޭގެ ސަބަބުން ވަރަށް ބޮޑުތަން ހަރަދުކުޑަވެގެންދާނެ."
މޯލްޑިވްސް ޕޯރޓްސް ލިމިޓެޑުގެ އެމް ޑީ ޝާހިދު

ޝާހިދު ވިދާޅުވީ މަގަތު ފާލަމާއެކު އިތުރު ހިދުމަތްތައްވެސް ލިބޭނެކަމަށާއި ކޮޗިންނާއި ސޫތުކުޅީގެ އިތުރުން މިސަރަހައްދުގެ އެހެން ގައުމުތަކުން ކޭޕީއެލަށް ސީދާ މުދާ ގެނައުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.

އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ، ރައީސްގެ ވައުދު ވީހާވެސް އަވަހަކަށް ފުރިހަމަކުރުމަށްޓަކާ ކުޅުދުއްފުށި ބަނދަރުގެ މަސައްކަތް ޖުލައިމަހު ފަށާނެކަމަށެވެ. އާޒިމް ވިދާޅުވީ އަވަސް އަރުވާލާފައި މަސައްކަތްކުރުމުގެ ސަބަބުން މައްސަލަތައް ދިމާވާކަމަށާއި، ކުޅުދުއްފުށި ބަނދަރުގެ މަސައްކަތްކުރާނީ ރަނގަޅަށް ޕްލޭން ކުރެވި އެކަމަށް ވަގުތުދީގެން ކަމަށެވެ.

"
"އަމާޒު ހިފާފައިވަނީ ބަނދަރުގެ މަސައްކަތް 2022 ވަނަ އަހަރުގެ ޑިސެމްބަރަށް ނިންމާލުމަށް"
އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް

ކުޅުދުއްފުށީ ޕޯރޓްގައި މިހާރު ބޭނުންކުރެވެމުންދަނީ 171 މީޓަރގެ ކީވޯލްއެކެވެ. މިތަނުގެ ހިދުމަތް ދޭން ފަށާފައިވަނީ 2005 ވަނަ އަހަރުގެ ޑިސެމްބަރ 5 ގައެވެ.

ކުޅުދުއްފުށި ޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ކުޅުދުއްފުށްޓަށް ކައިރި ޤައުމުތަކުން މިހާރު ދަނީ މުދާ ގެންނަވަމުންނެވެ. މިގޮތުން އިންޑިއާގެ ކޮޗިންއާއި ކުޅުދުއްފުށްޓާއި ދެމެދު މިހާރު ވަނީ ކާގޯ ފެރީގެ ޚިދުމަތްވެސް ފަށާފައެވެ.