ހިޔާ މަޝްރޫޢުގެ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ އެޗް-10ގައި ހިމެނޭ މީހުންނަށް ލިބުނު ފްލެޓް ނަންބަރުތައް ކަނޑައަޅައިފިއެވެ. މިކަމަށްޓަކައި ބޭއްވި ގުރުއަތުނެގުން ކުރިއަށް ގެންގޮސްފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީންނެވެ.
ހިޔާ ހައުސިންގް މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 6720 ހައުސިންގް ޔުނިޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް ސަރުކާރުން މިހާރުވަނީ އިޢުލާންކޮށްފައެވެ. ސަރުކާރުގެ އެދިލެއްވުމަށް އެޗްޑީސީން ފަށާފައިވަނީ ލިސްޓްގައި ތިބި މީހުންނަށް ލިބޭ ފްލެޓް ކަނޑައެޅުމުގެ މަސައްކަތެވެ.
ފުރަތަ ގުރުއަތުނެގުން ކުރިއަށް ގެންދިޔައީ އެޗް-10ކެޓަގަރީ (ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ)ގެ ގުރުއަތުނެގުމެވެ.
ގުރުއަތު ނެގުން ކުރިއަށްދިޔަގޮތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޗްޑީސީގެ ސީއޯއޯ ޝާތިރު އަބްދުލްރަޙުމާން ވިދާޅުވީ، ގުރުއަތު ނެގުން ކުރިއަށްގެންދިޔައީ ލިބޭ ފްލެޓްގެ މަޢުލޫމާތު ވީހާވެސް ފަސޭހައިން އެ ފަރާތްތަކަށް ސާފުވާނެގޮތަށްކަމަށެވެ. އެގޮތުން ނަންބަރާއި، ފްލެޓް ހުރި އިމާރާތާއި ސަރަޙައްދު ގްރެފިކްސްއިންވަނީ ދައްކާފައެވެ. އަދި ހަމަހަމަކަމާ ދެފުށްފެންނަ ގޮތަށް ގުރުއަތުނެގުން ކުރިއަށްގެންދިއުމަށް ގުރުއަތު ކަރުދާސްކޮޅު ނަގާފައިވަނީ ސްކޫލް ދަރިވަރުންކަމަށް ޝާޠިރު ވިދާޅުވިއެވެ.
"ލިސްޓުގައި ހިމެނޭ 188ފަރާތުގެ ގުރުއަތު މި ކުރިއަށްގެންދިޔައީ. ގުރުއަތު ކަރުދާސްކޮޅުގައި ހިމެނޭނެ ޓަވަރު ނަންބަރާ ފްލޯ ނަންބަރު އަދި އެޕަރޓްމަންޓް ނަންބަރު." ޝާތިރު ވިދާޅުވިއެވެ.
ގުރުއަތު ނެގުން ކުރިއަށްދިޔައިރު އެ މަންޒަރުވަނީ ޓީވީއިން ވަގުތުން ދުރަށް ދައްކާފައެވެ.
ޝާތިރު ވިދާޅުވީ ގުރުއަތު ނެގުމާއެކު އެމީހަކަށް، މި މަޢުލޫމާތުތައް ހިމެނޭ އެސްއެމްއެސްއެއް ލިބޭނެކަމަށެވެ. އަދި އެސްއެމްއެސްގައި އިންނަ ލިންކުގައި އިތުރު މަޢުލޫމާތުތައް ހިމެނޭކަމަށެވެ.
"އެޗްޑީސީގެ މަސައްކަތަކީ ސަރުކާރުން ދޭ ލިސްޓަށް، ފްލެޓްތަކުގެ ގުރުއަތުނެގުން. ލިސްޓާ ގުޅޭ އެއްވެސް މަސައްކަތެއް ނުކުރާނެ. ގުރަށްފަހު ދެން ކުރާނީ އެގްރިމެންޓާއި ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް." ޝާތިރު ވިދާޅުވިއެވެ.
ޝާތިރު ވިދާޅުވީ އެގްރިމެންޓާ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެގޮތާ، ވަގުތުތައް ފްލެޓްތަކުގެ ވެރިންނަށް އަންގަމުންދާނެކަމަށެވެ. އަދި ސަރުކާރުން އިތުރު ލިސްޓްތައް ޙިއްސާކުރަމުން އަންނަ މިންވަރުން، އިތުރު ކެޓަގަރީތަކުގެ ގުރުނެގުންވެސް ކުރިއަށްގެންދާނެކަމަށެވެ.