ވިޔަފާރި

ދެކުނު ކޮރެއާގެ މަޝްހޫރު ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރުކުރަނީ


ދެކުނު ކޮރެއާ މާކެޓަށް ޚާއްޞަ ޑިޖިޓަލް މީޑިއާ ކެމްޕޭނެއް އެމްއެމްޕީއާރުސީން ފަށައިފިއެވެ.

މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ވިދާޅުވީ 7 މަސް ދުވަހުގެ މުއްދަތައް ކުރިއަށްގެންދަން ރާވާފައިވާ މި ކެމްޕޭންގެ މަޤްސަދަކީ މިމާކެޓްގައި ރާއްޖެއަކީ ދަތުރު ފަތުރު ކުރުމަށް އެންމެ މަޤްބޫލް އެއް މަންޒިލްގެގޮތުގައި ދެމެހެއްޓުން ކަމަށެވެ.

މި ކެމްޕޭން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެކުނު ކޮރެއާގެ މަޝްހޫރު ޑިޖިޓަލް ޕްލެޓްފޯމްތައް ކަމަށްވާ ފޭސްބުކް، އިންސްޓަގްރާމް، ކަކްއޯ ޓޯކް އަދި ނޭވާ ގައެވެ.

ނޭވާ އަކީ ދެކުނު ކޮރެއާގައި އެންމެ ގިނައިން ބޭނުން ކުރެވޭ ވެބް ޕޯޓަލްއެވެ. 200 މިލިޔަނަށް ވުރެ ގިނަ މީހުން ބޭނުން ކުރާ މި ޕްލެޓްފޯމަކީ "ގޫގުލް އޮފް ސައުތު ކޮރެއާ" ނަމުން މަޝްހޫރުވެފައިވާ ޕޯޓަލްއެކެވެ. މިވެބްޕޯޓަލް ބޭނުން ކުރެވޭނީ ރާއްޖެއާއި ގުޅޭ ތަފާތު މަޢުލޫމާތު އެއްތަނަކުން ފޯރުކޮށްދެވޭނެ ވަސީލަތެއްގެ ގޮތުގައެވެ. މީގެތެރޭގައި ދަތުރުފަތުރު ކުރުމުގެ އެންމެ ފަހުގެ ޤަވާއިދުތަކާއި ބަލަންޖެހޭ މިންގަޑުތަކާއި، ކޯވިޑްގެ ހާލަތާއި ގުޅޭ މަޢުލޫމާތާއި މޫސުމާއި ގުޅޭ މަޢުލޫމާތު ހިމެނެއެވެ.

އެމްއެމްޕީއާރުސީން ބުނީ ކެމްޕޭން ތެރޭގައި ނޭވަރގައި ޚާއްސަ އިޝްތިހާރާއި ބްލޮގް ޕޯސްޓް ގެނެސްދެވޭނެ ކަމަށާއި މީގެ ސަބަބުން ޕީކް ސީޒަން ތަކުގައި ގިނަމީހުން ޝައުގުވެރިވާ މަންޒިލަކަށް ރާއްޖެވެގެންދާނެ ކަމަށެވެ.

ފޭސްބުކް އާއި އިންސްޓަގްރާމްގެ ޒަރިއްޔާއިން ދަތުރުވެރިން ޝައުގުވެރިވާނެ ފަދަ ފޮޓޯތައް ގެނެސްދެވޭނެއެވެ. މި ފޮޓޯތަކުން ރާއްޖޭގެ ހިތްގައިމު ޤުދުރަތީ މަންޒަރު ތަކާއި ރާއްޖޭގައި ތަޖުރިބާ ކޮށްދެވެނޭ ޚާއްސަ ކަންތައްތައް ދައްކާލެވޭނެއެވެ. ފޭސްބުކް އާއި އިންސްޓަގްރާމަކީ ދެކުނު ކޮރެއާ ރައްޔިތުން އެންމެ ގިނައިން ބޭނުންކުރާ ސޯޝަލް މީޑިއާ އެޕްތަކެވެ.

އެމްއެމްޕީއާރުސީން ބުނީ ކޮރެއާގެ މަގްބޫލް މެސެޖިން އެޕްލިކޭޝަނެއް ކަމަށްވާ ކަކާއޯ ޓޯކްގައި މިކެމްޕޭންގެ ބައެއް ހަރަކާތްތައް ކުރިއަށްގެންދެވޭނެ ކަމަށެވެ. 220 މިލިޔަނަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެ، މަހެއްގެ މައްޗަށް 8.49 މިލިޔަން މީހުން ބޭނުން ކުރާ މި އެޕްގައި ރާއްޖޭގެ އެކައުންޓެއް ހަދައި އެ އެކައުންޓް މެދުވެރިކޮށް ކުއިޒް މުބާރާތް ފަދަ ކެމްޕޭންތައް ކުރިއަށް ގެންދަންވަނީ ރާވާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހުސްވި އަހަރު ދެކުނު ކޮރެއާއިން ރާއްޖެއަށް 5895 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ އެހެން އަހަރުތަކާއި އަޅާ ބަލާއިރު ދަށް އަދަދެކެވެ. ދެކުނު ކޮރެއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މިއަހަރުތެރޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައެެވެ. މިގޮތުން ވާޗުއަލް ފެއަރތަކާއި ވެބިނާ އާއި އައުޓްޑޯ ކެމްޕެއިންތަކާއި މީޑިއާ ފެމް ޓްރިޕްތައް ހިމެނެއެވެ.