ޚަބަރު

ކޯވިޑް-19 : 138 ޕޮޒިޓިވް، ރަނގަޅުވި ޖުމުލަ ޢަދަދު 22،000އިން މައްޗަށް


ރާއްޖެއިން އިތުރު 138 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 25،191އަށް އަރައިފިއެވެ. މިބަލިން މިހާތަނަށް 22،000އަށްވުރެ ގިނަ މީހުންވަނީ ރަނގަޅުވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ފާއިތުވި 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މާލެ ސަރަޙައްދުން އަލަށް 84 މީހުންވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

އަންގާރަ ދުވަހުގެ އިރުއޮއްސި 6:00އިން ފެށިގެން ބުދަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 138މީހުންގެ ތެރޭގައި ދެން ހިމެނެނީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 44 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 6 މީހަކާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށުން ޕޮޒިޓިވްވި 4 މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 25،191އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 116 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަލަށް ބަލިން ރަނގަޅުވި މީހުންނާއެކު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 22،014އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 3،101 މީހުންނެވެ. އަދި 88 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،034 ސާމްޕަލެއް ވަނީ ނަގާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 67 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 59 ދިވެހިންނާއި 8 ބިދޭސީންނެވެ.