ޚަބަރު

މުޅި ސިއްޙީ ނިޒާމަށް ލޮޅުން އެރިއިރު، އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ކުރިއަށް


ކޯވިޑް-19ގެ ސަބަބުން މުޅި ދުނިޔޭގެ ހިނގުން ހުއްޓުމަކަށް އައިސް، ވޭތުވެދިޔަ 16 މަސްދުވަހަކީ ރާއްޖެއަށްވެސް އެތައް ގޮތަކުން އެތައް ދަތިތަކެއް ކުރިމަތިވި ދުވަސްތަކެކެވެ. އެހެންނަމަވެސް ސިއްޙީ ނިޒާމަށް ކުރިމަތިވީ ދަތި ޙާލަތުގައި ރާއްޖޭގެ ސިއްޙީ ނިޒާމުވަނީ އެހެން ޤައުމުތަކާ ޚިލާފަށް ކުރިއެރުންތަކެއް ޙާސިލްކޮށްފައެވެ.

ރާއްޖޭގެ މަރުކަޒީ ސިއްޙީ ނިޒާމު ލާމަރުކަޒުކުރެވޭނެކަމުގެ ފެހި ސިގްނަލް ފެނިގެން ދިޔައީ ކޯވިޑްގެ ސަބަބުން އޮތް ފުރަބަންދުގެ ޙާލަތުގައެވެ. މިއީ މިހާތަނަށް ގިނަބަޔަކަށް އެހައި އަވަހަށް ކުރެވިދާނެކަމަށް އުންމީދުކުރި ކަމެއް ނޫނެނެވެ. މީގެ ކުރިން އެންމެ އާދައިގެ ފަރވާތައް ހޯދުމަށްވެސް ގިނަ ރަށްރަށުން އަންނަޖެހިފައި އޮތީ ވެރިރަށް މާލެއަށެވެ.

މިހެން އޮތް އޮތުން ނިމުމަކަށް އައިސް އަމިއްލަ ރަށުގައި އަމިއްލަ އަތޮޅުގައި ޢާއްމު ސިއްޙަތުގެ ގިނަކަންކަމަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ދުވަހެއް ދުށުމަށް ގިނަބަޔަކު ތިބީ ކެތްމަދުވެފައެވެ. އެކި ސަރުކާރުތަކުން އެކި ނަންނަމުގައި އެކި ޕްލޭންތައް ވަނީ ރާވާފައެވެ. އެހެންނަމަވެސް މިއީ ރައްޔިތުންގެ އިތުބާރާވެސް ގުޅިފައިވާކަމަކަށްވީތީ ސިއްޙީ ނިޒާމު ލާމަރުކަޒުކުރުމަކީ ބޮޑު ޚަރަދެއް ހިނގާނެ އަދި އެތައް ދުވަހެއް ހޭދަވާނެ ބޮޑު ގޮންޖެހުމެއްގެގޮތުގައި އޮތީ ޤަބޫލުކުރެވިފައެވެ.

ކޯވިޑްގެ ސަބަބުން ކުރިމަތިކުރުވި ފުރަބަންދުގެ ޙާލަތުގައި އެއްވެސް އިތުރުގޮތެއް ނެތިގެންނަމަވެސް ރައްޔިތުންގެ މިސްރާބު މާލޭގެ ސިއްޙީ ނިޒާމުން ބޭރަށް، އަތޮޅުތަކުން ލިބެންހުރި ޚިދުމަތަކާ ދިމާއަށް ބަދަލުކުރަންޖެހުނެވެ. ނަތީޖާއަކަށްވީ މަދުދުވަސްކޮޅެއްގެ ތެރޭގައި އަތޮޅުތަކުގެ ބައެއް ސަރަޙައްދުތަކުގައި އޮތް ސިއްޙީ ނިޒާމު ރައްޔިތުން ބަލައިގަތުމެވެ. މީގެ ކުރިން އެ ސަރަޙައްދުތަކުން ލިބެންހުރިކަން ނުވެސް އެނގޭ އެތައް ޚިދުމަތްތަކެއް އަމިއްލަ ރަށާ ކައިރި ހޮސްޕިޓަލްތަކުން ލިބެން ހުރުމުގެ ސަބަބުން ސިއްޙީ ފަރުވާއަށް މާލެއަށް ނުގޮސް ހަމަޖެހޭނެ ދޮރު ރައްޔިތުންނަށްވަނީ ހުޅުވިފައެވެ.

އަދި މީގެކުރިން އަތޮޅުތަކުގައި ނުކުރާ އެތައް އޮޕަރޭޝަންތަކާއި ސަރޖަރީތައް އަތޮޅުތަކުގެ ހޮސްޕިޓަލްތަތކުގައި މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން ކަކުލު ހުޅު ބަދަލުކުރުމުގެ ސަރޖަރީތަކާއި އޯވަރީ ސިސްޓް ނެގުމާއި ނާރުގެ އޮޕަރޭޝަންތަކާއި މައިބަދައިގެ ބޮޑެތި އޮޕަރޭޝަންތައް އަންނަނީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި ކުރަމުންނެވެ. މިއީ މީގެކުރިން ހޮސްޕިޓަލްގައި ތިބި ޑޮކްޓަރުންނާއި ހުރި ވަޞީލަތްތަކުގައި ދަބަރުޖަހަމުންދިޔައިރުވެސް ކުރަން ނުކެރިހުރި އޮޕަރޭޝަންތަކެވެ. މިފަދަ އޮޕަރޭޝަންތައް ކުރުމަށް ދަތުރުހަދައިގެން ޢާއިލާއިން ރައްކާކޮށްފައި ހުރިހުރިހާ ފައިސާއެއް ހޭދަކޮށްގެން މާލެއަށް ނުވަތަ ރާއްޖެއިން ބޭރަށް ކުރިދަތުރުތައް މިވަނީ ނިމުމަކަށް އައިސްފައެވެ.

މިވަގުތުވެސް މުޅި ސިއްޙީ ނިޒާމު އެބައްޔަކާ ދެކޮޅަށް މަސައްކަތްކުރަމުން އަންނަ ކޯވިޑްގެ ބަލިމަޑުކަމަށްވެސް އަތޮޅުތެރޭގައި އަންނަނީ ފަރުވާދެމުންނެވެ. އެގޮތުން އަތޮޅުތަކުން ޕޮޒިޓިވްވަމުން އަންނަ މީހުންގެ ތެރެއިން ބަލީގައި ބޮޑުވަރުވާ މީހުން މާލެ ގެނައިނަމަވެސް ފަރުވާދިނުމުގެ އިންތިޒާމު ޢާއްމުގޮތެގައި ހަމަޖައްސާފައިވަނީ އަތޮޅުތެރޭގައި ހުރި ކޯވިޑް ފެސިލިޓީތަކުގައެވެ.

ކޯވިޑްގެ ނުރައްކަލުގައި ދުނިޔޭގެ ގިނަ ޤައުމުތަކުގެ ސިއްޙީ ނިޒާމުތަކާއި ނުކަތައިގެން އުޅުނު ޙާލު ރާއްޖޭގެ ސިއްޙީ ނިޒާމަށް މިވަނީ އެދެވޭ ހެޔޮބަދަލުތަކެއްވެސް އައިސްފައެވެ. ދަތިކަމުގެ ދަނޑިވަޅުގައިވެސް އެކަން އަމިއްލަ ބާރެއްގެ ގޮތުގައި ދިވެހިންމިވަނީ ބޭނުންކޮށްފައެވެ. މިހާރު އޮތް އެންމެ ބޮޑު އުއްމީދަކީ 5 ސަރަޙައްދުގައި ޤާއިމުކުރާ ޓަރޝިއަރީ ހޮސްޕިޓަލްތައް އިތުރަށް ތަރައްޤީކޮށް ރާއްޖޭގެ ސިއްޙީ ނިޒާމު އާ ހަރުފަތަކަށް ދާނެ ދުވަހަކަށެވެ.