ޚަބަރު

ދެ ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި


ހއ.ހޯރަފުށްޓާއި ނ.ހެނބަދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތާއި ނ.މަނަދޫ ބޭރުތޮށިލުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

މިމަސައްކަތްތަކަށް ބޭނުންވާ ސާމާނު އެމްޓީސީސީން މިހާރުވަނީ އެރަށްތަކަށް ގެންގޮސްފައެވެ. ހޯރަފުށްޓާއި ހެނބަނދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢާއި މަނަދޫ ބަނދަރު ފުންކުރުމާއި ބޭރު ތޮށިލުމުގެ މަސައްކަތުގެ ފެށުން ފާހަގަކުރުމަށް އެ ދެރަށުގައިވަނީ ޚާއްސަ ރަސްމިއްޔާތެއް ބައްވާފައެވެ. މަޝްރޫޢުގެ މަސައްކަތްތައް އިފްތިތާޙުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. މިރަސްމިއްޔާތުތަކުގައިވަނީ ރަށު ކައުންސިލާއި ދާއިރާތަކުގެ މެންބަރުންނާއި ޢާއްމުރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ނ.ހެނބަދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރުޢުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދިއުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 28ވަނަ ދުވަހުއެވެ. މި މަސައްކަތުގެދަށުން ރަށުގެ ގިރަމުންދާ ސަރަޙައްދުގައި 235 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 25 މީޓަރުގެ ސަރަޙައްދުގައި ގްރޯއިންސް ޖެހުން ހިމެނެއެވެ. މި މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 3 މަސް ދުވަހުން ނިންމާގޮތަށެވެ. މަޝްރޫޢުގެ އަގަކީ 5 މިލިއަން ރުފިޔާއެވެ.

ހއ.ހޯރަފުށީ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދިއުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ 20ވަނަ ދުވަހުއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 70 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢުގެ މަސައްކަތަށް 6.39 މިލިއަން ރުފިޔާ ހޭދަވެއެވެ.

މީގެއިތުރަށް ނ.މަނަދޫ އައު ނެރު ފުންކުރުމާ ބޭރުތޮށި ލުމުގެ ޢަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީންވަނީ ތައްޔާރުވެފައެވެ. މިމަސައްކަތް މިކަން އިފްތިތާޙު ކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ. މި މަސައްކަތުގެދަށުން ބަނދަރު ފުންކުރުމާއި، 290މީޓަރުގެ ސަރަޙައްދުގައި ބޭރު ތޮށި ލުމާއި 2މީޓަރުގެ ބްރިޖެއް ހެދުމާއި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ. 29.11 މިލިއަން ރުފިޔާއަށް މިމަސައްކަތް ޙަވާލުކުރީ 10މަސް ދުވަހުން ނިންމާގޮތަށެވެ.

މަސައްކަތް ފެށްޓެވުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވަނީ މަޝްރުޢުތަކުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

"މަސައްކަތް ގެންދަނީ ރައްޔިތުން ބޭނުންވާގޮތަށް. ކޮންމެ މަސައްކަތެއް ގެންދަނީ ރަށުގެ ރައްޔިތުންގެ ޚިޔާލާއެކު. އެންމެންގެ ޚިޔާލާއެކު މަސައްކަތް ގެންދެވުމަކީ ލިބޭ ބޮޑު ކާމިޔާބީއެއް." ނ.ހެނބަދޫގައި ބޭއްވި ރަސްމިއްޔާތުގައި އާދަމް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ މަސައްކަތްތައް ރާއްޖޭގެ ހުރިހާ އަތޮޅުތަކުގައި ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން 50އަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް މިހާރުވެސްދަނީ ކުރިއަށްގެންދަމުންނެވެ.