ޚަބަރު

ހިޔާ ފްލެޓްތައް: މަހު ކުއްޔަކީ 7500ރުފިޔާ، ޑައުންޕޭމަންޓް ނުދެއްކިޔަސް ވަދެވޭނެ


ހިޔާ މަޝްރޫޢުގެ ހައުސިންގ ޔުނިޓްތަކުގެ މަހު ކުއްޔަކީ 7،500 ރުފިޔާކަމަށް ސަރުކާރުން ކަނޑައަޅައިފިއެވެ. ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ ހިޔާ ހައުސިންގ ޔުނިޓްތަކަށް ފައިސާ ދެއްކުމުގައި 2ގޮތެއް އިޚްތިޔާރުކުރެވިދާނެކަމަށެވެ.

ހިޔާ މަޝްރޫޢުގެ ހައުސިންގ ޔުނިޓްތަކަށް ފައިސާ ދެއްކުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ ފައިސާ ދެއްކޭ އެއްގޮތަކީ ޑައުން ޕޭމަންޓާ ނުލައި ދިގުމުއްދަތަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދެއްކުންކަމަށެވެ. ދެވަނަ ގޮތަކީ ފްލެޓަށް ވަންނައިރު ދައްކަންޖެގޭ ޑައުން ޕޭމަންޓް ފައިސާ ދައްކާފައި، މަހުން މަހަށް ދައްކަންޖެހޭ ކުލީގެ އަގު ކުޑަކޮށް ދެއްކުންކަމަށެވެ.

"ޑައުން ޕޭމަންޓް ނުދައްކާ ދާން ބޭނުންވާ މީހުންނަށް އެ އޮޕްޝަން އެބައޮތް. އޭރުން 25 އަހަރަށް ބަލައިގެން ފައިސާ ދެއްކީމަ ދައްކަންޖެހޭނީ މަހަކު 7500ރުފިޔާ. ޑައުން ޕޭމަންޓް ދައްކާ މީހުންނަށް އެއަށްވުރެ އަގު ހެޔޮވާނެ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަޝްރޫޢުގެ ލޯނަށް ޚަރަދުކުރާ ފައިސާއާއި ޢަމަލީ މަސައްކަތަށް ޚަރަދުކުރާ ފައިސާގެ ޢަދަދަށް ބަލާއިރު ފްލެޓް ލިބޭ މީހާ ދައްކަންޖެހޭ އަގަގީ ވަރަށްކުޑަ އަގެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާކަމަށެވެ. މިކަމުގެސަބަބުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއަށް ބާރުބޮޑުވިނަމަވެސް، ސަރުކާރުން މަސައްކަތް ކުރަނީ ފްލެޓް ލިބުނު މީހުންނަށް ލުއިކޮށްދިނުމަށްކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

"ހަގީގަތުގައި ޕްރޮޖެކްޓަށް ހޭދަވި އަގަށް ބަލާއިރު 11،000އަށްވުރެ ކުޑަކޮށް ފްލެޓެއް ނުދެވޭނެ. ޔުނިޓަށް ޖުމްލަ 62،000ޑޮލަރު ހޭދަވޭ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

އަގުތަށް ކަނޑައަޅާފައިވަނީ ސަރުކާރުން ބަލައި، ސަބްސިޑައިޒްކުރުމަށްފަހު ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ހިޔާ ހައުސިންގ މަޝްރޫޢުގައި ހިމެނެނީ 6،720 ހައުސިންގ ޔުނިޓެވެ. ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އެކުލަވާލައި މިހާރުވަނީ އިއުލާންކޮށްފައެވެ. އަދި މިހާރު ސަރުކާރުން ކުރައްވަމުންދާ މަސައްކަތަކީ ޔުނިޓްތައް ބަހާނެގޮތުގެ ގުރުއަތު ނެގުމުގެ މަސައްކަތްކެވެ.

މިނިސްޓަރ ވިދާޅުވީ ގުރުއަތަށްފަހު، ޔުނިޓްތަކުގެ ވެރިންނާއެކު އެގްރިމެންޓްތައް ހެދުމުގެ މަސައްކަތް ފަށާނެކަމަށެވެ. އަދި ގެތަކަށް ވަނުމުގެ ކުރިން ނިންމަންޖެހޭ ކަންކަން ނިންމުމަށް 3 މަހުގެ މުއްދަތެއް ދޭނެކަމަށެވެ. މި މުއްދަތަކީ ފްލެޓްތަކުގައި ނުނިމުހުރި މުށި ޖެހުމުގެ މަސައްކަތްތަކާއި ދޮރުތަށް ހަރުކުރުންފަދަ މަސައްކަތްތައް ނިންމުމަށް ދޭ މުއްދަތެކެވެ.

ފިޒާ

ޑައުން ޕޭމަންޓަކީ ކިހާ ވަރެއް ބާ؟