ވިޔަފާރި

ޔޫއެންޑީޕީއާއި ޓުއަރިޒަމް މިނިސްޓްރީ ގުޅިގެން ރަށު ފަތުރުވެރިކަން ތަރައްޤީކުރަނީ


ރަށު ފަތުރުވެރިކަން ތަރައްޤީކުރުމަށް ޔޫއެންޑީޕީއާއި ޓުއަރިޒަމް މިނިސްޓްރީ ގުޅިގެން ލ.އަތޮޅުގައި ހިންގާ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްއެވެ. ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް އަކިކޯ ފުޖީއެވެ.

"ރިއިމޭޖިނިންގ ޓުއަރިޒަމް"ގެ ނަމުގައި ކުރިއަށްގެންދާ މިމަޝްރޫޢަކީ ރަށްރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް އެކި ޕްރޮގްރާމްތައް ހިންގާ ތަމްރީންދީ އަދި އެކަން ކުރެވޭނެ އިންތިޒާމަކީ ކޮބާތޯ ބެލުމަށް ހިންގާ މަޝްރޫއެކެވެ.

މިރަސްމިއްޔާތުގައި ޔޫއެންޑީޕީގެ ފަރާތުން އަކިކޯ ފުޖީ ވިދާޅުވީ، ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެކަމަށް ބަރޯސާވާ ޓުއަރިޒަމަށް ވަރަށް ބޮޑު އަސަރެއް ކުރިކަމަށެވެ. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ތަރައްޤީ ކުރުމާއި، އަދި ފަތުރުވެރިކަން ވިލުންވެރިކޮށް އެރަށެއްގެ ޤުދުރަތީ ވަސީލަތްތަކާއި، ސަޤާފަތާއި އެރަށެއްގެ ދިރިއުޅޭ މީހުންނާއެކު ތަރައްޤީކޮށް ކުރިއެރުވުމަށް މިމަޝްރޫޢު މަގުފަހިކޮށްދޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިމަސައްކަތުގެ ތެރެއިން 2030ގެ ސަސްޓެއިނަބަލް އެޖެންޑާއާ އެއްގޮތަށް މަސައްކަތް ކުރެވޭނެކަމަށް ވިދާޅުވިއެވެ.

މިމަޝްރޫޢާ ގުޅޭގޮތުން މިނިސްޓަރ މައުސޫމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އަބަދުވެސް ފަތުރުވެރިކަމުގެ ސީދާ ނަފާ ރައްޔިތުންނަށް ލިބުން ކަމަށެވެ. އެހެންކަމުން މި މަޝްރޫޢުއާ އެކު މިކަން ހާސިލް ކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، މި މަޝްރޫޢުގެ ތެރެއިން ކައުންސިލްތަކުން ހަދާ ލޭންޑް ޔޫޒް ޕްލޭން ހަދާއިރު ފަތުރުވެރިކަން ހެދުމަށްފަހު، ފަތުރުވެރިކަމާއި ގުޅުވައި ލޭންޑް ޔޫޒް ޕްލޭން ހެދުމަށް ބާރު އެޅޭނެ ކަމަށެވެ. އަދި ރަށްރަށުގެ ޒުވާނުންނާއި އަންހެނުން މިދާއިރާ ތެރޭގައި ހަރަކާތްތެރި ކުރުމަށް، ތަމްރީން ދީ ރަށުގައި ހިންގޭނެ ތަފާތު ފަތުރުވެރިކަމުގެ ޕްރޮޑަކްޓުތައް ދަސްކޮށްދީ ފަތުރުވެރިކަމުގެ ފައިދާ ސީދާ ރައްޔިތުންނަށް ލިބޭނެ ގޮތް ވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ މިމަޝްރޫޢު ކުރިއަށްދާނީ 18 މަސް ދުވަހަށްކަމަށެވެ. އަދި ލ.އަތޮޅަށް އާމާޒު ކުރެވުނު ނަމަވެސް ލިބޭ މައުލޫމާތު އެހެން އަތޮޅުތަކުގައިވެސް ބޭނުންކުރެވޭނެ ކަމަށް މިނިސްޓްރީން ފާހަގަކުރައްވައެވެ.

މިމަޝްރޫޢު ފަރުމާކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކޯވިޑް-19އާއެކު، ލޯކަލް ޓުއަރިޒަމް އިންޑަސްޓްރީ އަލުން އާރާސްތު ކުރުމުގެ އިތުރުން ފަތުރުވެރިކަމުގެ ދައިރާ ޑައިވާސިފައިކުރުމަށްކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.