ޚަބަރު

10000 ދަރިވަރުންނަށް ހިލޭ ޑިގްރީ : ތަރައްޤީއަށްކުރި އެންމެ ބޮޑު ހޭދަ


ދިވެހިންނަކީ އަބަދުވެސް ކަންކަން ދަސްކޮށް، އުނގެނެން ބޭނުންވާ ބައެއްކަން ތާރީހުން ފެންނަން އެބައޮތެވެ. ދަތުރުފަތުރުކުރުން އެންމެ ދަތި ޒަމާނުގައިވެސް އަވަށްޓެރި ގައުމުތަކާއި، އެއަށްވުރެ ދުރު ގައުމުތަކަށްވެސް ދިވެހިން ވަނީ ތައުލީމު ހާސިލުކުރަން ދަތުރުކޮށްފައެވެ. ނަމަވެސް އެއީ މަދު ބަޔަކަށް ނުނީ ނުލިބޭ ފުރުޞަތެކެވެ. ހާއްސަކޮށް ޝާހީ ބޭފުޅުންނާއި، އެބޭފުޅުންގެ އަރިސް ބޭފުޅުންނަށެވެ. ނޫނީ މުއްސަނދިންގެ އާއިލާތަކަށެވެ. އާދައިގެ އާއިލާއެއްގެ ކުއްޖަކަށް ނޫނީ މާލެ ނޫން ރަށްރަށުގައި އުޅޭ ކުދިންނަށް ރާއްޖެއިން ބޭރަށް ގޮސް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބުމަކީ ދުރުކަމެކެވެ. މިއީ ވަރަށް ފަހަކާ ޖެހެންދެންވެސް މިކަން ހިނގަމުން އައި ގޮތެވެ. އެފަދަ ފަރާތްތަކަށް ކިރިޔާވެސް އެފުރުސަތު އޮންނަނީ ސަރުކާރުން ހުޅުވާލާ ސްކޮލަރޝިޕްގެ ފުރުޞަތެއްގައެވެ. އެފުރުޞަތުވެސް ގިނަ ފަހަރު ލިބެނީ ކޮންމެވެސް ވެރިޔަކާ ގުޅުން އޮންނަ ފަރާތަކަށެވެ. ނަމަވެސް އެއީ މާޒީއެވެ. އެކަންކަމަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމާއި ހަވާލުވެވަޑައިގަތީ މުހިއްމު ވައުދުތަކަކާއެކުއެވެ. އޭގެތެރެއިން ތައުލީމީ ނިޒާމް ހަރުދަނާކުރުމަކީ، ފަހުރުވެރި ދިވެހި އާއިލާއެއް ބިނާކުރެއްވުމަށް ވެވަޑައިގެންނެވި ވައުދުގެ މުހިއްމު ބައެކެވެ. އެގޮތުން ދުރުންދޭ ތަޢުލީމުގެ ފުރުޞަތު ފުޅާކޮށް، ކޮންމެ ރަށެއްގައި ހުރެގެންވެސް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ކޮންމެ ދަރިވަރަކަށާއި، ކިޔަވާން ބޭނުން ކޮންމެ ޢުމުރު ފުރައެއްގެ ކޮންމެ ދިވެހި ރައްޔިތަކަށް ފަހިކޮށްދިނުމަކީ ތައުލީމީ ޖީލެއް ބިނާކުރެއްވުމަށް ރައީސް ޞާލިހު ފެއްޓެވި މުހިއްމު މަސައްކަތްޕުޅެކެވެ.

"
މިއީ ތަޢުލީމީ ޒުވާނުން ބިނާކުރުމުގެ އާ ފެށުމެއް. ސަރުކާރުގެ އަމާޒަކީ، މާލީގޮތުން ތަކުލީފެއް އުފުލަން ނުޖެހި، ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތަޢުލީމު ހޯދޭނެ މަގު ތަނަވަސްކޮށްދިނުން
ފުރަތަމަ ޑިގްރީއަށް ކިޔެވުން އިފްތިތާހުކުރުމަށް 2019 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 14 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޞާލިހު ވިދާޅުވިއެވެ.

ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔެވުމަށް ހުޅުވާލި ފުރުޞަތު ވެގެންދިޔައީ މަތީ ތައުލީމު ހާސިލުކުރުމުގެ ހުވަފެން ދެކެމުންދިޔަ މާލީގޮތުން ފުދުންތެރި ނޫން ދަރިވަރުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިން އުއްމީދަކަށެވެ. ސަރުކާރުން ހުޅުވާލި ތަނުގެ ފުރުސަތުގެ ބޭނުން ގިނަ ދަތިވަރުންތަކެއް ވަނީ ހިފާފައެވެ. އެގޮތުން މިހާތަނަށް 10 ހާހަށް ވުރެ ގިނަ ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ސަރުކާރުން ވަނި ފަހިކޮށްދެއްވާފައެވެ. އޭގެތެރެއިން 7 ހާހަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުން ފެށިއްޖެއެވެ. އަދި ސަރުކާރުން އެކަމަށް 240 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރައްވައިފިއެވެ. އަދި މިއަހަރުގެ ބަޖެޓުގައި ވެސް ހިލޭ ޑިގްރީ ޕްރޮގްރާމަށް 195 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ހިލޭ ޑިގްރީގެ ފުރުޞަތު ލިބުނު ދަރިވަރުން ނިސްބަތްވާ އަތޮޅުތައް

  • ހއ - 686 ދަރިވަރުން ހދ - 634 ދަރިވަރުން
  • ށ - 530 ދަރިވަރުން ނ - 470 ދަރިވަރުން
  • ރ - 616 ދަރިވަރުން ބ - 451 ދަރިވަރުން
  • ޅ - 314 ދަރިވަރުން ކ - 264 - ދަރިވަރުން
  • އއ - 207 ދަރިވަރުން އދ - 274 ދަރިވަރުން
  • ވ - 73 ދަރިވަރުން މ - 168 ދަރިވަރުން
  • ފ - 205 ދަރިވަރުން ދ - 214 ދަރިވަރުން
  • ލ - 459 ދަރިވަރުން ތ - 469 ދަރިވަރުން
  • ގއ - 513 ދަރިވަރުން ގދ - 685 ދަރިވަރުން
  • އައްޑޫ ސިޓީ- 876 ދަރިވަރުން / ފުވައްމުލައް ސިޓީ -517 ދަރިވަރުން / މާލެ ސިޓީ - 1375 ދަރިވަރުން
"
އަޅުގަނޑު ގަބޫލުކުރާގޮތުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި، މިއަދު ކުރަން ޖެހިފައި އޮތް އެންމެ މުހިންމު މަސައްކަތަކީ، މީހުން ބިނާކުރުން. އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް އިތުރުކުރުން. މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރާނެ، އެންމެ މުހިންމު، އެންމެ ބޮޑު މަސައްކަތަކީވެސް މިއީ
2019 ޖެނުއަރީމަހުގެ 13 ވަނަ ދުވަހު ހުރަވީ ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޞާލިހު ވިދާޅުވިއެވެ.

ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތުގެ އިތުރުން، ސަރުކާރުން ދަނީ މަތީ ތައުލީމު ހާސިލުކުރަން ލޯނުވެސް ހަމަޖައްސައިދެއްވަމުނެވެ. އެފުރުސަތުގެ ދަށުން 23 ގައުމެއްގައި 683 ދަރިވަރަކު ދަނީ މަތީ ތައުލީމު ހާސިލުކުރަމުންނެވެ. އަދި އެކަމަށް ސަރުކާރުން 593 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި މިއަހަރުގެ ބަޖެޓުގައި މަތީ ތައުލީމު ހާސިލުކުރަން ލޯނުގެ ގޮތުގައި 195 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ.

ސަރުކާރުން ފަހިކޮށްދިން ސްކޮލަރޝިޕްތަކަށް ބަލާއިރު 20 ގައުމަކުން 469 ދަރިވަރަކަށް ވަނީ ސްކޮލަރޝިޕްގެ ފުރުޞަތު ފަހިކޮށްދެއްވާފައެވެ. އަދި އެކަމަށް ސަރުކާރުން ވަނީ 259 މިލިއަން ރުފިޔާ ހަރަދުކުރައްވާފައެވެ.

ސްކޮލަރޝިޕާ އި، މަތީ ތައުލީމުގެ ލޯނާއި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތުގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ގެންދަވަނީ ރާއްޖޭގެ ތައުލީމީ ނިޒާމް ހަރުދަނާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އޭގެތެރޭގައި ރަށްރަށުގައި އިތުރު ސްކޫލްތައް ބިނާކުރުމާއި، މިހާރު ހުރި ސްކޫލްތައް އިތުރަށް ތަރައްގީކުރުންވެސް ހިމެނެއެވެ.

"
ކޯވިޑުގެ ސަބަބުން އިޤްތިޞާދު އެންމެ ބޮޑަށް ހީނަރުވެގެން ދިޔަ ވަގުތުވެސް، މަތީ ތަޢުލީމުގެ ސްކޮލަރޝިޕްތަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ލޯނުތައް މެދުކަނޑާނުލައި ކުރިއަށް ގެންދިޔައީ އެ ސަބަބަށްޓަކައި. ފުރަބަންދުގެ ޙާލަތުގައި، ސްކޫލް މަދަރުސާތަކުގެ ކިޔެވުން، މުޅިން ހުއްޓާނުލައި އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމީ، ދަރިންނަށް ކިޔަވައިދިނުމަކީ ޤައުމު ކުރިއެރުވުމުގެ ބިންގާކަމަށް ވާތީ
މިއަހަރުގެ ފެބްރުއަރީމަހުގެ 4 ވަނަ ދުވަހު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިހު ވިދާޅުވިއެވެ.

ތައުލީމީ ނިޒާމް ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުން އެކަމަށް ދީފައިވާ އަހައްމިއްޔަތުކަމުގެ މުހިއްމުކަން ހާމަވެއެވެ. ތައުލީމީ ޖީލެއް ބިނާކުރެއްވުމަށް ވެވަޑައިގެންނެވި ވައުދުގެ މުހިއްމުކަން ތައުލީމީ ފުރުޞަތު ތަކަށް ކުރިމަތިލާ ދަރިވަރުންގެ އަދަދުތަކުން އެނގެއެވެ. ކޮންކްރީޓް ބިނާތަކެއް އެޅުމަށްވުރެ 10000 ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔަވާލުމަކީ ގައުމަކަށް ލިބޭނެ ހަގީގީ ތަރައްގީއެވެ. ހަމަގައިމުވެސް ތައުލީމަށް ކުރާ ހަރަދަކީ ނުވަތަ އިންވެސްޓަކީ އެންމެ ފައިދާ ބޮޑުވާނެ އިންވެސްޓްމަންޓްކަމަށް ތަޖުރިބާކާރުން ބުނަނީ ގިނަ ސަބަބުތަކެއް އޭގެ ފަހަތުގައި ހުރީމަކަން ޔަގީނެވެ.

"
ތަރައްޤީއަކީ ހަމައެކަނި ޢުމްރާނީގޮތުން އެ މުޖުތަމަޢެއް ކުރިއަރައި ދިޔުމެއް ނޫނޭ. ތަރައްޤީއަކީ އިންސާނާގެ ވިސްނުމާ ގުޅިފައިވާ އަދި އިންސާނާގެ ޒާތުން އުފެދިގެން އަންނަ އެއްޗެއް. އެހެންވީމާ، ޤައުމު ތަރައްޤީވާން ބޭނުންނަމަ، އެންމެ ފުރަތަމަ ތަރައްޤީ ކޮށްދޭންޖެހެނީ އިންސާނާގެ ވިސްނުން. އަޅުގަނޑުމެން މި ކުރަނީ އެ މަސައްކަތް
ރައީސް ޞާލިހު ވިދާޅުވެފައިވެއެވެ.