ޚަބަރު

ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ 2501 މީހުން


ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުލާ ދެ ޤައުމުގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވަނީ 2501 މީހުންކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރާއްޖެއިން ބޭރުގައި މިފަހަރު ވޯޓުލުން ކުރިއަށްދާ ސްރީލަންކާގައާއި، އިންޑިޔާގައި ވޯޓުލާ މަރުކަޒުގެ ކަންކަން ބަލަހައްޓާ އޮފިޝަލުން މިއަދު ފުރާފައިވާކަމަށެވެ. އެގޮތުން އިންޑީޔާގައި ބަހައްޓާ ވޯޓު ފޮށީގެ ސެކިއުރިޓީ ބެލެހެއްޓުމަށާއި، އޮފިޝަލުންގެ ގޮތުގައި 11 މީހަކު ފޮނުވާފައިވާކަމަށެވެ. އަދި ލަންކާގައި ބަހައްޓާ 4 ވޯޓު ފޮށީގެ ސެކިއުރިޓީ ބެލެހެއްޓުމާއި، އޮފިޝަލުންގެ ގޮތުގައި 18 މީހަކު ފޮނުވާކަމަށް އިލެކްޝަންސްއިން ވިދާޅުވެއެވެ.

ސްރީލަންކާގައި ބަހައްޓާ ހަތަރު ވޯޓު ފޮއްޓަށް ރަޖިސްޓްރީ ކޮށްފައިވަނީ 2،059 މީހުންނެވެ. އަދި އިންޑީޔާގައި ބަހައްޓާ ވޯޓު ފޮއްޓަށް ރަޖިސްޓްރީ ކޮށްފައިވަނީ 442 މީހުންނެވެ. މިއާއިއެކު ރާއްޖެއިން ބޭރުގައި މިފަހަރުގެ ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވަނީ 2501 މީހުންނެވެ.

އޭނާ ވިދާޅުވީ ވޯޓު ކަރުދާހާއި، އޮފިޝަލުން މިވަގުތު ނޮފޮނުވި ވަނީ ރިސޯޓުތަކަށް އެކަނި ކަމަށެވެ. ރިސޯޓުތަކަށްވެސް މިރެއިން ފެށިގެން ވޯޓު ކަރުދާހާއި، އޮފިޝަލުން ފޮނުވަން ފަށާނެކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

ރާއްޖެއިން ބޭރުގައި ދިވެހިން ގިނައިން އުޅެމުންދާ ޤައުމުތަކުގެ ތެރެއިން މެލޭޝިއާ އާއި އިނގިރޭސި ވިލާތުގައިވެސް ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރައްވާފައިވެއެވެ. ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން އެޤައުމުތަކުގެ ސަރުކާރުތަކުން އެހުއްދަ ނުދިނުމާއި ގުޅިގެން އެޤައުމުތަކުގައި ވޯޓުފޮށި ނުބެއްހެއްޓޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.