ޚަބަރު

ރިސޯޓްތައް ފިޔަވައި ހުރިހާ ރަށަކަށް ވޯޓު ކަރުދާހާއި ވޯޓު ފޮށި ފޮނުވައިފި


އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިޚާބަށް ބޭނުންވާ ވޯޓު ކަރުދާހާއި އެނޫންވެސް ތަކެތި ރަށްރަށް ފޮނުވާ ނިމިފައިވާކަމަށް އިލެކްޝަންސް ކޮމިޝަންއިން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ވިދާޅުވީ، ވޯޓުލާ ހުރިހާ މަރުކަޒަކަށް ބޭނުންވާ ވޯޓު ފޮއްޓާއި ކަރުދާސް އަދި އެނޫންވެސް ތަކެތި ރިސޯޓްތައް ފިޔަވާ އެހެން ހުރިހާ މަރުކަޒުތަކަށް ފޮނުވާ ނިމިފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށްތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ޤައުމުތަކަށްވެސް ތަކެތި ފޮނުވާފައިވާކަމަށް ޙަސަން ވިދާޅުވިއެވެ. ރާއްޖެއިން ބޭރުގައިި ވޯޓު ފޮށި ބަހައްޓަނީ އިންޑިއާއާއި ސްރީ ލަންކާގައެވެ.

ރާއްޖޭގެ 137 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާއިރު އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓުލާން ބޭނުންވާ ތަކެތި މާދަމާގެ ނިޔަލަށް ރިސޯޓްތަކަށްވެސް ފޮނުވާ ނިންމާލެވޭނެކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާލުވީ، ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުންވެސް ރާއްޖެއިން ބޭރަށް މިހާރު ފޮނުވާފައިވާކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެން ވަނީ 273128 މީހުންނަށެވެ. މީގެ ތެރޭގައި 5134 މީހުންނަކީ މިމަހުގެ 10ވަނަ ދުވަހާހަމަޔަށް 18 އަހަރު ފުރޭ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި އޭޕްރީލް 10 ވަނަ ދުވަހާ ހަމައަށް 18 އަހަރު ފުރޭ އެންމެންނަށް މިއިންތިޚާބުގައި ވޯޓުލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސަރަހައްދުގައި 600 ވޯޓުލާ މަރުކަޒު ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގައި ޓެންޓު ޖަހައިގެން ވޯޓުލުމަށް 40 މަރުކަޒު ޤާއިމްކުރާނެއެވެ. ޕެންޑަމިކާއި ގުޅިގެން ކޮންމެ ވޯޓުފޮށްޓަކަށްވެސް އެންމެ ގިނަވެގެން ވޯޓުލެވޭނީ 550 މީހުންނަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ވޯޓުލާ މީހުންނަށް ވީހާވެސް ފަސޭހަކުރުމަށްޓަކައި 550 އަށްވުރެ ގިނައިން މީހުން ވޯޓުލާ ފޮށިތައް ދެބަޔަކަށް ބަހައި، އެއަށްވުރެ އަދަދު ވަނީ މަދުކޮށްފައެވެ. މާލޭގެ އިތުރަށް ރަށްރަށާއި ވޯޓުފޮށި ބެހެއްޓުމަށް ރަޖިސްޓަރ ކޮށްފައިވާ ރިސޯޓްތަކުގައިވެސް ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.