ޚަބަރު

ރޯދަމަހު މަޖިލީހުގެ ޖަލްސާތައް ފަށާނީ ހެނދުނު 10:30ގައި


އަންނަ ރަމަޟާންމަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނާނީ ހެނދުނު 10:30 އިން މެންދުރުފަހު 2:00އާ ހަމައަށްކަމަށް ކަނޑައަޅައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖީލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މިއަދުގެ ޖަލްސާއަކީ ރަމަޟާންމަހުގެ ކުރިން ބާއްވާ ފަހު ޖަލްސާކަމަށެވެ. އަދި ރަމަޟާންމަހު ޖަލްސާތައް އޮންނާނެކަމަށާއި، އެގޮތުން ފުރަތަމަ ދަންފަޅި ކުރިއަށްދާނީ ހެނދުނު 10:30 އިން މެންދުރު 12:00އަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެއަށްފަހު އެއްގަޑިއިރުގެ ހުސްވަގުތަށްފަހު މެންދުރު ފަހު 1:00 އިން 2:00އަށް ޖަލްސާ ކުރިއަށްދާނެކަން މަޖިލީޙުގެ ރައީސް ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ޖަލްސާގެ ގަޑި އެގޮތަށް ކަނޑައެޅިފައިވީނަމަވެސް، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް އެކި ގަޑިތަކުގައި ކުރިއަށްދާނެކަމަށެވެ.

މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާއަކީ މިއަހަރުގެ ފުރަތަމަ ދައުރުގެ 27 ވަނަ ޖަލްސާއެވެ. މިދައުރުގެ ޖަލްސާތައް މި އޭޕްރީލްމަހުގެ ނިޔަަލަށް ކުރިއަށް ދާނެއެވެ. މަޖިލީހުގެ ޖަލްސާތައް ޢާންމު ގޮތެއްގައި އޮންނަނީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ.