ކުޅިވަރު

ރެޕްޓަރސްއާ ވާދަކޮށް ލޭކަރސް މެޗު ކާމިޔާބުކޮށްފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ލޮސް އެންޖަލިސް ލޭކަރސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް ލޭކަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ލޭކަރސް ކާމިޔާބުކުރީ 110 ޕޮއިންޓް 101 ޕޮއިންޓުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ލޭކަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 17 ޕޮއިންޓް ހޯދައިދީ 6 އެސިސްޓް ދިން ޓެލެން ހޯޓަން ޓަކަރއެވެ. އަދި ރެޕްޓަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދައިދީ 7 ރީބައުންޑް ނަގައިދިން ޕަސްކަލް ސިއަކަމްއެވެ.

މިމުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރިމެޗް 106 ޕޮއިންޓް 96 ޕޮއިންޓުން ކާމިޔާބުކުރީ ސިކްސަރސްއެވެ. މިއީ މިސީޒަންގައި ސިކްސަރސް ކާމިޔާބުކުރީ 35 ވަނަ މެޗެވެ. މިމެޗްގައި ސިކްސަރސްގެ ޖޮއެލް އެމްބިޑްވަނީ އެޓީމަށް 35 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާފައެވެ. މިއީ އަނިޔާއިން އެނބުރި އައިސް އެމްބިޑް ކުޅުނު ދެވަނަ މެޗެވެ. މިމެޗްގައި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 20 ޕޮއިންޓް ހޯދައިދިން ޖޭސަން ޓަޓުމްއެވެ.

މީގެއިތުރުން ޑެންވަރ ނަގެޓްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 134 ޕޮއިންޓް 119 ޕޮއިންޓުން ކާމިޔާބުކުރީ ނަގެޓްސްއެވެ. މިމެޗްގައި ނަގެޓްސްގެ ނިކޮލާ ޔޮކިޗްވަނީ އެޓީމަށް 27 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގާ 11 އެސިސްޓް ކޮށްފައެވެ. އަދި ޕިސްޓަންސްގެ ޖެރެމީ ގްރާންޓް ވަނީ 29 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު އެޓްލާންޓާ ހޯކްސް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރިމެޗް 123 ޕޮއިންޓް 107 ޕޮއިންޓުން ހޯކްސް ކާމިޔާބުކުރިއިރު މެމްފިސް ގްރިޒްލީސް އާއި މައޭމީ ހީޓް ބައްދަލުކުރިމެޗް 124 ޕޮއިންޓް 112 ޕޮއިންޓުން ކާމިޔާބުކުރީ ގްރިޒްލީސްއެވެ. އަދި ޝިކާގޯ ބުލްސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް 113 ޕޮއިންޓް 97 ޕޮއިންޓުން ކާމިޔާބުކުރީ ޕޭސަރސްއެވެ.