ޚަބަރު

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށް ދިނުމަށް ނިންމަވައިފި


މިއަހަރު ޝަރަފުވެރިކަމުގެ
ޤައުމީ އިނާމު 3 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކަށް
ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ކަނޑައަޅުއްވައިފިއެވެ.

ޝަރަފުވެރިކަމުގެ
ޤައުމީ އިނާމު ލިބިވަޑައިގަންނަވާ 3 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ
ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ 3 ބޭފުޅުންނެވެ. 

މިބޭފުޅުންނަށް
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ
ޤައުމީ އިނާމު ދެއްވުން އޮންނާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، މާދަމާރޭ
8.30 ގައި ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮއްވެވުމަށް ޤައުމީ
އިނާމާބެހޭ ކޮމިޓީން ކުރެއްވި މަސައްކަތުގައި މައިގަނޑު ގޮތެއްގައި
ބައްލަވާފައިވަނީ، މި އިނާމާ ބެހޭގޮތުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު
ކޮށްފައިވާ ކަންތައްތަކުގެ މައްޗަށެވެ. 

އިނާމަށް ބޭފުޅުން
ހޮއްވެވިއިރު، ކޮމިޓީން ބައްދަލުކުރައްވައި މަޢުލޫމާތު ހޯއްދަވާފައިވަނީ، ފޯނު
ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ކަނޑައެޅުއްވި މިންގަނޑުތަކެއްގެ ދަށުން
ޕޮއިންޓް ދެއްވުމަށްފަހު، އެ ދާއިރާއަކުން އެންމެ އެކަށީގެންވާ ކަމަށް ކޮމިޓީއަށް
ފެނިވަޑައިގެންނެވި ބޭފުޅުންނާއެވެ. މީގެއިތުރުން، އިނާމަށް ނަން ހުށަހެޅުނު
ދާއިރާތަކުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އެކި ބޭފުޅުންނާ ކޮމިޓީން ވަކިވަކިން
ބައްދަލުކުރައްވައި، އެފަރާތްތަކުގެ މަޝްވަރާއާއި ލަފާ ހޯއްދަވާފައިވެއެވެ.