ކުޅިވަރު

ރާއްޖެ ހޮންކޮންގ މެޗްގެ ޓިކެޓް ވިއްކުން ޒުވާނުންގެ މަރުކަޒަށް


ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއާ ހޮންކޮންގ ބައްދަލުކުރާ މެޗްގެ ޓިކެޓް
މިހާރު ވިއްކުމަށް ހަމަޖެހިފައިވަނީ ޒުވާނުންގެ މަރުކަޒުންކަމަށް އެފްއޭއެމްއިން
ބުނެފިއެވެ.

ވޯލްޑްކަޕް ކޮލިފައިންގައި މިއަންނަ ބުރާސްފަތި ދުވަހު ހަވީރު ރާއްޖެއާ
ހޮންކޮންގ ކުޅުމަށް ހަމަޖެހިފައިވާ މިމެޗްގެ ޓިކެޓް ކުރިން ވިއްކުމަށް
ހަމަޖެހިފައިއޮތީ ގަލޮޅު ދަނޑުންނެވެ. އެފްއޭއެމްއިންބުނީ ޒުވާނުންގެ މަރުކަޒަށް
ޓިކެޓް ވިއްކުން ބަދަލްކުރީ ޓިކެޓް ގަންނަން އަންނަ ފަރާތްތަކަށް ފަސޭހަކަމާއެކު
ޓިކެޓް ގަތުމުގެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުންކަމަށާއި، ޓިކެޓް ގަންނަން
ގިނަ އަދަދެއްގެ ބަޔަކު އެއްތަނަކަށް ޖަމާވާއިރު، ޒުވާނުންގެ މަރުކަޒުން ކިއު ބަލަހައްޓަންވެސް
ފަސޭހަވާނެކަމަށް އެފްއޭއެމްއިން މަޢުލުމާތުދިނެވެ.

ގަލޮޅު ދަނޑުން ވިއްކާނަމަ، ޓިކެޓް
ކިއު ބަލަހައްޓަން އުދަގޫވާނެކަމަށާ އަދި އެސަރަހައްދުގެ ޓްރެފިކްއަށްވެސް
ބާރުބޮވާނެ ކަމަށް އެފްއޭއެމްއިން މަޢުލުމާތުދިނެވެ. ޒުވާނުންގެ މަރުކަޒުން
ޓިކެޓް ވިއްކަން ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު، އަދި ޓިކެޓް ވިއްކުމަށް
ހަމަޖެހިފައިވަނީ  ސިޑިބަރިން 50 ރުފިޔާއަށް، ގޮނޑިބަރިން 100 އަދި 150 ރުފިޔާއަށެވެ. މީހަކަށް ގިނަވެގެން ވިއްކުމަށް ހަމަޖެހިފައިވަނީ5 ޓިކެޓްކަމަށްވެސް އެފްއޭއެމްއިން މަޢުލުމާތުދެއެވެ.