ޚަބަރު

އޭދަފުށިން ގޯތި ދޫކުރުން ވަގުތީގޮތުން ހުއްޓާލަން އަންގައިފި


އޭދަފުށިން ގޯތި ދޫކުރުން ވަގުތީގޮތުން ހުއްޓާލުމަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން އަންގައިފިއެވެ.

އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން މި މިއަމުރު ނެރެފައި މިވަނީ ގޯއްޗަށް ޕޮއިންޓްދިނުމުގައި އޭނާއަށް ހައްގުވާ ޕޮއިންޓް ދީފައިނުވާ ކަމަށްބުނެ އޭދަފުށީ ގުލިސްތާނުވިލާ، ހައްސާން ހަމީދު އެކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.

އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގައި ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ކައުންސިލު އިދާރާއިން ކުރަމުންދާ މަސައްކަތުން ހައްސާން ހަމީދަށް އިއާދަ ނުކުރެވޭވަރުގެ ގެއްލުމެއް ލިބިދާނެކަމަށް ފެންނާތީ، އަދި ބަދަލެއް ދޭން ޖެހިއްޖެ ހާލަތެއްގައި ހައްސާން ހަމީދަށް ލިބިދާނެ ގެއްލުންތަކަށްޓަކައި މި މައްސަލަ ވަކިގޮތަކަށް ނިމެންދެން އޭދަފުށިން ގޯތި ދޫކުރުން ވަގުތީގޮތުން ހުއްޓާލުމަށެވެ.

އޭދަފުށީ ހިއްކި ބިމުން ގޯތި ދޫކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް އަމުރެއް ނެރުނުއިރު، ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް ވަނީ އާއްމުކޮށްފައެވެ. އޭދަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ 158 ގޯއްޗަށް އެދި 662 މީހަކުވަނީ ފޯމް ހުށައަޅާފައެވެ.