ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެން ބޮޑުވުމާ ގުޅިގެން މާލެއިން ފެން ހިންދުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ފަށައިފިއެވެ.
މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޤައުމީ ދިފާޢީ ބާރުން ވިދާޅުވި މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް 3 ސަރަހައްދެއްގައި މިހާރު ފަށާފައިވާ ކަމަށެވެ. އެ ގޮތުން މާފަންނު ވެސްޓް ޕާކު ސަރަހައްދާއި އައިޖީއެމްއެޗް ސަރަހައްދުގެ އިތުރުން ސަލްމާނު މިސްކިތް ހިމެނޭ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަމަށް ދިފާޢީ ބާރުން ވިދާޅުވިއެވެ.
#އަދާހަމަ:
— Maldives National Defence Force (@MNDF_Official) July 11, 2025
މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމަށް ޓަކައި މާފަންނު ވެސްޓް ޕާކު ސަރަހައްދާއި އައިޖީއެމްއެޗް ސަރަހައްދުގެ އިތުރުން ސަލްމާނު މިސްކިތް ހިމެނޭ ސަރަހައްދުގައި ޕަންޕު ބަހައްޓައިގެން ސިފައިން ދަނީ މަސައްކަތްކުރަމުން. pic.twitter.com/sQYWsLcjbd
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް ދެތިން ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ވިއްސާރަކުރަމުންދާނެކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމާއި ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ސަރކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.