ޚަބަރު

ސަރުކާރުގެ މައި ސިޔާސަތަކީ ދިވެހިރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް މީހުން ބިނާކުރުން

ސަރުކާރުގެ މައި ސިޔާސަތަކީ ދިވެހިރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް މީހުން ބިނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯސް އިފްތިތާޙު ކުރުމަށްޓަކައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ޒުވާނުންނަކީ ޤައުމުގެ ހުރިހާ ދާއިރާތަކުން، ޤައުމު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރެވޭނެ ފަދަ ޤާބިލު ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހި ސަރުކާރުން މި އަހަރުވެސް އެންމެ ބޮޑު ހޭދައެއް ކުރައްވާ އެއް ދާއިރާއަކީ ޞިއްޙީ ދާއިރާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ޓެކްނިކަލް ދާއިރާތަކުން ޤައުމަށް ބޭނުންވާ ޒުވާނުން ބިނާކުރުމުގެ މަސައްކަތަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށްވީއިރު، އެކަން ކުރުން ލަސްވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި، ފަންނީ ވަޒީފާތަކަށް ޤާބިލު ދިވެހިން ތަމްރީނުކުރުމަށްޓަކައި މި ސަރުކާރުން، ޚާއްޞަ އިސްކަމެއް ދެއްވާކަމުގައި ވިދާޅުވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިރާދަކުރެއްވިއްޔާ މި ސަރުކާރުގެ މަސައްކަތުގެ ހެޔޮ ނަތީޖާ ދިވެހިރައްޔިތުންނަށް ފެނިގެންދާނެކަމުގައި ވިދާޅުވެފައެވެ.

"ދިވެހިރާއްޖެ ދަތުރު ކުރަމުން މިދަނީ ވަރުގަދަ ލާމަރުކަޒީ ނިޒާމަކަށް. އަޅުގަނޑުމެންގެ އަތޮޅުތަކުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ރަށުން، އަތޮޅުން ދެވޭ ޚިދުމަތްތައް ފުޅާކޮށް، ފަސޭހައިން ފޯރުކޮށްދިނުމަކީ އެއީ ދިވެހި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތު" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ކުރިޔަށްގެންދަވަމުން ވަނީ ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން، ރަށުން ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އެކަނިވެސް ރާއްޖޭގެ އުތުރާއި ދެކުނާއި މެދުރާއްޖެތެރެއަށް އެ ދެވުނު ޚިދުމަތްތަކުގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިފައިވާކަމުގައި ވިދާޅުވިއެވެ. އަދި، އެ މުއްދަތުގެ ތެރޭގައި އެމް.އާރު.އައި، ސީޓީ ސްކޭންގެ ޚިދުމަތުން އެކަނިވެސް މާލެއިން ބޭރުން ގާތްގަނޑަކަށް ތިންހާސް ސީޓީ ސްކޭނާއި، ތޭރަސަތޭކައެއްހާ އެމް.އާރު.އައި ހެދިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ޚިދުމަތްތައް ފޯރުކޮށް ނުދެވުނުނަމަ އެ ޚިދުމަތްތައް ހޯދުމަށްވެސް ތަކުލީފުތަކާއެކު އަންނަންޖެހިފައި އޮންނަނީ މާލެއަށް ކަމުގައިވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ މިއަދު އިފްތިތާޙު ކުރެވިގެންދިޔަ "ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯސް" ވުޖޫދަށް ގެނައުމުގައި ހަރަކާތްތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވަމުންނެވެ. މިއަދުގެ މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.