ޚަބަރު

އުދައްޔުގެ މަރު، ދައުވާލިބޭ މީހުންގެ ބަންދަށް 30 ދުވަސް


ގއ މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ހަމަލާދީ މަރާލި އުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔުގެ މައްސަލާގައި ދައުވާކުރާ މީހުންގެ 30 ދުވަހަށް ބަންދުގައި ބޭއްތިބުމަށް ކްރިމިނަލްކޯޓުން އަމުރުކޮށްފިއެވެ.

މިދިޔަ ފެބްރުއަރީމަހުގެ 8 ވަނަދުވަހުގެރޭ 9:30 ކަންހާއިރު ގއ މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުމުން މަރުވެފައިވަނީ އެރަށު ލީލީ އޮފް ދިވެލީ ޢުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔުއެވެ. ބުރަކަށީގެ އެކި ތަންތަނަށް 5 އިންޗި ފުނަށް ހަމަލާދީ ޒަހަމްވެފައިވާ އުދައްޔު ގއ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ. މި މާރާމާރީގައި އޭނާގެ ބޭބެއަށްވެސް ވަނީ ތޫނު އެއްޗަކުން ހަމަލާދީފައެވެ.

އުދައްޔުގެ މަރާއި ގުޅިގެން ދައުލަތުން ދައުވާކުރާ ތިން މީހުންނަކީ ގއ މާމެންދޫ ބިލެތްމާގޭ ޝަރަފް ރަޝީދާއި އެރަށު ގުލްފާމްގޭ މުހައްމަދު މާޒިނާއި ހަމަ އެރަށު ރިހިފަރުދާގޭ އަޙްމަދު ޝަމީމެވެ. މި ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

މި 3 މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލްކޯޓުގައި ބޭއްވި އަޑުއެހެމުގައި ދައުލަތުން އެދުނީ މި އެންމެންވެސް ޝަރީއަތް ނިމެދްނެ ބަންދުގައި ބެހެއްޓުމަށެވެ. އެހެންނަމަވެސް މިއަދުގެ އަޑުއެހުމުގައި އިންނެވީ މައްސަލަ ބައްލަވާ ގާޒީ ނޫންކަމުން ކޯޓުން ނިންމެވީ މަސްދުވަހަށް ބަންދުކުރުމަށެވެ. އަދި މައްސަލަ ބައްލަވާ ގާޒީ ނުކުތުމުން ޝަރީއަތް ނިންމެދެން ބަންދުކުރުމާއި މެދު ގޮތެއް ނިންމާނެކަންވެސް މިއަދުގެ އަޑުއެހުމުގައި ވަނީ އިއުލާންކުރައްވާފައެވެ.

އުދައްޔުގެ މަރާއި ގުޅިގެން ދައުލަތުން ވަނީ ކުޑަކުއްޖެއްގެ މައްޗަށްވެސް ދައުވާ އުފުލާފައެވެ. މި ކުއްޖާގެ އަޑޫއެހުންތައް ޖުވައިނަލްކޯޓުގައި ފަށާފައިވާއިރު މި ކުއްޖާގެ މައްޗަށްވެސް އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.