ކޯވިޑާއި ގުޅިގެން މުޅި ދުނިޔެއަށްވެސް ކުރިމަތިވީ ކުރިން އަންދާޒާވެސް ނުކުރެވޭވަރުގެ ދަތި އުނދަގޫ ދުވަސްތަކެކެވެ. ދުނިޔޭގެ އިޤްތިޞާދު ހުއްޓުމަކަށް އައިސް، އެންމެން ތިބީ ބަންދުވެފައެވެ. ފައިސާ ހުއްޓަސް ބޭނުންކުރެވޭނެ ގޮތެއް ނެތެވެ. އަދި ފައިސާއެއް ހޯދަން މަސައްކަތް ކުރެވޭނެ މަގެއްވެސް ނެތެވެ. ފިހާރަތަކާއި ރެސްޓޯރަންޓްތަކުން ފެށިގެން ބޮޑެތި ރިސޯޓްތައް އޮތީ ބަންދުކޮށްފައެވެ. ދުނިޔޭގެ ވައިގެ ދަތުރުފަތުގެ ސިނާޢަތް ހުއްޓި، ފަތުރުވެރިކަން އޮތީ އެއްކޮށް މަޑުޖެހިފައެވެ. މިއީ ހަމައެކަނި ދުނިޔޭގެ މަދު ޤައުމަކަށް ކުރިމަތިވި ހާލަތެއް ނޫނެވެ. މިއީ މަދު ޤައުމަކަށް ނޫނީ ހުރިހާ ޤައުމަކަށްވެސް ކުރިމަތިވި ހާލަތެކެވެ.
މިދިޔަ އަހަރެއްހާ ދުވަހު ދަތި ހާލެއްގައި އުޅުމަށްފަހު ކޯވިޑްގެ ކަންތައްތަކުން އަރައިގަނެވޭނެ މަގެއްގެ ކޮޅުމަތި ފެނިގެންދިޔައީ ކޯވިޑްގެ ވެކްސިނާއެކުއެވެ. އެއާއެކު އިޤްތިޞާދީ ހަރާކާތްތައް މަޑުމަޑުން ފަށައިގަނެ، އިޤްތިޞާދު އަނެއްކާވެސް އާރާސްތުކުރެވޭނެ މަގުވަނީ ފަހިވެފައެވެ. ކޯވިޑާއެކު ދުނިޔޭގެ އިޤްތިޞާދަށް އައި ހީނަރުކަމުގެ އަސަރުކުރި ހަމައެކަނި ޤައުމަކީ ރާއްޖެއެއް ނޫނެވެ. ދުނިޔޭގެ އެންމެ ބޮޑެތި އިޤްތިޞާދުތަކުން ފަށައިގެން އެންމެ ކުދިކުދި އިޤްތިޞާދުތަކަށްވެސް މިކަމުގެ އަސަރު އޮތީ ކޮށްފައެވެ. ނަމަވެސް މިކަމުން ކުރި އަސަރު ގުޅިފައި އޮތީ ޤައުމުތަކުން އެޅި ފިޔަވަޅުތަކުގެ މައްޗަށެވެ.
ކޯވިޑްގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާތައް ނެރެވުނީ ހަރުދަނާ ފިޔަވަޅުތައް އަވަހަށް އެޅި ޤައުމުތަކަށްކަމަށް ތަޖުރިބާކާރުން ދެކެއެވެ. އެގޮތުން ބޯޑަރު ބަންދުކޮށް އަވަހަށް ބަލި ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކާއެކު ބައެއް ޤައުމުތަކަށް މިކަމުން އަރައިގަތުމަށް ފަސޭޙަވިއެވެ. ރާއްޖެއަކީ މިކަމުގެ މިސާލެކެވެ.
ފަތުރުވެރިކަމަށް މުޅި ޤައުމުގެ އިޤްތިޞާދު ބަރޯސާވެފައި އޮތްނަމަވެސް، ކޯވިޑް ފެތުރެން ފެށުމާއެކު ބޯޑަރު ބަންދުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހުނު ހުރިހާ ފިޔަވަޅެއް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނިންމެވިއެވެ. އަދި ބަލިމަޑުކަމުގެ ސަބަބުން އެކި ގޮތްގޮތުން އަސަރުކުރި ފަރާތްތަކަށް ސަރުކާރުން ސީދާ އެހީތެރިކަން ފޯރުކޮށްދޭން ފެއްޓެވިއެވެ. އޭގެ ތެރޭގައި އާއްމު ފަރުދުންއިން ފެށިގެން ބޮޑެތި ވިޔަފާރިތައް ހިމެނެއެވެ.
ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއެކު ދެން ފެނިގެންދިޔައީ އެހެން ޤައުމުތަކަށްވުރެ އަވަހަށް ރާއްޖޭގެ ހާލަތު ހަމައަކަށް އެޅުނު މަންޒަރެވެ. ބޯޑަރު ހުޅުވައި، ފްލައިޓްތަކުގެ ދަތުރުތައް ފެށި، ފަތުރުވެރިކަން އަލުން ފަށައިގަތް މަންޒަރު ވެގެންދިޔައީ ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް ނަމޫނާއަކަށެވެ. ދުނިޔޭގެ ފަތުރުވެރިކަމުގައި ފާހަގަކޮށްލެވޭ އެހެން މަންޒިލްތައް ބަންދުކޮށްފައި އޮތްވާ ރާއްޖެއިން ފަތުރުވެރިކަން ފަށާ، އަލުން ދުނިޔޭގެ އެއްވަނަ މަންޒިލްގެ މަޤާމު ހޯދިއެވެ.
ތަޖުރިބާކާރުންނާއި ވިޔަފާރިވެރިންނާއި އިންވެސްޓަރުން ބުނާގޮތުން ކޯވިޑްގެ ހާލަތުން އަރައިގަތުމަށް ރާއްޖެއިން ހޯދަމުންދާ ކާމިޔާބީގެ ސިއްރަކީ ސަރުކާރުން އަޅުއްވަމުންދާ ހަރުދަނާ ފިޔަވަޅުތަކެވެ.
ރާއްޖޭގައި އިންވެސްޓްކޮށްގެން އުޅޭ އިޓަލީގެ އިންވެސްޓަރު ބުނިގޮތުގައި ކޯވިޑްގެ ހާލަތުގައި ސަރުކާރުން ކޮށްފައިވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ. އަދި މިހާރު ސަރުކާރުން ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމްއަކީ މުހިއްމު މަސައްކަތެއްކަމަށާއި، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މުޅި އާބާދީއަށް ވެކްސިން ދެވި، ރާއްޖޭއަކީ ދުނިޔޭގައިވެސް އޮތް އެންމެ ރައްކާތެރި މަންޒިލަށް ވެގެންދާނެކަން އޭނާ ފާހަގަކުރިއެވެ.
"މުޅި ރާއްޖޭގެ އާބާދީއަށް ވެކްސިން ދިނުމާއެކު މުޅި ދުނިޔެއަށް އެ ޚަބަރު ފެތުރިގެންދާނެ. ރާއްޖެއަކީ އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ލޭބަލްވާނެ. ފަތުރުވެރިންނަށް ރައްކާތެރިކަމާއި ގުޅޭގޮތުން ވަރަށް ބޮޑު ޔަގީންކަމެއް ލިބިގެންދާނެ. ސަރުކާރުން ހިންގާ ވެކްސިން ޕްރޮގްރާމަކީ ވަރަށް ފުރިހަމަ މަސައްކަތެއް. މިއީ އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް" ރާއްޖޭގައި ރިސޯޓް ހިންގާ އިޓަލީގެ އިންވެސްޓަރެއްކަމަށްވާ އެލެކްސް ވިދާޅުވިއެވެ.
ބައެއް ރިސޯޓްތަކުގެ ވެރިން ވިދާޅުވީ ކޯވިޑާއި ގުޅިގެން ކުރިމަތިވި ހާލަތު އެއްކޮށް ނުނިމުނަސް، މިހާލަތުން އަރައިގަނެވޭނެކަން މިހާރު ޔަޤީންވާކަމަށެވެ. އަދި ރިސޯޓްތަކާއި ރިސޯޓްތަކާއި ގުޅޭ އެހެން ވިޔަފާރިތައް ފެށިގެން ކުރިއަށްދާއިރު، މިއީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ބުރަ މަސައްކަތްކަމަށް ބައެއް ބޭފުޅުން ފާހަގަކުރިއެވެ.
"އޮކްޓޫބަރުން ފެށިގެން މަޑުމަޑުން ރަނގަޅުވާން ފަށައިފި. ޑިސެމްބަރުން ފެށިގެން ގިނަ ރިސޯޓްތަކުގެ އޮކިއުޕަންސީވެސް ރަނގަޅުވެއްޖެ. ކޯވިޑުން އެއްކޮށް ސަލާމަތްނުވެވުނަސް އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް އުޖާލާކޮށް. އާ މާކެޓްތަކަށް ހުޅުވިގެން މިދަނީ. ދިވެހި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ މިއީ. ކުރިއަށް އޮތްތަނުގައި އަދި ވަރަށް ބޮޑަށް ރަނގަޅުވާނެކަމަށް އުއްމީދުކުރަނީ" ކޮކޫން މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ އަހުމަދު ޖިހާދު ވިދާޅުވިއެވެ.
ބައެއް ފަރާތްތަކުން ފާހަގަކުރި ގޮތުގައި ވިޔަފާރިތަކަށް މިވަގުތު ކުރިމަތިވާނެ އެންމެ ބޮޑު ދައްޗަކީ އިތުރު އިންވެސްޓްމަންޓްތަކަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ ދަތިތަކެކެވެ. އެގޮތުން މިދުވަސްކޮޅު ބެންކުތަކުން ފައިސާ ހޯދުމަށް ދަތިތަކެއް އުޅޭކަމަށާއި، އެހެންކަމުން އެފަދަ މައްސަލަތަކަށް ހައްލެއް ލިބިއްޖެނަމަ ރާއްޖެއަށް މިއަހަރުވެސް ގިނަ އިންވެސްޓްމަންޓްތަކެއް އައުމުގެ ފުރުޞަތު ބޮޑުކަމަށް ބައެއް އިންވެސްޓަރުން ވިދާޅުވިއެވެ.
ކޯވިޑާއި ގުޅިގެން ވިޔަފާރިތަކަށް ފައިސާ ހޯދައިދިނުމަށްވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން ކޯވިޑް19އާ ގުޅިގެން އިޤްތިސާދީގޮތުން ލިބިފައިވާ ހީނަރުކަން ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން ބޮޑެތި ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް ކޯވިޑް ރިކަވަރީ ސްކީމެއް ތަޢާރަފްކުރިއެވެ. އެ ސްކީމްގެ ދަށުން ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން ރިސޯޓް ވިޔަފާރިތަކަށް 7.7 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރިއެވެ. އަދި ރިސޯޓް ނޫން ވިޔަފާރިތަކަށް 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރިއެވެ. މިގޮތުން މި ސްކީމްގެ ދަށުން މިހާތަނަށް 585 މިލިއަން ރުފިޔާއާއި 8 މިލިއަން ޑޮލަރު ވަނީ ބޮޑެތި ވިޔަފާރިތަކަށް ދޫކޮށްފައެވެ.
މީގެއިތުރުން އެފަރާތްތަކުން ރިސޯޓް ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ މަޢާފްކޮށްދިނުންފަދަ ގިނަ ކަންތައްތަކެއް ސަރުކާރުން ވަނީ ކޮށްދީފައެވެ.
ސަރުކާރުން ބޮޑެތި ވިޔަފާރިތަކަށް އެހީވުމުގެ ނަތީޖާއަކަށްވީ ރިސޯޓްތަކުގެ ވިޔަފާރިތައް ސަލާމަތްކުރެވުމެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރިސޯޓްތަކުގައި ވަޒީފާ އަދާކުރަމުންދާ އެތައް ބައެއް ވަޒީފާތައް ނުގެއްލި އޮތެވެ. އެހެންނޫންނަމަ އެތައް ބަޔަކު ހާލުގައި ޖެހުމުގެ ފުރުޞަތު ބޮޑުވީސްކަން ކަށަވަރެވެ.
ކޮންމެއަކަސް ކޯވިޑާއި ގުޅިގެން އަޅުގަނޑުމެންނަށް ކުރިމަތިވި ދަތި ދުވަސްތައް މާޒީވާ މަންޒަރު ދަނީ ފެންނަމުންނެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިނުމާއެކު ކޯވިޑްގެ ހާލަތުން ގާތްގަނޑަކަށް އަރައިގަނެވޭނެއެވެ. އަދި އެއަށްފަހު ދެން އޮންނަނީ ލިބުނު ގެއްލުންތައް ފޫބެއްދުމެވެ.
ސަރުކާރުން ޤަބޫލުކުރާ ގޮތުގައި ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމުން ލަފާކުރިވަރަށް ވުރެ އަވަހަށް ދަނީ އަރައިގަނެވެމުންނެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަސް ނިންމާލިއިރު ރާއްޖޭގެ އިޤްތިޞާދު ކުރިއަރާ މިންވަރު އޮތީ ރަނގަޅު މިންވަރެއްގައިކަމަށާއި މިހާރު ލިބެމުންދާ ކުރިއެރުންތަކާއެކު، ދައުލަތުގެ ބަޖެޓަށް ލިބޭނެކަމަށް އަންދާޒާ ކުރިވަރަށްވުރެ އިތުރަށް އާމްދަނީވެސް ލިބިފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން މިއަހަރު ރާއްޖޭގެ އިޤްތިސާދު 34 އިންސައްތަ ކުރިއެރުމެއް ލިބިގެންދާނެކަމަށާއި، އަދި ރާއްޖެއަށް މިއަހަރު 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށްވެސް ސަރުކާރުން ލަފާކުރެއެވެ.
އިޤްތިޞާދު ހަމައަކަށް އެޅޭނެކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު މިއީ ސަރުކާރާއި ދިވެހި ރައްޔިތުން ކުރި ބުރަ މަސައްކަތުން ހާސިލުވިކަމެއްކަމާއިމެދު ޝައްކެއް ނެތެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން، އަދި އިޤްތިޞާދަށްވެސް ގެއްލުން ނުވާނޭގޮތަށް ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ފުރިހަމަ ނަތީޖާއެވެ.