ޚަބަރު

"ލެޑް ސޭވް" މި ޝިއާރުގެ ދަށުން ފޮޓޯ ނެގުމުގެ މުބާރާތެއް ބާއްވަނީ


ކަރަންޓު ޚަރަދު ކުޑަކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި އެންވަޔަރމަންޓް މިނިސްޓްރީން އިސް ނަންގަވައިގެން ފޮޓޯނެގުމުގެ މުބާރާތަކެއް ބޭއްވުމަށް ނިންމަވައިފިއެވެ. އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވީ މި މުބާރާތުގެ ޝިއާރެއްގެ ގޮތުގައި މިފަހަރު ހަމަޖައްސާފައިވަނީ "ލެޑް ސޭވްސް" ނުވަތަ "ދިއްލުންތަކުގައި ލެޑް ލައިޓް ބޭނުންކުރުމުން ހަކަތަ ބޭނުން ކުރާ މިންވަރު މަދުކޮށްދޭ." މި ޝިއާރު ކަމަށެވެ. މި ޝިއާރުގެ ދަށުން ފޮޓޯތައް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ ހަ ކެޓަގަރީއަކަށް ބިނާކޮށް ކަމަށާއި، މި މުބާރާތަށް ހުށަހެޅޭ ފޮޓޯތައް ވާންވާނީ ދިވެހިރާއްޖޭގައި ނަގާފައިވާ ފޮޓޯތަކަށް ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. މުބާރާތުގެ ކެޓަގަރީތަކުގެ ތެރޭގައި ކުރީގައި ބޭނުންކުރި ދިއްލުންތަކާއި، ޒީނަތްތެރި ކުރުމަށް ދިއްލާ ދިއްލުންތަކާއި އިމާރާތްތަކުގައި ގުދުރަތީ އަލި ބޭނުން ކޮށްފައިވާ ގޮތްތައް ދައްކުވައިދޭ ފޮޓޯ ހިމެނެއެވެ. އަދި އިމާރާތްތަކުގެ ދިއްލުންތަކާއި، އިޖުތިމާއީ ސަރަހައްދުގެ ދިއްލުންތަކުގެ އިތުރުން ރާއްޖޭގެ ކަރަންޓްގެ ޚިދުމަތަށް އައި ތަރައްގީއާއި ގުޅޭ ފޮޓޯވެސް ހުށައެޅޭނެ ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.  މުބާރާތުގައި ބައިވެރިވުމަށް އެކަމަށް ޚާއްސަ އެޕްލިކޭޝަނެއް ހުށައަޅަންޖެހޭއިރު، މުބާރާތަށް ފޮޓޯ ހުށައެޅުމުގެ އެންމެ ފަހުގެ މުއްދަތަކީ މި މަހުގެ ފަނަރަ ވަނަ ދުވަސް ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.