ޚަބަރު

ކިންގް ސަލްމާން މިސްކިތުގައި މަސައްކަތް ކުރާނެ މީހުން ހޯދަނީ


ކިންގް ސަލްމާން މިސްކިތުގައި މަސައްކަތް ކުރާނެ މީހުން ހޯދުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ. އެ މިނިސްޓްރީން ވަނީ ކިންގް ސަލްމާން މިސްކިތުގައި މަސައްކަތް ކުރާނެ 10 މީހަކު ހޯދުމަށް އިއުލާންކޮށްފައެވެ.

މި މަގާމަށް ކުރިމަތިލާ މީހުންގެ ކުރަންޖެހޭ މަސައްކަތުގެ ތެރޭގައި މިސްކިތާއި ގޯތިތެރެ ހިމެނޭ ޢިމާރާތައި ގޯތިތެރެ ދެ އިރަށް ކުނިކަހާ އެއްއިރަށް ދޮންނަ ކުނޑިލައިގެން ދޮވެ ސާފުކުރުމާއި މަރުކަޒުގެ ހުރިހާ ފާޚާނާބަރިތަކާއި ވުޟޫކުރާ ބަރިތައް 5 ވަގުތަށް ދޮވެ ސާފުކުރުން ހިމެނެއެވެ. މީގެއިތުރުން ޢިމާރާތުގައި ބޭއްވޭ އެންމެހާ އިވެންޓްތަކަށް ޓެންޓް ރާވާ އެތުރުމާއި އިވެންޓަށް ބޭނުންވާ ގޮނޑި، މޭޒު، ފޮތް، ފެން، ސައުންޑްގެ ޢާލާތްތައް އަދި މި ނޫންވެސް މިފަދަ އެންމެހާ ތަކެތި ރޭވުމާއި އެތުރުމާއި އަދި އިވެންޓް
ނިމުމުން ނެގުމާއި ގުދަން ކުރުމާއި ޢިމާރާތުގެ ގޯތިތެރޭގައި ބަގީޗާގަސް އިންދުމާއި ގަސްކާނާ އަޅާ ފެންދިނުމާއި ދުވަހުން ދުވަހަށް ބެލެހެއްޓުމާއި މަރުކަޒު ވަށައިގެންވާ ގޯތިތެރޭގައި ހުރި ބޮޑެތި ގަސްތަކަށް އަރާ ގަސްތަކުގެ ހިކި ގޮފިތައް ކަނޑާ ސާފުކޮށް
ބެލެހެއްޓުންވެސް ހިމެނެއެވެ.

މި މަގާމަށް ކުރިމަތިލާ މީހަކަށް މަހަކު 3100 ރުފިޔާގެ ލިބޭނެއެވެ. އޭގެއިތުރުން ސާވިސްގެ އެލަވަންސްގެ ގޮތުގައި މަހަކު 1000 ރުފިޔާއާއި ސަޕޯޓިން ކޯ އެލަވަންސްގެ ގޮތުގައި މަހަކު 1200 ރުފިޔާ ލިބޭނެއެވެ. މީގެއިތުރުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާވެސް ލިބޭނެއެވެ.

ކިންގް ސަލްމާން މިސްކިތަކީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދުގެ އެހީގެ ދަށުން ބިނާކުރި މިސްކިތެކެވެ. މި މިސްކިތް އަންނަ ރޯދަމަހު ބޭނުންކުރަން ފެށޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

މިސްކިތް ރަސްމީކޮށް ނުހުޅުވި ލަސްވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވެޑައިގަތުމަށްް ސައުދީ ސަރުކާރުގެ އިސް ބޭފުޅުންތަކެއް ވަޑައިގަތުމަށް ހަމަޖެހިފައިވާތީކަމަށެވެ. މިދިޔަ އަހަރުގެ މާރިޗުމަހު ހުޅުވަން ނިންމާފައިވާ މިސްކިތް މިހާތަނަށްވެސް ހުޅުވުފައި ނުވަނީ ކޯވިޑާއި ގުޅިގެން އެ ބޭފުޅުންނަށް ރާއްޖެއަށް ވަޑައިނުގެންނެވިގެންކަން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

5 ފަންގިފިލާއަށް ފަރުމާކޮށްފައިވާ ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރުމަށް ޚާއްސަ ބައެއްގެ އިތުރުން، އިސްލާމީ މަރުކަޒަކުން ލިބޭނެ ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ. މިސްކިތުގައި ނަމާދުކުރާ ބައިގެ ގޮތުގައި ޚާއްސަކޮށްފައިވަނީ ފުރަތަމަ ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާއެވެ. މި ދެ ބައިގައި ގާތްގަނޑަކަށް 4000 މީހުންނަށް އެއް ފަހަރާ ނަމާދުކުރެވޭނެއެވެ.