ވިޔަފާރި

ޖޫންމަހުން ފެށިގެން އިކޮނޮމިކް މިނިސްޓްރީގެ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް


އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއްވެސް އޮންލައިންކޮށް ފޯރުކޮށްދޭން ފެށުމަކީ އަމާޒެއްކަމަށް ރަޖިސްޓްރަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރަޖިސްޓްރަރ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމް ވިދާޅުވީ އޮންލައިންކޮށް ޚިދުމަތްތައް ދިނުމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވަމުންދާ ކަމަށެވެ. އެގޮތުން މިކަމާއި ގުޅޭ މައުލޫމާތުތައް އާއްމުންނަށް ދިނުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ވިސާމް ވިދާޅުވިއެވެ.

" ޙިދުމަތެއް ހޯދަން އެނގި ވަޑައިނުގަންނަވާ ފަރާތްތަކަށް، ސަރުކާރު ހިއްސާވާ ކުންފުންޏެއް އެބައޮތް ބިޒްނަސް ސެންޓަރ ކޯރޕަރޭޝަން، އެ ހަމަ މައިގަނޑު މަޤްސަދަކީ އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށާއި، ވިޔަފާރި ކުރާ ފަރާތްތަކަށް މިގޮތަށް އޮޅުން ފިލުވަ ދޭން ޖެހޭ ކަންތައްތައް އޮޅުން ފިލުވައިދީ ތަމްރީން ޕްރޮގްރާމްތައް ހިންގައިދީ، މި ފަރާތްތަކުގެ ހުރި ނޮލެޖް ގެޕް ފިލްކުރަން މަސައްކަތްކުރާނެ،" ވިސާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ މިހާރު ހުރި ސިސްޓަމްތަކަކީ ދިގު ރާސްތާގައި ކަންކަން ހިނގާނެ ގޮތަށް ވިސްނައިގެން ތަރައްޤީކުރެވިފައިވާ ސިސްޓަމްތަކެއް ނޫންކަމަށެވެ. އަދި އޮންލައިންކޮށް ޙިދުމަތް ހޯދުމުގައި އާއްމުންގެ އަޙުލުވެރިކަންވެސް ވަރަށް ކުޑަކަން އޭނާ ފާހަގަކުރެއްވިއެވެ.

" ޙިދުމަތް ދިނުމަށް މި ގެންގުޅޭ ޕޯޓަލް، ބިޒްނަސް ޕޯޓަލް، މި ޕޯޓަލްއަށް ރަޖިސްޓްރީކޮށްފައި ހުރި ފަރާތްތަކުގެ ތެރޭގައި ގާތްގަނޑަކަށް 10000 ފަރާތް އެބަ ހިމެނޭ، އެތަނުން 8000 އަކަށް ފަރާތުން ސިސްޓަމް މެދުކޮށް އެކި ކަހަލަ ޙިދުމަތްތަކަށް އެދިފައި ހުރީ،" ވިސާމް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން 100 އިންސައްތަ ޑިޖިޓަލައިޒޭޝަންއާ ދިމާލަށްދާއިރު، ހުރިހާ ފަރާތްތަކުންވެސް މިކަމަށް އަހުލުވެރިވެ، މައުލޫމާތު ހޯދުމަށް ވިސާމް ވަނީ އެދިވަޑައިގެންފައެވެ. އަދި މިކަމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެމިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ވިސާމް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޚިދުމަތްތައް އެއްކޮށް ޑިޖިޓަލްކުރަން މަސައްކަތްކުރަމުންދާއިރު، ކޯވިޑާ ގުޅިގެން ރާއްޖޭގެ ވިޔަފާރިތަކާއި އެކިއެކި މުޢައްސަސާތަކުން ފޯރުކޮށްދޭ ގިނަ ޚިދުމަތްތަކެއް ވަނީ އޮންލައިންކޮށް ފޯރުކޮށްދޭން ފަށާފައެވެ.