ޚަބަރު

ފުލުހުންނާއި ކައުންސިލްތައް ގުޅިގެން މަސައްކަތްކުރާނެ އޮނިގަނޑުތައް ހެދޭނެ: މިނިސްޓަރ އިމްރާން


ކުރިއަށްއޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ފުލުހުންނާއި ކައުންސިލްތައް ގުޅިގެން މަސައްކަތްކުރާނެ އޮނިގަނޑުތައް ހެދޭނެކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އދ.އޮމަދޫ ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ އުޞޫލުތަކާއި, ޤަވާއިދުތަކުގެ ތެރެއިން ލަސްތަކެއްނުވެ އޮނިގަނޑު ހަމަޖެހިގެންދާނެކަމަށެވެ. އެމަސައްކަތުގައި އެލްޖީއޭއާއި, ކައުންސިލްތަކާއި, ފުލުހުންނާއެކުގައި މަޝްވަރާ ކުރެވި, އުފެދިގެންދާ ޤަވާއިދުތަކަކީ ރަށުގެ އަމާން ވެއްޓަކަށް މަގުފަހިކުރުމަށް އެންމެ މުހިއްމު އެއްކަންތައްކަން އެމަނިކުފާން ފާހަގަކުރެއްވިއެވެ.

ފުލުހުންގެ އާޤާނޫނަށް އަމަލުކުރަން ފެށުމަކީ ފުލުހުންގެ މުއައްސަސާއަށާއި, ރައްޔިތުންނަށް ލިބިގެންދިޔަ ހިތްހަމަޖެހުމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެއީ ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށްވެސް ލިބުނު ބޮޑު ކުރިއެރުމެއްކަމަށެވެ. މިޚިދުމަތް ފުޅާކުރުމަށްޓަކައި އެޅުނު ބިންގަލުގެ މައްޗަށް އަތޮޅުތެރޭގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ވަރަށްބޮޑު އަމާޒެއް ހިފާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ވަނީ އަޅުގަނޑުމެންނަށް ވަރަށް ވަރުގަދަ އަމާޒެއް ދެއްވާފަ. ކުރިއަށް މިއޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަކީ ވަރަށްބޮޑު ޒިންމާއެއް, ވަރަށްބުރަ މަސައްކަތެއް. މިމަސައްކަތް ކުރެވިގެންދާނީ ފުލުހުންގެ އެންމެ އިސް ސަފުން ފެށިގެން ހުރިހާ އޮފިސަރުންގެ އެހީތެރިކަމާއި, އެއްބާރުލުމާއެކުގައި." މިނިސްޓަރ ވިދާޅުވިއެވެ.

އަތޮޅުތެރޭގެ ވެށި އެކުލެވިގެންވަނީ ހަޤީޤަތުގައިވެސް ވަރަށް އަމާން ޞުލުހަވެރި ވެއްޓެއްގެ ގޮތުގައިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މަސްތުވާތަކެތި ފުޅާދާއިރާއެއްގައި ފެތުރި އެކަމާ ގުޅިގެން އުފެދިގެންދާ ކުށްތަކަކީ ރަށްރަށުން ފެނުމަށް ރައްޔިތުން ނޭދޭ އެކަމަކު ކޮންމެވެސް ވަރަކަށް ފެންނަމުންދާ ކަންކަން ކަމަށެވެ.

އެކަމުން މުޖުތަމައު ސަލާމަތްކުރުމަށް ފުލުހުން ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް މިއަދު ލާމަރުކަޒީ އުޞޫލުތައް ހަމަޖެހިގެންދާގޮތުން ކައުންސިލްތަކުން ފުލުހުންނަށް ދެވޭ އެއްބާރުލުމަކީ ރަށުގެ ކުށުގެ ވެށި ހަމަޖެހި, އަމާން ޞުލުހަވެރި ވެއްޓަކަމަށް ވުމަށްޓަކައި ވަރަށް މުހިއްމުކަމެއްކަމަށް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.