ޚަބަރު

ސުއޭޒު ކެނަލުން ދަތުރުނުކުރެވި އޮތް ހުރިހާ ބޯޓެއް އެ ސަރަޙައްދު ހުރަސްކޮށްފި


މިޞްރުގެ ސުއޭޒު ކެނަލުން ދަތުރުނުކުރެވި އޮތް ހުރިހާ ބޯޓެއް އެ ސަރަޙައްދުން ހުރަސްކޮށްފިއެވެ.

ޕަނަމާގައި ދަފުތަރުކޮށްގެން ދުއްވާ 1،300 ފޫޓުގެ އާގުބޯޓެއްކަމަށްވާ އެވަރ ގިވަން ސުއޭޒު ކެނަލުގައި ހުރަސްވީ މާރިޗު މަހުގެ 23ވަނަ ދުވަހުއެވެ. އޭގެ ސަބަބުން ދުނިޔޭގެ މައި ވިޔަފާރި ދޮރާޓެއްކަމަށްވާ ސުއޭޒު ކެނަލު ހުރަސް ނުކުރެވި އެތައް ސަތޭކަ ބޯޓެއް އެ ކެނަލުގެ ދެ ފަރާތުގައި ތާށިވިއެވެ. އެ ބޯޓު ފުންކޮށް ސުއޭޒު ކެނަލު އާންމު ދަތުރުފަތުރަށް ހުޅުވާލެވުނީ 6 ދުވަސް ފަހުންނެވެ. އޭރު އެ ސަރަޙައްދުން ހުރަސްނުކުރެވި 422 ބޯޓު އޮތެވެ.

ސުއޭޒު ކެނަލު ހިންގާ މިޞްރުގެ ދަޢުލަތުގެ ޙިއްޞާ އޮންނަ ސުއޭޒު ކެނަލް އޮތޯރިޓީން ބުނީ އެ ބޯޓުތަކުގެ ތެރެއިން އެންމެ ފަހު 61 ބޯޓު ސުއޭޒު ކެނަލު ހުރަސްކޮށްފައިވާކަމަށެވެ. އެ ބޯޓުތައް އެ ސަރަޙައްދުން ހުރަސްކުރީ އޭޕްރިލް މަހުގެ 3ވަނަ ދުވަހުގައެވެ. އެވަރ ގިވަން ފުންކުރިފަހުން އެ ސަރަޙައްދަށް ދިޔަ އިތުރު 24 ބޯޓުވެސްވަނީ ސުއޭޒު ކެނަލު ހުރަސްކޮށްފައެވެ.

އެވަރ ގިވަން ސުއޭޒު ކެނަލުގައި ހުރަސްވި ސަބަބު ދެނެގަތުމަށް ސުއޭޒު ކެނަލް އޮތޯރިޓީންވަނީ ތަޙުޤީޤެއް ފަށައިފައެވެ. އެ ތަޙުޤީޤުގެ ކަންކަން ރަނގަޅަށް ކުރިއަށްދާކަމަށާއި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ތަޙުޤީޤު ނިންމައިލެވޭނެކަމަށް އެ ކުންފުނިން ބުނެއެވެ.