ޚަބަރު

ފޭސްބުކު ބޭނުންކުރާ 533 މިލިއަން މީހުންގެ ޒާތީ މަޢުލޫމާތު އާންމުކޮށްފި


ފޭސްބުކު ބޭނުންކުރާ 533 މިލިއަނަށްވުރެ ގިނަ މީހުންގެ ޒާތީ މަޢުލޫމާތު އާންމުކޮށްފިއެވެ.

ދަށް ފަންތީގެ ހެކަރުންގެ ފޯރަމެއް ބޭނުންކުރާ މީހަކުވަނީ ފޭސްބުކު ބޭނުންކުރާ 533 މިލިއަން މީހުންގެ މަޢުލޫމާތު އޭނާ އަތުގައި ހުރިކަމަށާއި އެ މަޢުލޫމާތުތައް އަގަކާ ނުލައި ޙިއްޞާކުރުމަށް ތައްޔާރަށް ހުރިކަމަށް ބުނެފައެވެ. އޭގެ ތެރޭގައި 106 ޤައުމަކަށް ނިސްބަތްވާ މީހުންގެ މަޢުލޫމާތު ހުރިކަމަށް އޭނާ ބުނެއެވެ.

ފޭސްބުކު ބޭނުންކުރާ އެތައް މިލިއަން މީހުންގެ ފޯނު ނަންބަރާއި އުފަންދުވަހާއި އެހެނިހެން ޒާތީ މަޢުލޫމާތު އެކުލެވޭ އެ ޑާޓާބޭހަކީ މިދިޔަ ޖަނަވަރީ މަހުން ފެށިގެން ދައުރުވަމުންދާ ޑާޓާބޭހެއްކަމަށް އިސްރާއީލުގެ ސައިބަރ ސެކިއުރިޓީ ކުންފުންޏެއްކަމަށްވާ ހަޑުސަން ރޮކުން ބުނެއެވެ. އެ ކުންފުނިން ބުނީ އެ ޑާޓާބޭހުގައި ހުރި ބައެއް މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތުކަން ޔަޤީންވެފައިވާކަމަށެވެ. އެ ޑާޓާބޭސް ބެލި ބައެއް ނޫސްވެރިންވެސްވަނީ އޭގެ ޞައްޙަކަން ކަށަވަރުކޮށްދީފައެވެ.

އެކަމާ ގުޅިގެން ފޭސްބުކުން ނެރުނު ބަޔާނެއްގައި ބުނީ އެ ޑާޓާބޭހުގައި ހުރި މަޢުލޫމާތަކީ ވަރަށް ދުވަސްވީ މަޢުލޫމާތުތަކެއްކަމަށާއި އެ މަޢުލޫމާތުތަކަކީ 2019ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ފޭސްބުކުން ޙައްލުކޮށްފައިވާ މައްސަލައަކާ ގުޅުންހުރި މަޢުލޫމާތުތަކެއްކަމަށެވެ. ޑާޓާބޭހުގައި ހުރި މަޢުލޫމާތުތަކަކީ ދުވަސްވީ މަޢުލޫމާތުތަކެއް ނަމަވެސް އެ މަޢުލޫމާތު ބޭނުންކޮށްގެން ޑާޓާބޭހުގައި ހުރި މީހުންގެ ލޮގިން މަޢުލޫމާތު ސައިބަރ ކުށްކުރާ މީހުން ހޯދުމުގެ ފުރުޞަތު އޮންނާނެކަމަށް ހަޑްސަން ރޮކުން ބުނެއެވެ.