ޚަބަރު

ލޯފަން ކުދިންނަށް ހާއްސަކޮށްގެން ޤުރުއާން ހިތުދަސްކޮށްދިނުމުގެ ކޯހެއް ފަށަނީ


ލޯފަން ކުދިންނަށް ޚާއްސަކޮށްގެން ޤުރުއާން ހިތުދަސްކޮށްދޭ ކޯހެއް ފެށުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ނިންމައިފިއެވެ.

އިސްލާމީ ޔުނިވަރސިޓީން ވިދާޅުވީ މި ކޯހުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ރަމަޞާންމަހުގެ ފުރަތަމަ ހަފްތާގައި ކަމަށެވެ. އަދި މިއީ ލޯފަން ކުދިންނަކީ މުޖުތަމަޢުއިން ބާކީކޮށްފައިވާ ބަޔެއްގެ އިހުސާސް އެ ކުދިންނަށްވިޔަ ނުދީ، އެކުދިންނަކީވެސް މުޖްތަމަޢުގައި މުހިންމު ކުދިންތަކެއްގެ އިޙުސާސް އެކުދިންނަށް ކުރުވައިދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ ކޯހެއްކަމަށެވެ.

މި ކޯހުން ތަމްރީންވާ ދަރިވަރުންނަކީ މުސްތަޤްބަލްގައި އެކި އެކި ސްކޫލް މަދަރުސާ، މިސްކިތްތަކުގައި ކިޔަވައިދެއްވާ ނުވަތަ އިމާމްވެ ނަމާދު ކުރައްވާނެ ފެންވަރުގެ ފަޚުރުވެރި ދަރިންތަކަކަށް ހެދުމަކީ އަމާޒެއްކަމަށް އިސްލާމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.

2 އަހަރު ދުވަހަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކިޔެވުމުގެ ފުރުޞަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުންނަށް ވަނީ ހުޅުވާލާފައެވެ.

މި ކޯސް ކުރިއަށްގެންދަނީ އޮންލައިންކޮށާއި ކެމްޕަސްއަށް ޙާޒިރުވެގެން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތުވެސް ދީގެންނެވެ.

މި ކޯހަކީ ޔުނިވަރސިޓީއިން މުޅިން ހިލޭ ކިޔަވައިދޭ ކޯހެކެވެ. އަދި އޮންލައިންކޮށް މި ކޯހުގައި ބައިވެރިވާ ދަރިވަރުންނަށް އޮންލައިންކޮށް ކިޔެވުމަށްޓަކައި ކުރަންޖެހޭ އެންމެހާ ޚަރަދުތައް އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ފަހިކޮށްދޭނެކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއެވެ.

މި ކޯހަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު އެޕްލިކޭޝަން ހުށައެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 8 ވަނަ ދުވަހުއެވެ. މި ކޯހުގައި 16 އަހަރުން ދަށުގެ ބައިވެރިން ބައިވެރިވާން އެދޭނަމަ، ބެލެނިވެރިޔާގެ ސިޓީއެއް ހުށަހަޅަންޖެހެއެވެ.